ގާސިމްގެ “ލިވާތު އިސްލާހު” ން އެ ކުށުގެ އަދަބަކަށް ބަދަލެއް ނާންނާނެ

27 އޯގަސްޓް 2022 - 12:27

ރާއްޖޭގައި މިފަހުން ބަޔަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވެ މި މައްސަލާގައި ބައެއް މީހުންގެ މައްޗަށް ދައުވާ ވެސް އުފުލާފައިވާއިރު، އެމީހުން މިނިވަންވެފައިވާތީ ކަމަށާއި، އެއީ ކުޑަ ކަމެއްގެ ގޮތުގައި ސިފަކުރަނީ ކަމަށް ބުނެ އެކަން ހަރުކަށިކުރުމުގެ ނިޔަތުގައި ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހެޅީ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމެވެ.

ގާސިމް އިސްލާހަކަށް ހުށަހެޅީ އެއްޖިންސުން ގުޅުން ހިންގުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޮޑު ކުށްތަކުގެ ތެރޭގައި އެއްޖިންސުން ގުޅުން ހިންގުން ހިމެނުމަށެވެ. ގާސިމްގެ އިސްލާހުގައި އިތުރު ކަމެއް އަދި އޭގެއިން ނިކުންނާނެ ނަތީޖާއަކާއި އެދެވޭ ބަދަލެއް ހިމަނާފައެއް ނުވެއެވެ.

advertisement

ޖިނާއީ އިޖުރާއަތުގެ ގާނޫނު:

ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ ކުށެއް ކޮށްފި ނަމަ އެކަމެއް ތަހުގީގުކުރުމާއި، ދައުވާކުރުމާއި، އެކަމުގައި އަމަލުކުރަން ޖެހޭ ޕްރޮސީޖާ ނުވަތަ އިޖުރާއަތްތައް ބަޔާންކުރާ ގާނޫނެވެ. މައިގަނޑުގޮތެއްގައި މި ގާނޫނުގެ ދަށުން އެންމެ ބޮޑު އެއް ކަމަކަށް އޮންނަނީ ކުށުގެ ތުހުމަތުވާ މީހާއަށް މުއްދަު ޖެހުމެވެ. އެގޮތުން އެ ގާނޫނުގައި ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާފަދަ ކުށެއް ކޮށްފިކަމަށް ތުހުމަތު ކުރެވޭ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރެވިދާނެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޖުމްލަ 12 ކުށެކެވެ. އޭގެ ތެރޭގައި މީހަކު މެރުމާއި، ޓެރަރިޒަމް ފަދަ ކަންކަން ހިމެނެއެވެ.

އެ އިސްލާހު ފާސްވެ ގާނޫގައި ހިމެނިއްޖެ ނަމަ، އަންނާނެ ހަމައެކަނި ބަދަލަކީ އެފަދަ ކުށެއް ކުރާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އިޚްތިޔާރު ކޯޓުތަކަށް ލިބުމެވެ. | ފޮޓޯ: މަޖިލިސް

މި ގާނޫނަކީ އެއްވެސް ވަރަކަށް ކުށުގެ ދަރަޖަ އާއި، އެ ކުށެއް ސާބިތުވެއްޖެ ނަމަ އެމީހަކަށް ލިބޭނެ އަދަބު ކަނޑައަޅާފައިވާ ގާނޫނެއް ނޫނެވެ. މި ގާނޫނު ހިނގާނީ ހަމައެކަނި މައްސަލާގެ އިޖުރާއަތްތައް ހަމަކުރުމާއި ހަމައިންނެވެ. ކުށުގެ ދަރަޖައާއި، އެ ކުށެއްގެ އަދަބު ކަނޑައެޅުން އޮންނަނީ ގާނޫނުލް އުގޫބާތުގައެވެ.

އެހެންވެ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްތަކަށްވެސް ދެވޭ އަދަބުތައް ތަފާތު ވާނެއެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ ކުށަށް މިހާރު އޮންނަ އަދަބު:

ގާނޫނުލްއަގޫބާތުގައި ހުއްދަ ނޫން ޖިންސީގުޅުންތަކުގެ ތެރޭގައި އެއްޖިންސުން ގުޅުން ހިންގުން ހިމަނާފައިވެއެވެ. އެ ކުށުގެ އަދަބު ތަފްސީލަށް ބަލާއިރު، އެ އަމަލުކުރާ މީހާ އަކީ ކޮން ހާލަތެއްގައި ހުރި މީހެއްތޯ ބަލައި ރިއާޔަތްކުރަން ޖެހެއެވެ.

އެމީހާއަކީ މީހަކާ އިނދެގެން ހުރި މީހެއް ނަމަ އެއީ 5 ވަނަ ދަރަޖައިގެ ކުށެކެވެ. ގާނޫނުލްއގޫބާތުގައި ކުށް ދަރަޖަކޮށްފައިވާގޮތަށް ބަލާއިރު، 5 ވަނަ ދަރަޖައިގެ ކުށެއް ކޮށްފި މީހަކަށް ދެވޭނެ އަސާސީ އަދަބަކީ 9 މަހާއި 18 ދުވަހުގެ އަދަބެކެވެ. އެންމެ ބޮޑު އަދަބަކީ 2 އަހަރުގެ އަދަބެކެވެ.

އެ ކުށްކުރި މީހުންގެ ތެރެއިން އެކަކު މީހަކާ އިނދެގެން ހުރި ނަމަ އެއީ ޖުނަހުގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ. އޭގެ އަސާސީ އަދަބަކީ 4 މަހާއި 12 ދުވަހެވެ. އަދި އެންމެ ބޮޑު އަދަބަކީ 1 އަހަރެވެ. ދެމީހުންނަކީ ވެސް މީހުންނާ ނީނދެ ތިބި މީހުން ކަމަށްވާނަމަ އެއީ ޖުނަހުގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ. އޭގެ އަސާސީ އަދަބަކީ 2 މަހާއި 12 ދުވަހެވެ. އެންމެ ބޮޑު އަދަބަކީ 6 މަހެވެ.

މި ކުށަށް އެންމެ ބޮޑު އަދަބެއް ދެވެން އޮންނަނީ އެ އަމަލު ހިންގީ އާއިލާގެ ތެރެއިންކަމަށް ވާނަމައެވެ. އެފަދަ ހާލަތްތަކުގައި އެންމެ ބޮޑު ވެގެން 8 އަހަރުގެ އަދަބު ދެވެން އޮވެއެވެ.

ގާސިމްގެ އިސްލާހުން އަންނާނެ ބަދަލު:

މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހުށަހެޅި އިސްލާހަކީ އެ ކުށް ހަމައެކަނި ބޮޑު ކުށެއްގެ ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހިމެނުން ކަމަށްވާތީ، ގާނޫނުލް އުގޫބާތުގެ ދަށުން އެ ކުށަށް މިހާރު ދެވޭ އަދަބަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

އެ އިސްލާހު ފާސްވެ ގާނޫގައި ހިމެނިއްޖެ ނަމަ، އަންނާނެ ހަމައެކަނި ބަދަލަކީ އެފަދަ ކުށެއް ކުރާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އިޚްތިޔާރު ކޯޓުތަކަށް ލިބުމެވެ. އެކަމަކު އޭނާގެ މައްޗަށް ކުށް ސާބިތުވުމާއި ހަމައިން އޮންނާނީ ގާނޫނުލްއުގޫބާތުގައި މި ކުަށަށް ކަނޑައަޅާފައިވާ އަދަބެވެ.

ރިއެކްޝަންސް
0
0
3
0
0
0
0