ހުޅުމާލެ ފޭސް 2 ގެ ފުރަތަމަ ސްކޫލް، ކާމިލްދީދީ ޕްރައިމަރީ ސްކޫލް ހުޅުއްވައިފި

4 ސެޕްޓެމްބަރ 2022 - 14:25

ހުޅުމާލެ ފޭސް 2 ގައި، 824 ދަރިވަރުންނާއެކު، އެ ފިޔަވަތީގެ ފުރަތަމަ ސްކޫލް، ކާމިލްދީދީ ޕްރައިމަރީ ސްކޫލް ހުޅުއްވައިފި އެވެ. އެޗް.ޑީ.ސީން މައުލޫމާތުދެއްވި ގޮތުގައި މިސްކޫލުގައި 824 ދަރިވަރުން ތަޢުލީމް ހާޞިލްކުރާއިރު، މުދައްރިސުންނާއިއެކު ޖުމުލަ 65 މުވައްޒަފުން މިވަގުތު މަސައްކަތް ކުރަމުންދެއެވެ.

މި ޕްރައިމަރީ ސްކޫލް ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ ޤައުމަށްބޭނުންވާފަދަ ރަނގަޅު ތަޢުލީމީ ޖީލެއް ބިނާކުރެވޭނީ، ހުރިހާ ފަރާތްތަކަކުންވެސް އެފަރާތްތަކާއި ހަވާލުވެފައިވާ ޒިންމާއާ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމުގަ އެވެ.

advertisement

މުދައްރިސުންނާއިއެކު ޖުމުލަ 65 މުވައްޒަފުން މިވަގުތު މަސައްކަތް ކުރަމުންދޭ | ފޮޓޯ: ރައީސް އޮފީސް

ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ހުޅުއްވައިދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ބެލެނިވެރިން ދަރިވަރުން ސްކޫލަށް ފޮނުވަނީ ވަރަށް ފޮނިއުއްމީދަކާއި ޔަޤީންކަމަކާއިއެކުގައި ކަމަށާއި، އެކުދިންނާއި މެދު ޤައުމުވެސް ފޮނިއުއްމީދުތަކެއް ކުރާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވީ، މުދައްރިސުންނާއި ބެލެނިވެރިންނާއި ސަރުކާރުގެ ޒިންމާއެއްވެސް އެބައޮތް ކަމަށާއި، ޤައުމަށް ހެޔޮލަފާ ޖީލެއް ލިބެން އޮތީ، އެ ހުރިހާ ފަރާތްތަކަކުންވެސް އެފަރާތްތަކުގެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމަށެވެ. އަދި އެކަކު އެކަނި ކުރާ މަސައްކަތުން ބައެއް ކަންކަމަކީ ކާމިޔާބު ނުކުރެވޭނެ ކަންކަން ކަމަށާއި، ކާމިޔާބީއާ ހަމައަށް ދެވޭނީ އެންމެން އެކުގައި ގުޅިގެން ކުރާ މަސައްކަތުން ކަމުގައިވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ކާމިލްދީދީ ޕްރައިމަރީ ސްކޫލް އަޅާފައިވަނީ، ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރުތައް ކައިރީ | ފޮޓޯ: އެޗް.ޑީ.ސީ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ތަޢުލީމީ ހަޔާތް ނިންމާފައި ނުކުންނަ ދަރިވަރުންނަކީ، ދިރިއުޅުމަކަށް ތައްޔާރުވެފައިވާ މަސައްކަތް ދަސްވެ އަދި މުޖުތަމަޢަށް އަހުލުވެރިވެފައިވާ އަދި ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ ދަރިވަރަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެދަރިވަރަކީ އުފެއްދުންތެރި އަމިއްލަ މަސައްކަތުން ދިރިއުޅެވޭނެ ދަރިވަރަކަށްވެސް ވާންޖެހޭނެ ކަމަށާއި އެކަން ކުރެވެން އޮތީ މުޅި މުޖުތަމަޢަށް އޮތް ޒިންމާއަދާކުރެވިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިސްކޫލަކީ، ފައުންޑޭޝަން ލެވެލްއިންފެށިގެން، ގުރޭޑް 6 އާއި ހަމައަށް ކިޔަވައިދޭ ސްކޫލެއް | ފޮޓޯ: އެޗް.ޑީ.ސީ

ރައިސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ރިވެތި އަޚުލާޤަށް ވުރެ މުހިއްމު އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން، ދަރިވަރުންގެ ވަށައިގެންވާ މާހައުލުން ފެންނަން ވާނީ ރިވެތި އަޚުލާޤާއި ރިވެތި ބަސްތަކުން މީހުންނާއި މުޚާތަބު ކުރެވޭ މަންޒަރުކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ، ސްކޫލު ނިސްބަތްވާ، އަހުމަދު ކާމިލްދީދީގެ ޙަޔާތްޕުޅުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން އެމަނިކުފާނަކީ ތަޢުލީމީ ދާއިރާއަށާއި ދިވެހި އަދަބިއްޔާތަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ކާމިލް ދީދީއަކީ ތަޢުލީމީ ދާއިރާއަށާއި ދިވެހި އަދަބިއްޔާތަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް | ފޮޓޯ: ރައީސް އޮފީސްަ

ކާމިލްދީދީ ޕްރައިމަރީ ސްކޫލް އަޅާފައިވަނީ، ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރުތައް ކައިރީގައެވެ. މިސްކޫލަކީ، ފައުންޑޭޝަން ލެވެލްއިންފެށިގެން، ގުރޭޑް 6 އާއި ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. މިސްކޫލުގައި 824 ދަރިވަރުން ތަޢުލީމް ހާޞިލްކުރާއިރު، މުދައްރިސުންނާއިއެކު ޖުމުލަ 65 މުވައްޒަފުން މިވަގުތު މިސްކޫލުގައި އެބަތިއްބެވެ.

ކާމިލްދީދީ ޕްރައިމަރީ ސްކޫލް ނިސްބަތްވަނީ، ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން ވަޒީރުލްމަޢާރިފްގެ މަޤާމަށް އައްޔަނުކުރެއްވި އަލްއުސްތާޛު އަޙްމަދު ކާމިލްދީދީއަށެވެ. އެމަނިކުފާނަކީ ދިވެހި އަދަބިއްޔާތުގައިވެސް ފާހަގަކޮށްލެވޭ ޝަޚުސިއްޔަތެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0