މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

31 އޯގަސްޓް 2022 - 18:25

ޚާއްޞަ އިނާމަށް ނަން ހުށަހަޅުއްވާ ބޭފުޅުންނަށް މަޢުލޫމާތުދޭ ސެޝަނެއް ސެޕްޓެމްބަރ 5ގައި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް މިއަހަރު ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދެއްވުމުގެގޮތުން ބާއްވަވާ ބައްދަލުކުރެއްވުން އަންނަ ސެޕްޓެންބަރުމަހުގެ 5 ވާ ހޯމަ ދުވަހަށް ފަސްކުރައްވައިފިއެވެ. މި ބައްދަލުވުން ބާއްވަވާގޮތަށް ކުރިން ހަމަޖެއްސެވީ ސެޕްޓެންބަރުމަހުގެ 1 ވާ ބުރާސްފަތި ދުވަހުއެވެ.

މި ދެންނެވި ބައްދަލުވުން އޮންނާނީ، އެ ދުވަހުގެ މެންދުރުފަހު 2:00ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި، އޮންލައިންކޮށްވެސް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުއްވައިލައްވައިފައެވެ.

advertisement

6 ޤައުމެއްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޝާން އައްޔަން ކުރަނީ

ޖަރުމަނުވިލާތަށް ދިވެހި ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢާއިޝަތު ޝާން ޝާކިރު، އިތުރު 6 ޤައުމެއްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަރެސްމާތޮޑާގައި

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުން ރައްކާތެރިކުރުމަށް ރައްޔިތުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ގދ. ފަރެސްމާތޮޑާގައި ޕްރޮގްރާމެއް ހިންގައިފިއެވެ.

މި މަހު 29 ވަނަ ދުވަހު، ފަރެސްމާތޮޑާގައި މަސައްކަތްކުރާ ފުލުހުން ހިންގި އެ ޕްރޮގްރާމުގައި ގޭބިސީތަކާއި ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން، މަކަރާއި ހީލަތުން ފައިސާ ހޯދުމުގައި ހަރަކާތްތެރިވާ މީހުން އާންމުކޮށް ދައްކާ ވާހަކަތަކާއި ފައިސާ ހޯދުމުގައި ގެންގުޅޭ އުކުޅުތައް ބުނެދީ އެ ކަމުން ރައްކާތެރިވުމަށް އަމުލުކުރާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ރައްޔިތުން ކުށުގެ ޝިކާރައަކަށްވުމުގެ ކުރިން ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލް އާދީއްތަ ދުވަހު ހުޅުވަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުން އަންނަ “އަހްމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް”ގައި އަންނަ އާދީއްތަ ދުވަހުކިޔަވައިދޭން ފަށްޓަވާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ބީއެމްއެލްގެ އެހީގައި ފިޔޯރީގައި ކޮމިއުނިޓީ ލައިބްރަރީ އެއް ތަރައްގީކޮށްފި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ގދ. ފިއޯރީގައި ކޮމިއުނިޓީ ލައިބްރަރީއެއް ތަރައްގީކޮށްފިއެވެ. މި ޕްރޮޖެކްޓް ކުރިޔަށް ގެންގޮސްފައިވަނީ ފިއޯރީގައި ހިންގަމުންދާ ޖަމިއްޔާ ފިއޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަރމަންޓް (ފޭސް) ޖަމިއްޔާގެ ފަރާތުންނެވެ.

މި ޕްރޮޖެކްޓްގެ މަގްސަދަކީ ފޮތް ކިއުމަށް ޝައުގުވެރިކަން އުފެއްދުމާއި، ރަށުގެ ރައްޔިތުންގެ މެދުގައި ގުޅުންބަދަހިކޮށް، ބޭރުތެރޭގައި އާއިލާއާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ. ކޮމިއުނިޓީ ލައިބްރަރީ ތަރައްގީކޮށްފައިވަނީ ފިއޯރީ ކުޑަކުދިންގެ ޕާކުގެ ބައެއްގެ ގޮތުގައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0