ރާއްޖެތެރޭ މީހާ މާލެ އައި ސަބަބުތައް — އެމީހުންގެ ދުލުން

1 ސެޕްޓެމްބަރ 2022 - 16:37

ރާއްޖެތެރޭ މީހުން މާލޭގައި ދިރިއުޅެނީ ގްލޯރިއާ ޖީންސް ކޮފީ ބޮއެ މަޖާ ކުރަން ކަމަށް ބުނާ އަޑު މިހާރަކަށް އައިސް ގިނަ ވެއްޖެއެވެ. މާލޭގައި ދިރިއުޅޭ ރާއްޖެތެރޭ ކޮންމެ މީހަކީވެސް ސަބަބެއް އޮވެގެން މާލޭގައި ގައިދުވެފައި ހުރި މީހެކެވެ. ކޮންމެ މީހެއްގެ ވެސް ވާހަކައެއް ވެއެވެ. މި ނޫހަށް ލިބިފައިވާ އެފަދަ ބައެއް ވާހަކަތައް ހިއްސާކޮށްލަން ބޭނުންވީ މިފަދަ ވާހަކަތައް އަލުން ގިނަގިނައިން ދެއްކުން މުހިންމު ކަމަށް ދެކޭތީއެވެ.

ސޮބީ

“އަހަރެންގެ ފިރިމީހާ މާލެ ހިޖުރަ ކުރީ 80 ގެ އަހަރުތަކުގަ. ކިޔަވަން. އޭރު ރަށްރަށުގަ ހުންނަނީ ހަމަ އެކަނި “ހާއްސަ ކިލާސް” ކިޔާ ކިލާހެއް. މާލެ އައިސް އޭ ލެވެލް ހެދީމާ ގަދަކަމުން އެން.އެސް.އެސް (މިހާރުގެ އެމް.އެން.ޑީ.އެފް) އަށް ވެއްދި. އޭގެ ފަހުން ސްކޮލާޝިޕެއްގަ ބޭރަށް ގޮސް ކިޔެވި. އެނބުރި އައިސް ބޮންޑް އަދާ ކުރަން ރަށަށް ފޮނުވައި ދޭން އެދުމުން ސަރުކާރުން ހުއްދަ ނުދިން. އެހެންވެ ރަށު ވަޒީފާ އަކަށް ނުދެވުނު. ބޮންޑް އަދާ ކޮށް ނިމުނު އިރު އަހަރެމެންގެ ދަރި އުޅެނީ ސެކަންޑަރީ ސްކޫލު ގަ. އެހެންވެ ރަށަށް ނުގޮސް މަޑުކުރީ”

advertisement

މުހައްމަދު، އަރި އަތޮޅު

“މައިންބަފައިން އަހަރެންގެ އުމުރުން 9 އަހަރުގަ މާލެއަށް ފޮނުވާލި. ބެހެއްޓި ބޭފުޅު ގެއެއްގަ. އެގޭ މީހުން އަހަރެންނަށް ނިދަން ދިނީ ބަދިގޭ މޭޒު. ދަންވަރު ހޭލާ ހުރެ އެގޭ ހޮޓަލަށް ހެދިކާ ހެދިން. އެގޭ ކުދިން ސްކޫލަށް ލާ ދޭން ދިޔައީ ބަރު ދަބަސް ކޮނޑުގައި އަޅުވައިގެން. އެމީހުންގެ ބައިސިކަލާ އެއްވަރަށް ދުވަމުން. އެގޭ މީހަކު އަހަރެން ރޭޕް ކުރި. އެގެއިން ނިކުމެގެން ގޮސް މިސްކިތަކު ނިދީމު. އައިޖީއެމް ހޮސްޕިޓަލް ސަރަހައްދުގައި ހުރި ދަރު ފުންޏެއްގެ މަތީ ނިދީމު. އަހަންނަކަށް ނުކިޔެވުނު. އެހާ ކުޑައިރު މައިންބަފައިންނާއި ވަކި ނުވި ނަމަ އޭ ހިތައް އަރާ. މިއަދު އަހަރެން މިދަނީ ޑިޕްރެޝަންއަށް ބޭސް ކުރަމުން. އަހަރެންގެ ދަރިން ގޮވައިގެން ރަށަށް ދިޔަޔަސް އަހަރެންގެ ވަޒީފާ ގެއްލޭނެ. ބޭސްފަރުވާ ހުއްޓޭނެ. މިއީ ދައްކަން ފަސޭހަ ވާހަކައެއް ނޫން. އަހަރެން ކަހަލަ އެތައް ބަޔަކު މިއަދު ވެސް އެބަ ތަހައްމަލު ކުރަމުން ގެންދޭ އޭރު މާލޭގައި އުޅެން ޖެހުނު ހާލުގެ ސަބަބުން ކުރިމަތިވި ނަފްސާނީ ބަލިތައް. މިއަދު މިފުރެނީ 40 އަހަރު. އުމުރުން 9 އަހަރުން ފެށިގެން މިއުޅުނީ މިތާ. އެކަމަކު ބޯހިޔަލަކީ އަހަރެންގެ ހައްގެއް ކަމުގައި ދައުލަތުން ނުދެކޭ”

