އެމްޑީޕީގެ ކޮންގްރެސް: ރިޔާސީ އިންތިހާބުގައި އެކަތިގަނޑެއްގެ ގޮތުގައި އޮންނާނެކަމުގެ އިޝާރާތެއް

28 އޯގަސްޓް 2022 - 15:35

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސް އޮގަސްޓްމަހުގެ 19 ވަނަ ދުވަހު ފެށުމާ ހަމައަށް ޕާޓީގެ އެތެރެ އޮތީ އަނގުރުގަނޑެއްހެން އަނދައަނދައެވެ. އާދީއްތަ ދުވަހުގެ ހަވީރާ ހަމައަށް އައި އިރު ވެސް އެއް ބަޔަކު ފެން އަޅާއިރު އަނެއް ބަޔަކު ތެޔޮ އަޅައި އަލުން ރޯކޮށްލައެވެ. ނަމަވެސް ކޮންގްރެސް ނިމިގެން ދިޔައީ ފަހުގެ ތާރީހެއްގައި ސިޔާސީ ޕާޓީއަކުން ދެއްކި އެންމެ ރީތި ނަމޫނާ ދައްކާފައެވެ. މެންދުރާ ހަމައަށް އޮތް ހޫނުގަނޑު ހަވީރުގެ ވަގުތާ އެކު ފިނިވެގެން ދިޔައެވެ. ރޭގަނޑު ނިންމާލީ އުފަލާއި ކުޅި މަޖަލުގައެވެ.

ހަގީގަތުގައި ވެސް ރާއްޖޭގައި ސިޔާސީ ހަރަކާތްތައް ހިންގާނެ ގޮތުގެ “އަލިފު ބާ” ދިވެހިންނަށް ދަސްކޮށްދިން ބަޔަކަށް ރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީ އެމްޑީޕީ ވާނެކަމާމެދު ޝައްކެއް ނެތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން 1،200 ވަރަކަށް މަންދޫބުން ހިމެނޭހެން އެމްޑީޕީގެ ކޮންގްރެސް ފެށި އިރު އެންމެ ބޮޑު ހިޔާލު ތަފާތުވުމެއް އޮތީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައި އޮތް ވެރިކަމުގެ ނިޒާމާ ބެހޭ ގަރާރާ މެދުގައެވެ. ބަރުލަމާނީ ނިޒާމު ގެންނެވުމަށް ފައި ނަންގަވައިގެން ހުންނެވި ރައީސް ނަޝީދު އާދީއްތަ ދުވަހުގެ ހަވީރާ ހަމައަށް މަސައްކަތްކުރެއްވީ އެ ގަރާރު ކޮންގްރެސް އިން ފާސްކުރެއްވުމަށެވެ.

advertisement

ނަމަވެސް ކޮންގްރެސްގައި އަދި ޕާޓީގައި ވެސް އެ މަނިކުފާނުގެ ބާރު މިހާރު ކުޑަވެފައިވާކަން އެނގިވަޑައިގެން ހުންނަވައި ސަރުކާރަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރުގަދަ އިންޒާރުތައް ދެއްވަމުން ގެންދެވިއެވެ. ނިޒާމުގެ ވޯޓު ނަގަން އެއްބަސްވެވަޑައި ނުގެންފި ނަމަ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުންނަންޖެހޭނީ ޕާޓީގެ 43 ޕަސެންޓް މީހުންނާ ނުލައި ކަމުގެ އިންޒާރު ދެއްވިއެވެ. އަދި ރައީސް ސޯލިހާ އެކު ސިޔާސީ މަސައްކަތް ދެން ނުކުރެއްވޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިއެވެ.

ކޮންގްރެސްގެ ތެރޭގައި ވެސް ފެނިގެން ދިޔައީ ރައީސް ނަޝީދު އެ މަނިކުފާނުގެ ގަރާރު ފާސްކޮށްދިނުމަށް ކޮންގްރެސްމަނުންގެ ކިބައިން އާދޭސްކުރައްވަމުން ގެންދެވި މަންޒަރެވެ. ވާހަކަ ދައްކަވަން ލިބިވަޑައިގެންނެވި ކޮންމެ ފުރުސަތެއްގައި ރައީސް ސޯލިހަށާއި ސަރުކާރަށް އިންޒާރުތައް ދެއްވަމުން ގެންދެވިއެވެ. ކޮންގްރެސްގެ ސައިގަޑީގަ އާއި ހަވާސާގެ ތެރެއިން ކޮންގްރެސްމަނުންގެ ކިބައިން އާދޭސްކުރައްވާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވިއެވެ. ޕާޓީގެ ލަގަން އެމަނިކުފާނަށް ގެއްލިފައިވާކަން އެފަދަ އެތައް ކަމަކުން ސާބިތުވެގެން ދިޔައެވެ.

ހިޔާލުތަފާތުވި ނަމަވެސް އެކީގައި މަސައްކަތް ކުރެވޭނެ

ހިޔާލު ތަފާތުވުންތަކާ އެކު ވެސް މުޅި ޕާޓީ އެކުގައި މަސައްކަތްކުރެވިދާނެކަން މީގެ ކުރިން ވެސް އެމްޑީޕީން ވަނީ ސާބިތުކޮށްދީފައެވެ. ސަރުކާރު ހޮވިގެން މަޖިލީހުގެ ރައީސް ހޮވުމުގެ އިންތިހާބާ ހަމައިން ރައީސް ނަޝީދާއި ރައީސް ސޯލިހާ ދެމެދު ޕާޓީ ދެ ފަޅިއަކަށް ބެހިގެން ދިޔައެވެ. މަޖިލީހުގެ ރައީސްއަކަށް ނޮމިނޭޓްކުރާނެ ފަރާތެއް ހޮވުމަށް ޖަލްސާ ބޭއްވުމާ ހަމައަށް ވެސް ވަރުގަދަ ކޯޅުންތަކެއް ކުރިއަށް ދިޔައެވެ. ނަމަވެސް އެރޭ ވެސް ކަންވެގެން ދިޔައީ ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށެވެ. އަދި މެދުމިނުގެ ހައްލެއްގެ ގޮތުން ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމަށް ނޮމިނޭޓްކުރެއްވިއެވެ.

