މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

28 އޯގަސްޓް 2022 - 17:19

ވޭވަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި އޮފީސް ހުޅުވައިފި

ފެނަކަ ކޯޕަރޭޝަނުން މ. ވޭވަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއެކު ކުރިއަށް އޮތް ވިހި، ތިރީސްއަހަރަށް އެއްވެސް ދަތިކަމެއްނެތި ކަރަންޓުގެ ޚިދުމަތް އެރަށަށް ފޯރުކޮށްދެވެމުންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ވޭވަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި އޮފީސް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

advertisement

މިއަދު މެންދުރުކުރި ވޭވަށުގެ އާ އިންޖީނުގެ ސަރަޙައްދުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ދިވެހިރާއްޖެއަށް ގެންނަން ބޭނުންވާ ޖަޒީރާ ތަރައްޤީގެ އެންމެ ބޮޑު ބައިވެރިންނަކީ ފެނަކަ ކޯޕަރޭޝަންއާއި އެމް.ޓީ.ސީ.ސީ ކަމުގައި ފާހަގަކުރައްވާފައެވެ. އަދި ފެނަކަ ކޯޕަރޭޝަންއާއި އެމް.ޓީ.ސީ.ސީގެ އެއްބާރުލުމާއެކު މުޅި ރާއްޖެއަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވޭނެކަމުގެ ޔަޤީންކަށް އޮތްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މި ދައުރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގެ ލަފާފުރުމުގެ ދަތިކަން ޙައްލުކޮށްދެވޭނެ: ރައީސް

ސަރުކާރުގެ މި ދައުރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގެ ލަފާފުރުމުގެ ދަތިކަން ޙައްލުކޮށްދެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ މުލަކަތޮޅު ވޭވަށު ބަނދަރު ރަސްމީގޮތުން ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫޢުތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތައް ރާއްޖޭގެ 115 ރަށެއްގައި ހިނގަމުންދާކަން ފާހަގަކުރައްވައި އޭގެ ތެރެއިން 38 ރަށެއް ގެ މަސައްކަތް ނިމި އިތުރު ރަށްރަށުގެ މަސައްކަތްތައް ކުރިޔަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެސޯސިއޭޝަން އޮފް ބިޒްނަސް ވިމެން އިން ކޮމާސް އެންޑް އިންޑަސްޓްރީގެ ރާއްޖޭގެ ބްރާންޗް ހުޅުވައިފި

އެސޯސިއޭޝަން އޮފް ބިޒްނަސް ވިމެން އިން ކޮމާސް އެންޑް އިންޑަސްޓްރީ (އޭ.ބީ.ޑަބްލިއު،.ސީ.އައި)ގެ ރާއްޖޭގެ ބްރާންޗް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރަސްމީގޮތުން އިފްތިތާޙް ކޮށްދެއްވައިފިއެވެ.

އޭ.ބީ.ޑަބްލިއު.ސީ.އައި އަކީ ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމުގެ ގޮތުން މަސައްކަތްކުރާ ގުޅިލާމެހިފައިވާ ޕްލެޓްފޯމެކެވެ. އޭ.ބީ.ޑަބްލިއު.ސީ.އައިގެ ރާއްޖޭގެ ގޮފި އިފްތިތާޙްކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުފަހު ސޯޝަލް ސެންޓަރުގައެވެ.

ސ. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 91 ޕަސެންޓް ނިމިއްޖެ

ސ. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 91 ޕަސެންޓް ނިމިއްޖެ. އަދި ހާބަރ ބްރިޖް ހެދުމާއި ބޭރުތޮށި ލުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ.

މި މަޝްރޫޢުގެ ދަށުން، 88،623 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 114 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 624 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 742 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 2250 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 66.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ފުލުހުންނަށް ނަފްސާނީ ދުޅަހެޔޮކަމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޖީޓިކް އެކްޝަން ޕްލޭންގެ ދަށުން މުވައްޒަފުންނަށް ސައިކޯ ސޯޝަލް ސަޕޯޓް ދިނުމުގެ އިންތިޒާމު ހަމަޖެއްސުމާ އަދި އެކިއެކި ކަންކަމާ ގުޅިގެން މުވައްޒަފުންނަށް ދެވޭ ކައުންސެލިންގ ފެށުމުގެކުރިން ނަފްސާނީ ދުޅަހެޔޮކަންމަތީ ތިބުމުގެ މުހިންމުކަމާ އަދި ނަފްސާނީ މައްސަލަތައް ހުންނަ މީހުން ދެނެގަތުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ޕްރޮގްރާމް ފެށުމަށް އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. އެ ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން އަދި ކޮމިޝަންޑު އޮފިސަރުން ބައިވެރިވެލެއްވިއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0