ބުރިޖު ޕްލެޓްފޯމް ފުއްޓަރު ފަރާތު ފަރުގައި ޖެހޭ އަޑާއި އޭގެން އަރާ ލޮޅުން ރަށުތެރެއަށް

24 އޯގަސްޓް 2022 - 10:01

“ކޮންމެ ރާޅަކާއި އެކީ އެ ބިޔަ ޕްލެޓްފޯމް ވިލިމާލެ ފުއްޓަރު ފަރާތު ފަރުގައި ޖެހޭ އަޑާއި އޭގެން އަރާ ލޮޅުމުގެ އަސަރު ރަށުތެރެއިން ވެސް އިހުސާސްކުރެވެއެވެ.” ތިލަމާލެ ބުރިޖު އެޅުމަށް ހަދާފައިވާ ޕްލެޓްފޯމް ރާޅާއި އެކު ވިލިމާލެ ފަރަށް އަރާފައި އޮންނަތާ ހަފްތާއެއްވެފައިވާއިރު، އޭގެން ވާ ގެއްލުމުގެ އަސަރު އެ އަވަށުގެ ޖަމިއްޔާއެއް ކަމަށްވާ ވިލިޖޯލި އަދި ސޭވް ދަ ބީޗްއިން ނެރުނު ބަޔާނުގެ މި ޖުމްލައިން އެކަނި ސާފުވެއެވެ.

ބުރިޖުތައް އެޅުމާއި މިފަދަ ބޮޑު ބިޔަ މަޝްރޫއުތަކުގައި މުޅި އިންޑިއާގައި ވެސް އެންމެ މަޝްހޫރު އެއް ކުންފުނި އެފްކޮންސް އާ ހަވާލުކޮށްގެން މި މަސައްކަތް ފަށާފައި ވަނިކޮށް، މޫސުމާއި ވިއްސާރައިގައި އެ ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރީ މިދިޔަ ހަފްތާ އަންގާރަ ދުވަހުއެވެ. އެކަމަށް ހަފްތާއެއް ވެގެން ދިޔަ އިރު، އަދިވެސް އެ ޕްލެޓްފޯމް އޮތީ ފަރުމަތީގައެވެ.

advertisement

މިކަމާ ގުޅިގެން އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރައްޔިތުންގެ މަޖިލީހަށް ވެސް ކުށްލި މައްސަލައެއް ވައްދާ މިކަމުގެ ބަހުސްކޮށްފައިވެއެވެ. ޕްލެޓްފޯމު ފަރަށް އެރިތާ ހަފްތާއެއް ފަހުން ޕްލޭނިން މިނިސްޓްރީން އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި މިކަމުގެ ތަފްސީލްތައް ހިއްސާކުރިއެވެ.

ބޮޑު ގެއްލުމެއް، އެއްފައި ހުރީ ފަރުތެރެއަށް ވަދެ ތަށިވެފައި:

މިނިސްޓްރީގެ ފަރާތުން މި މަޝްރޫއުގެ ޕްރޮޖެކްޓް މެނޭޖަރަކަށް ކަނޑައަޅާފައިވާ މުހައްމަދު ޖިނާން ސައީދު ވިދާޅުވިގޮތުގައި އެކަން ހިނގަން މެދުވެރިވީ މޫސުމުގެ ސަބަބުނ އެ ސަރަހައްދުގައި އެވަގުތު އޮއެވަރު ހުރިގޮތުންނެވެ. އޭނާ ވިދާޅުވިގޮތުގައި މިފަދަ ބޮޑު މަޝްރޫއެއްގައި އެއީ ހިނގާފާނެ ވަރުގެ ކަމެކެވެ.

ޕްލެޓްފޯމް އެހިސާބަށް ގެންގޮސް އެންކަރ ކުރަން އުޅުމުގެ ތެރޭގައ ހިނގި މި ހާދިސާގެ ސަބަބުން އެ ޕްލެޓްފޯމުގެ އެއްފައި ފަރުތެރެއަށް ވަދެ ތާށިވެފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި އެތަނުން ޕްލެޓްފޯމް ނުނެގި ލަސްވަމުން ދަނީ ވެސް އެކަމާ ގުޅިގެން ކަމަށް ވެސް ބުންޏެވެ.

“އެތަނުން ތިން އެންކާ ސްޕަޑް އެވަގުތު އިނީ ރީފް މަތީ ޖެހިފައި. އަޅުގަނޑުމެންނަށް ބޮޑަށް ފާހަގަވީ، އެތަނުން އެއް އެންކާ ސްޕަޑް ވަރަށް ބޮޑަށް ރީފް ތެރޭ ވަރަށް ބޮޑަށް ޕެނެޓްރޭޓްވެފައި އިން. އަޅުގަނޑުމެން ބެލި ބެލުމުން މި ސްޕަޑް ނުނަގާ ޕްލެޓްފޯމު ޓޯ ކޮށްފިއްޔާ ރީފަށް އިތުރު ބޮޑެތި ގެއްލުންތަކެއް ވެގެން ހިނގައިދާނެތީ، އެންމެ އިސްކަމެއްގެ ގޮތުގައި މިވަގުތު ކުރަމުން ދަނީ، ޕެނެޓްރޭޓްވެފައި އިން އެންކާ ސްޕަޑް އެ ތަނުން ނެގުމުގެ މަސައްކަތް” ޖިނާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ފަރަށް ގެއްލުން ނުވާނެހެން އެތަނުން ޕްލެޓްފޯމް ނެގުމަށް އެ ކުންފުނިން އަންނަނީ އެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ. އެކަމަކު އެކަން އަދި ކާމިޔާބެއް ނުވެއެވެ.

“ވަގުތުން ޓޯކޮށްގެން ނަގައިފިއްޔާ އެ ތަނަށް އޭތި ސިންކްވުމުގެ ފުރުސަތު އެބައޮތް. އޭރުން އަނެއްކާވެސް ވާނީ ރީފަށް ލިބޭ ބޮޑު ގެއްލުމަކަށް. އެހެންވީމަ އެ ހުރިހާ ކަމަކަށް ވެސް ބަލައިގެން ކެއާފުލީ އެތަނުން އޭތި ނެގުމުގެ މަސައްކަތް ކުރަނީ” ޖިނާން ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީން މި ތަފްސީލްތައް ހިއްސާކޮށްފައި ވަނިކޮށް އެންވާރަމަންޓް ޕްރޮޓެކްޝަން އެެޖެންސީން ވެސް އެ ކުންފުނީގެ އިސް ފަރާތްތަކާ ބައްދަލުކުރުމަށް ފަހު ބުނީ ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ޕްލެޓްފޯމް އެތަނުން ނެގޭނެ ކަމަށެވެ. އަދި އޭގެ ފަހުން ފަރަށް ލިބިފައިވާ ގެއްލުންތައް ބަލާނެ ކަމަށް ބުނެފައިވެއެވެ.

ރިއެކްޝަންސް
0
0
1
1
2
0
3