އޭގެ ފަހުން ކައުންސިލް އިންތިހާބުގަ އާއި ޕާޓީގެ އެތެރޭގެ އިންތިހާބުގައި އަދި ފަހުން ޕާޓީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގައި ވެސް ޕާޓީ އޮތީ ދެ ބަޔަކަށް ބެހިފައެވެ. ކޯޅުން އިންތިހާ އަށް އޮތެވެ. ކޮންގެރެސް އަށް އައި އިރު ރައީސް ނަޝީދުގެ ފެކްޝަނުން ސަރުކާރާއި ރައީސް ސޯލިހުއަށް ނިސްބަތްކޮށް އެތައް ވާހަކައެއް ފެންމަތި ކުރިއެވެ. ދެ ފެކްޝަނުގެ ބޭފުޅުން އެއް ބަޔަކު އަނެއް ބަޔަކު “ރޮލާ ކެއީ”އެވެ.

ކުޅި ބަލަން ތިބި އިދިކޮޅު މީހުން އުންމީދުކޮށްގެން ތިބީ ކޮންގްރެސްއާ އެކު އެމްޑީޕީ ކަފުން ވާނެ ކަމަށެވެ. ހާއްސަކޮށް ރައީސް ނަޝީދު ޕާޓީ ދޫކުރައްވައި ނުކުންނަވާނެ ކަމަށެވެ. އަދި ޕާޓީ ރަސްމީކޮށް ދެބައިވެ، އޭގެ ފޮނިމީރުކަން އިދިކޮޅަށް ލިބޭނެ ކަމަށް އުންމީދުކޮށްގެން ތިއްބައި ކަންކަން ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާ ގޮތަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެހެން ޕާޓީތަކުން ފެންނަ މަންޒަރުތައް އެމްޑީޕީން ނުފެންނާނެ ކަމަށެވެ. ކިތަންމެ ހިޔާލު ތަފާތުވި ނަމަވެސް ޕާޓީ ދޫކުރައްވައި ނުކުމެވަޑައިނުގަންނަވާނެ ކަމަށެވެ. ރައީސް ސޯލިހާއި އަދި ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ އެކު އެންމެ ފަހު ވަގުތު ހަވާސާގައި ކުރެއްވި މަޝްވަރާތަކަށް ފަހު އެމަނިކުފާނުގެ ގަރާރު މި ވަގުތު ކުރިއަށް ނުގެންދެވުމަށް ނިންމެވިއެވެ. އެއްބަޔަކު އެއީ އެމަނިކުފާނަށް އަނެއްކާ ވެސް ލިބުނު ވަރަށް ބޮޑު ނާކާމިޔާބެއްގެ ގޮތުގައި ސިފަކުރެއެވެ. ނަމަވެސް ރައީސް ސޯލިހާއި އަދި ޕާޓީގެ ގިނަ ބަޔަކު ދެކޭ ގޮތުގައި އެއީ އެމްޑީޕީ އަށް ހޯދުނު ކާމިޔާބީއެކެވެ.

އާހިރުގައި އެމްޑީޕީން ވަނީ ކޮންގްރެސްގައި ޕާޓީ އެއްގަލަކަށް އަރުވައިފައެވެ. ހިޔާލު ތަފާތުވުންތަކާ އެކުގައި ވެސް އެކުގައި މަސައްކަތްކުރެވިދާނެކަން ސާބިތުކޮށްދީފައެވެ. ހާއްސަކޮށް މިކަމުގައި ރައީސް ސޯލިހުގެ ހިކުމަތުއަމަލީ ފާހަގަކޮށްލެވެއެވެ. ތަފާތު ފިކުރުގެ ބޭފުޅުންނާ އެކު މަސައްކަތް ކުރެއްވުމުގައި އަދި ކޯލީޝަން ދެމެހެއްޓުމުގައި ކާމިޔާބު ހޯއްދަވާނެކަން ރައީސް ސޯލިހް ވަނީ މި ކޮންގްރެސްގައި ވެސް ސާބިތުކޮށްދެއްވާފައެވެ.

ކޮންގްރެސް އިން ފެނިގެން ދިޔައީ ރިޔާސީ އިންތިހާބަށް ނުކުންނައިރު އެމްޑީޕީއިން ދެންވެސް އެކަތިގަނޑެއްގެ ގޮތުގައި ނިކުމެދާނެކަމުގެ އިޝާރާތަކެވެ. ހިޔާލު ތަފާތުވުންތައް ހުއްޓަސް އިންތިހާބުތަކުގައި އަދިވެސް އޮންނާނީ ޕާޓީގެ ފިކުރު އިސްކުރުން ކަމެވެ. އަދި ރައީސް ސޯލިހް ވިދާޅުވި ފަދައިން ކިތަންމެ ހޫނުގަދަ ދުވަހެއް ވިޔަސް ނިމިގެންދާނީ ފިނިކަމުގެ އަރާމުންކަމެވެ.

“ކޮންމެ ފަދަ ހޫނެއް ވިޔަސް، މެންދުރުގެ އަވިގަދަ ވަގުތުގައި
ކޮންމެ މެންދުރަކަށް ފަހު ފިނިކަން ހަވީރުގެ އަންނަނީ”

ރިއެކްޝަންސް
2
0
0
0
0
0
0