ތިން ގައުމެއްގެ ސަފީރުން ސަފީރުކަމުގެ ފަތް އަރުވައިފި

6 ސެޕްޓެމްބަރ 2022 - 11:11

ގެމްބިޔާ، ގާނާ، އަދި ފެނަމާގެ އައު ސަފީރުން ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފިފި އެވެ.

ގެމްބިޔާގެ އާ ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން

މިބައްދަލު ކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާއާ ގެމްބިޔާގެ އައު ސަފީރު ދެއްކެވި ވާހަކަފުޅުގައި ވަނީ، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތްގުޅުމުގެ މައްޗަށާއި، ދެޤައުމުން ހިއްސާކުރާ، އިސްލާމީ އަދި ތާރީޚީ ގުޅުންތަކާއި، ދިމިޤުރާތީ އަސާސްތަކުގެ އިތުރުން، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އާއި ކޮމަންވެލްތް އޮފް ނޭޝަންސްގެ މެމްބަރު ޤައުމުތަކުގެ ގޮތުގައި ކުރެވޭ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

advertisement

މީގެ އިތުރުން ދެބޭފުޅުން ވަނީ، ދެޤައުމަށް ފައިދާހުރި، ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި، ވިޔަފާރީގެ ފުރުޞަތުތައް އިތުރު ކުރުމާއި ގުޅޭ ގޮތުން މުހިއްމު މައުޟޫއުތަކަށް ވާހަކަފުޅުދައްކަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރޮހިންޔާ ދަރިކޮޅުގެ މީހުންގެ ހައްޤުތައް ހޯދައިދިނުމަށްޓަކައި އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް ގެމްބިޔާއިން ހުށައަޅާފައިވާ މައްސަލައަށް، ރާއްޖެއިން ތަދައްޚުލްވެފައިވުމަކީ، ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއާ ގެމްބިޔާއިން ގުޅިގެން މަސައްކަތް ކުރުމުގެ ފުރިހަމަ މިސާލެއް ކަމުގައި ވިދާޅުވިއެވެ.

މިބައްދަލު ކުރެއްވުމުގައި، ގެމްބިޔާ ސަފީރު މުސްތަފާ ޖަވާރާ ވަނީ، ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން، ދެޤައުމުގެ މެދުގައި މަޢުލޫމާތާއި ފަންނީ ތަޖުރިބާ ހިއްސާކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ، ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް މެދުވެރިކޮށް، ޑިޕްލޮމެޓުން ތަމްރީން ކުރުމުގެ ޝައުޤުވެރިިކަންވެސް ފާޅުކުރައްވާފައެވެ.

ގެމްބިޔާގެ ސަފީރާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފޮރިން ސާވިސް އިންސްޓިޓިއުޓް މެދުވެރިކޮށް ގެމްބިޔާގެ ޑިޕްލޮމެޓުން ތަމްރީނުކުރުމަށް އެހީތެރިވެދިނުމަށް ހުށައެޅުވި ހުށަހެޅުއްވުން ފުރިހަމައަށް ބައްލަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ގެމްބިޔާއާ އެކު ފަތުރުވެރިކަން ކުރިއެރުވުމަށާއި، ދެޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތައް އޮޅުންފިލުއްވައި ދެޤައުމަށް ވެސް ފައިދާކުރަނިވި ގޮތެއްގައި ކުރިޔަށް ދިޔުމަށް މަރުޙަބާ ދަންނަވާކަމުގައި ވިދާޅުވިއެވެ.

ގާނާގެ އާ ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް

މިބައްދަލު ކުރެއްވުމުގައި ގާނާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ގާނާގެ އާ ސަފީރުގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ. އަދި ދަނޑުވެރިކަމާއި ފަތުރުވެރިކަން ހިމެނޭގޮތުން ދެ ޤައުމަށްވެސް ފައިދާ ހުރި، އިތުރު ދާއިރާތަކުން ދެޤައުމު ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ގާނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުން ވަރަށް ގިނަ ކަންތައްތަކެއް ދަސްކުރެވިދާނެ ޤައުމެއްކަން ފާހަގަކުރައްވަމުން، ގާނާގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވެދިނުމުގެ ގޮތުން ރާއްޖޭގެ ވިޔަފާރިތަކުން އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތައް ބައްލަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަހަރަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ޞިނާޢަތަށް 50 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، ގާނާގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ ދެމެހެއްޓެނިވި ގޮތުގައި ކުރިޔަށް ގެންދެވޭ ސިނާޢަތަކަށް ހެދުމަށްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި، ދެބޭފުޅުން ވަނީ ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.

ޕެނަމާގެ އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން

ފަތްކޮޅު އެރުވުމަށްފަހު، ޕެނަމާގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ މިއީ ޕެނަމާ ސަރުކާރުން ރާއްޖެއަށް ސަފީރަކު ކަނޑައެޅުއްވި ފުރަތަމަ ފަހަރުކަން ހާމަކުރައްވައި އެކަމަނާ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެކަމަށްޓަކައި އެކަމަނާއަށް މަރުޙަބާ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާއާއި ޕެނަމާގެ އައު ސަފީރު ވަނީ ދެޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، މަލްޓިލެޓަރަލިޒަމްއާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާ ގުޅޭގޮތުންނާއި، މޫސުމީ ބަދަލުތަކާއި ގުޅޭގޮތުންނާއި، ޑިމޮކްރަސީއާއި، ކައުންޓަރ ޓެރަރިޒަމްގެ އިތުރުން ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުންދިނުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވެސް ވަނީ ރާއްޖެއާއި ޕެނަމާއާ ދެމެދުގައިވާ ދޭދޭ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި ދެޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން އިތުރަށް ބަދަހިކުރުމަށް ބޭނުންވާކަން ހާމަކުރައްވާފައެވެ.

ދިވެހިރާއްޖެއާ ޕެނަމާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1989 ވަނަ އަހަރުގައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0