ޝިފޫ، އަރި އަތޮޅު

“އަހަރެން މާލެއަށް ފޮނުވާލީ އުމުރުން އެންމެ ފަސް އަހަރުގަ. އަނބުރާ ރަށަށް ގެންދިޔުމަށް އެދި ބައްޕަ ގާތު ރޯ ހަނދާން އަހަރެން އެބަހުރި. ކުލާސް އެހެން ކުދިން އެކުދިންގެ މަންމަ އާއި ބައްޕަގެ ވާހަކަ ދައްކާ އިރު އަހަރެން އުޅުނީ މައިންބަފައިންނާއި އެކުގައި އުޅޭ ކަމަށް ހެދިގެން. 20 އަހަރު ވަންދެން އަހަރެން މައިންބަފައިންނާއި ވަކިން މާލޭގައި އުޅުނީމު. އެ އަހަރުތަކުގައި މައިންބަފައިން ފެންނަނީ ހަމަ އެކަނި ސްކޫލު ބަންދުތަކުގައާއި އެހެން ކުރު ބަންދުތަކުގަ. އެހެން މީހުން މައިންބަފައިންނާއި ގާތުން އުޅޭ ތަން ފެނުނީމާ ވަރަށް ދެރަވޭ. އަހަންނާއި އަހަރެންގެ މައިންބަފައިންނާއި، މިހާ ދުވަހަށް ފަހު އެހާ ގާތް ގުޅުމެއް ބޭއްވޭނެ ބާއޭ ހިތައް އަރާ. މައިންބަފައިން ގާތުގައި ބޮޑުވާނެ ފުރުސަތު ލިބުނު ނަމަ އަހަރެންގެ ކަންކަން ބަދަލުވީހީ ކޮން ގޮތަކަށް ބާއޭ ހިތައް އަރާ”

ހަނީފްގެ ދައްތަ

“އަހަރެންގެ ދައްތަ މީގެ 22 އަހަރު ކުރިން މާލެއަށް ބަދަލުވީ އޭނަގެ ތިން ކުދިންނަށް ކިޔަވައިދޭން، ރަށު ސްކޫލްގަ ކިޔަވައިދެނީ ގްރޭޑް 7 އާ ހަމައަށް. ދެމަފިރިން ވަޒީފާ އަދާކޮއްގެން އަދި ނުވީތާކައް ގޭގަ ރޮށިފިހެގެން ވިއްކައިގެން ކިރިޔަ ކިރިޔާ ކުލިދެއްކެނީ.

ތިން ކުދިން ޑިގްރީއައް ކިޔަވާ ނިމުނު އިރު ރަށުގަ ނެތް އެކުދިން ދާނެ ވަޒީފާއެއް.

އެއްވެސް މީހެއްކައިރީ ސަލާންނުޖަހާ އެ ދައްތަ 22 އަހަރު ހޭދަކުރީ ބުރަމަސައްކަތުން، މާލޭމީހުން ބުނި ވަރަކަށް ކުލި ދައްކައިގެން”

ނިޒާމް

އަހަންނާއި އަހަރެންގެ ދައްތަ ގޮވައިގެން މަންމަ އާއި ބައްޕަ މާލެއަށް ހިޖުރަ ކުރީ އަހަރެމެން ވަރަށް ކުޑައިރު. އައީ ރަށުން ކިޔެވެން ނެތިގެން. މިހާރު އަހަރެމެންގެ ރަށަކީ ފަޅު ރަށެއް. އަނބުރާ ރަށަށް ދާށޭ ބުނާއިރު ހާލަތު ވިސްނޭތަ އެބަ؟

