އިންސާފު ނިމެނީ އެމީހަކަށް ލިބޭ ހިސާބުން

15 އޯގަސްޓް 2022 - 17:45

ރާއްޖޭގައި އިންސާފާއި ބޭއިންސާފަކީ ވަކިވަކި ފަރުދުންގެ ފިކުރުގެ މައްޗަށް ބިނާވެފައި އޮންނަ އެއްޗެއްކަމުގައި ވަނީ ވެފައެވެ. ގިނަ މީހުން އިންސާފު މިނެކިރަނީ އެ މީހެއްގެ ފިކުރެއްގެ މައްޗަށް ބަލައި ތިމާ ރުހޭ ނުވަތަ ނުރުހޭ ކަންކަމުގެ މައްޗަށް ގުޅުވަައިގެންނެވެ. ރުހޭ މީހަކު ކޮންމެ ފަދަކަމެއް ކުރިޔަސް ވަރި ހަމަވާ އުސޫލު އޮވެފައި، ނުރުހޭނަމަ ރަނގަޅު ހަމައެއްގޮތެއްވެސް ނޯވެއެވެ.

ރާއްޖޭގައި ވެސް އިންސާނީ ހައްގުތަކުގެ ވާހަކަ ފެށިގެން އައި އިރު އެކި ފަރާތްތަކުގެ ހައްގުތަކައިގެން އަޑު އުފުލާނެ އެތައް ބަޔަކު ތިއްބެވެ. ޑިމޮކްރަސީގެ ހަރަކާތްތައް ފެށިގެން އައި އިރު މުޒާހަރާތަކާއި އެއްވުންތަކުގައި އަބަދު ވެސް ދައްކަމުން އައީ އަނެކާގެ ހައްގުތަކުގެ ވާހަކައެވެ. ދިވެހިންނަށް ގެއްލިފައިވާ ހައްގާއި އިންސާފުގެ ވާހަކައެވެ. އަނިޔާ ލިބޭ މީހާގެ ހައްގުގައި ވާހަކަ ދައްކާނެ އެތައް ބަޔަކު ތިބެއެވެ.

advertisement

ޒަމާން ބަދަލުވެއްޖެއެވެ. މިހާރު ހައްގުތަކާއި އިންސާފުގެ ވާހަކަ ވެސް ތިމާގެ އޮޅިގަނޑާ ހަމައިން ނިމެނީއެވެ. އަނެއްކާ އަށް ލިބޭ ގެއްލުންތަކާއި އަނެކާގެ ގެއްލިފައިވާ ހައްގުތަކަށް ވަކާލާތު ކޮށްދޭނެ ބަޔަކު ނެތެވެ. ހާއްސަކޮށް މަންފާއެއް ނެތި ބަހެއް ބުނެލާނެ މީހަކު ވެސް ވަރަށް މަދެވެ. އަމިއްލަ ފަރުދުންގެ ވާހަކަ ބާއްވާށެވެ. ތަފާތު އެކި ޖަމިއްޔާ ޖަމާއަތްތައް ވެސް ކޮބައި ހެއްޔެވެ؟

ކުޑަކުދިންގެ ހައްގުތައް ގެއްލެނީއެވެ. ޖިންސީ ގޯނާއި ގެވެށި އަނިޔާގެ މައްސަލަތައް ކޮންމެ ދުވަހަކުހެން ފެންމަތިވެއެވެ. އެފަދަ ކަންކަމުގައި ވަކާލާތުކުރުމަށް ތަފާތު އެކި ޖަމިއްޔާ ޖަމާއަތްތައް ރަޖިސްރީކޮށްފައި ވެއެވެ. ގިނަ ޖަމްއިއްޔާތަކާއި ސިޔާސީ އައްޑާތަކަކީ މަދުބައެއްގެ ހައްޤަށް ވަކާލާތުކުރާ ދުންމާރިއަކަށް ވަނީ ވެފައެވެ.