ލީޒާން (އަސްލު ނަމެއް ނޫން)، އައްޑޫ

“އަހަރެން މާލެއަށް ހިޖުރަ ކުރީ އުމުރުން 13 އަހަރުގަ. މަންމަ އަހަރެމެން 3 ކުދިން ގޮވައިގެން މާލެއަށް ފުރީ އައްޑޫ އިން ފުރި ބޯޓެއްގައި 2000 ވަނަ އަހަރު. އަހަރެމެން މާލެ ދިޔަ ގޮތަށް ވަރަށް ހާލުގަ ޖެހުނު. ރަށުގައި އުފާވެރިކަމާއި މިނިވަންކަމާއި އެކު ދިރިއުޅެމުން އައި ދިރިއުޅުން ނިމުމަކަށް އައި. ކޮންމެ ރެއަކު ދަންވަރު ފެން ބަލައި ދާނެ ޖެހުނީ ފެން ބިލު ދެއްކެން ނެތިގެން. އެކަނި މާއެކަނި އަމީނިއްޔާ އަށް ކޮންމެ ދުވަހަކު ހިނގާފައި ދިޔައިރު އެތަކެއް ބިރުވެރި ކަންކަން ދިމާވި. ސްކޫލަށް ގޮސް އިންޓަވަލް ގަޑީގައި ނުކައި ހުންނަނީ މަންމަ އަތުގަ ފައިސާ ނުހުންނާތީ. ބައްޕަ އަކީ މަސްވެރިއެއް. މަންމަ ވެސް ވަޒީފާ އަދާ ކުރަން ފެށި. އަހަރެމެން ތިބީ ދުވާލަކު އެއް އިރު ކައިގެން. ގޭގައި އުޅުނު މީހަކު އަހަރެން ރޭޕް ކުރި. އެމީހާ އަހަންނަށް ފައިސާ ދޭތީ އަހަރެން އެމީހާއަށް ހަށިގަނޑު ވިއްކިން. އިންޓަވަލް ގަންނަން ފެށިން. ނެޝަނަލް ލައިބްރަރީގެ މެމްބާޝިޕް ފީ ދައްކަން ފެށިގެން. އަބަދު ބަތާއި ރިހާކުރުގެ ބަދަލުގައި ރަގަޅު ކާނާ ދޭތެރެއަކުން ގަންނަން ފެށިން. ސްކޫލު ނިމިގެން އޭ ލެވެލް ހަދާކަށް ބޭނުމެއް ނުވި. ބޭނުންވީ ވަޒީފާ. ކުލި ދައްކަން މަންމަ އުޅެން ޖެހޭ ހާލު ފެނި ހިތައް ކުޅަދާނަ ނުވީ. މިއަދު އަހަރެންގެ އުމުރުން 30 ވެ ގޮސްފި. ދަރިއަކު އެބަހުރި. އުޅެނީ ހިޔާ ފްލެޓުގައި. އަދިވެސް ފަގީރު ކަމުން އަހަރެމެންނަށް އަރައި ނުގަނެވޭ. ހިޔާ ފުލެޓުގައި އުޅެނީ 15000 ގެ ކުލީގައި. މަންމަ ބަލި ވެއްޖެ. ރަށަށް ދާން ވިސްނޭކަށް ވެސް ނެތް. ކިޑްނީ އަށް ރަށުން ފަރުވާ އެއް ނެތް. ބައްޕަ ނިޔާ ވެއްޖެ. ރަށުގައި ވަންނާނެ ގެއެއް ނެތް. އެތާކުވެސް މިތާކުން ވެސް ހަމަޖެހުމެއް ނެތް.”

“ކަނޑުބަނޑު”ގެ ބައްޕަ، ތ އަތޮޅު

“އަހަރެންގެ ބައްޕަ މާލެއަށް އައީ އުމުރުން 9 އަހަރުގަ. ބައްޕަގެ މައިންބަފައިން އޭނަ ފޮނުވާލީ މާލެއިން ކިޔަވައިދޭން. ބައްޕަ ދޯންޏަށް އަރަން ދިޔައީ ވެސް ރޮމުން. މާލެއާއި ހަމައަށް ދޯނި އަންނަން ދެން ވެސް ހުރީ ރޯން. ބައްޕަގެ ބައްޕަ އަށް އާދޭސް ކުރި، ރަށުގައި މަންމަ ކައިރީ ހުންނަން އެދިގެން. މަންމަ އާ ވަކި ނުކުރުމަށް އެދި ރޮއި އާދޭސް ކުރާ ވަރުން ދޯނި ވެސް އަނބުރާލި ކަމަށް ބައްޕަ ކިޔައިދިން. އަނބުރާ މާލެ ގެންދިޔުމަށް އެދި އާދޭސް ކޮށް އަހަރެންގެ ކާފަ އަށް ބައްޕަ ފޮނުވި އެއްވެސް ސިޓީ އެއް މާމަ އަށް ނުފެނޭ. ފެނުނު ނަމަ މާމަ (ބައްޕަގެ މަންމަ) ވަގުތުން މާލެ ދާނެ ކަން އެނގޭތީވެ. އަހަރެންގެ ބައްޕަ އެވީ ގުރުބާނީ އަށް ވިސްނާއިރު، ބައްޕަ، ބައްޕަގެ މަންމަ ކައިރީ ހުރެގެން ޅައުމުރު ހޭދަކުރަން ލިބުނު ނަމަ ބައްޕަގެ ދިރިއުޅުން ކިހާ ތަފާތުވީސް ބާއޭ ހިތައް އަރާ. މިއީ، ދިރިއުޅުމުގަ ރަނގަޅު ހެޔޮ ގޮތް ހޯދުމުގެ ބޭނުމުގައި އެއްވެސް އިންސާނަކު އުފުލަންޖެހިގެންވާނެ ތަކުލީފެއް ނޫން”

ރިއެކްޝަންސް
0
1
1
42
0
1
0