ބޮޑެތި މަރުތަކާއި އަނިޔާވެރި އެތައް ހާދިސާއެއް އެބަ ހިނގައެވެ. ކަމާ ގުޅުންހުރި އިދާރާތަކުން ބަޔާނެއް ނެރެލީމާ އެކަން އެ ނިމުނީއެވެ. ސިޔާސީ ޕާޓީތައް ވެސް ހަމަ އެފަދައެވެ. އަމިއްލަ މަންފާއެއް ނެތް ކަމެއްގައި އެ މީހުން ވެސް ތިބެނީ ހަނެވެ. ސިޔާސީ ޕާޓީތައް ވެސް ފެންނަނީ އެ ޕާޓީއެއްގެ ލީޑަރުންގެ ފަހަތުން އެނބުރޭ ތަނެވެ. އެއް ބަޔަކު ލީޑަރަށް ދެވަނަ ދައުރެއް ހޯދައިދިނުމުގައި އަވަދި ނެތިއެވެ. އަނެއް ބަޔަކު ވެރިކަމުގެ ނިޒާމޭ ކިޔައިގެން ބޮޑުވަޒީރަކަށް ގެނެވޭތޯއެވެ. އަނެއް ބަޔަކު ވެރިކަން ވައްޓާލައި އެ މީހުންގެ ލީޑަރަށް ވެރިކަން ލިބޭތޯއެވެ. އަނެއް ބަޔަކު ފައިސާ އާއި މުދާވެރިކަމުގެ ބާރުގައި ވެރިކަމަށް ދަހިވެތިވެފައެވެ. ދެން އުޅޭ ބަޔަކު ބޮޑާ ހާކައިގެން ސަރުކާރުން ފޮއްޗެއް ލިބޭތޯއެވެ.

ގިނަ ރައްޔިތުންގެ ހާލަތަކީވެސް ހައްޤުގެ ވާހަކަ ދެކެވެނީ އެމީހަކަށް އެކަމުން ފައިދާއެއް ކުރާނަމަ އެކަނިއެވެ. ތިމާ ފަރުދީގޮތުން ކަމެއް ހާސިލްވުމުން ނިމުނީއެވެ. އަނެއްކާގެ ހައްގާ މެދު ވިސްނުމުގެ ބޭނުމެއް ވެސް ނެތް ކަހަލައެވެ. އަބަދު ވެސް ދައްކަނީ ތިމާ އަށް ލިބެންޖެހޭ އެއްޗެއްގެ ވާހަކައެވެ. ތިމާ އަށް އިންސާފު ލިބުމުން ނިމުނީއެވެ. ޑޮމްކްރެސީގެ ބޮޑެތި ޗެމްޕިއަނުން ކަމަށް ވަކާލާތުކުރާ ބޭފުޅުންވެސް އިޤްތިޞާދީ އަދުލުވެރިކަމުގެ ވާހަކަ ދައްކަން ފެށުމާއެކު ރާގު ބަދަލުވެ ލަދުވެތި ދަރަޖައަކަށް ބަސްމަގު ވައްޓާލަނީއެވެ. ބޮޑު ކަމެއް ހިނގާއިރަށް ސޯޝަލް މީޑިއާގައި ކުށްވެރިކޮށްލުމަށްފަހު ވަރިހަމަކޮށްލަނީއެވެ. ދެތިން ދުވަހަކު އެ ވާހަކަ ދައްކާލާފައި ދެން އެކަމުގައި ބަހެއް ބުނާނެ މީހަކު ވެސް ނުހުރެއެވެ. ކޮންމެ މީހަކަށް ވެސް އިންސާފަކީ އެމީހަކަށް ލިބޭ ހިސާބުން ނިމޭ އެއްޗެކެވެ. ދެންތިބި ބަޔަކު ހަނާވިޔަސް ފަރުވާލެއް ނެތެވެ.

ރިއެކްޝަންސް
0
0
0
0
0
0
0