ރިޕޯޓް: މާލެ ހިޖުރަކުރީ މަޖާކޮށް ހީސަމާސާ ކުރަންތަ؟

8 ސެޕްޓެމްބަރ 2022 - 17:11

ރާއްޖެ އަށް ޓެކްސް ނިޒާމް ތައާރަފްވުމާ ހަމައަށް ދައުލަތުގެ ބަޖެޓުން ރަށްރަށުގައި ކުރަން އޮންނަނީ މަދު ކަމެކެވެ. ހައި މާކެއް ގެންގޮސް ފަސް ހަތަރު އަހަރުން ފަޅު ފުންކުރުން ނޫނީ އަތޮޅު އޮފީހުގެ ފުރާޅު ބަދަލުކޮށްލުން ފަދަ ކަންކަން މަދުމަދުން ނުކުރެއެކޭ ނޫނެވެ.

އޭރު ދައުލަތުގެ ހަރަދުގައި އެންމެ ބޮޑު ހޭދައެއް ކޮށްގެން ހަދާފައި ހުންނަނީ ވެސް އަތޮޅު ގެތަކެވެ. އެއީ މާލެއިން “ޗުއްޓީ” އަށް ރަށްރަށަށް ވަޑައިގަންނަވާ ވަޒީރު ބޭފުޅުންނާއި އެ ފެންވަރުގެ ބޭފުޅުން މުނިފޫހިފުލުވުމަށް ތިއްބަވާ ގެކޮޅުތަކެވެ.

advertisement

ކުރީ ޒަމާނުގައި ހުވާދޫ އަތޮޅު ރަށެއްގެ ބަނދަރެއް

ވަރަށް މަދުން ރަށެއްގައި ބަނދަރު ހެދިއެވެ. ގިނަ ރަށްތަކުގައި ކަރަންޓްގެ ހިދުމަތް ދެމުން އައީ ރައްޔިތުންގެ ނަމުގައެވެ. ގެދަބުޅީގެ ތެރޭގައި ރައްޔިތުން ހަނާވާ ގޮތަށް ބައެއް ރަށްރަށުގައި ވިޔަފާރިވެރިން ވެސް އެކަން ކޮށް އުޅުނެވެ. މަގު ހެދުމާއި ފެނާއި ނަރުދަމާ އާއި ބަނދަރުގެ ވާހަކައަކީ މީހުން ދަންނަ ކަންކަމެއް ނޫނެވެ.

ދޭތެރެއަކުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރުގެ ކޮންމެ ވެސް ވެރިޔަކު ވަޑައިގެން ރަށުގެ ބާޑިފަށުން ނުވެސް ހިއްކައި އޮތް ފަޅުގައި ކަޑަޖެހުން އޮވެއެވެ. ދިޔަވަރު ހިކުނީމާ ނޫނީ އެ ކަޑަ ނުވެސް ފެންނާނެއެެވެ. ގަލާއި ވެއްޔާއި ކުނި އަޅައިގެން ހިއްކޭ މީހަކު ހިއްކަން އޮންނަނީ ދޫކޮށްލާފައެވެ. ބާޑި ހިކޭ އިރު އެ ތަނުގެ ވެރިމީހާގެ އުމުރު އޮންނަނީ ހުސްވެފައެވެ. އެ ތަނުގައި ގެއެއް އެޅޭވަރުވަނީ އޭނާގެ ކާފަ ދަރިންނަށެވެ.

އަދިވެސް ޓެކްސް ފައިސާ އޮއްސަނީ ހަމަ މާލެއަށް

އޭރު ވެސް އަދި މިހާރު ވެސް ދައުލަތުގެ އާމްދަނީގެ ބޮޑު ބައި އޮތީ ވެރިރަށް މާލެއަށެވެ. މަގު ހެދުމާއި ފެނާއި ނަރުދަމާ އާއި 24 ގަޑިއިރުގެ ކަރަންޓާއި ބޭސްފަރުވާ ކުރާނެ އެކި ވަރުގެ ހޮސްޕިޓަލްތަކާއި ތައުލީމާއި މަތީ ތައުލީމު ދޭނެ ތަންތަނާއި ބްރިޖާއި މިހެން ގޮސް ޒަމާނީ ހުރިހާ ކަމެއް އޮތީ މިތަނުގައެވެ. ޓެކްސް ނިޒާމު ތައާރަފްވެ ދައުލަތުގެ ބަޖެޓް ބޮޑުވެ ރަށްތަކަށް ކުރާ ހޭދަ އިތުރުވި ނަމަވެސް އަދިވެސް އާސާސީ ހުރިހާ ބޭނުމެއް ފުދެން އޮތީ މާލެ އަށް އައިސްގެންނެވެ.

ގްރޭޑް ދިހައެއްގެ ފެންވަރަށް ކިޔަވައި ނުދޭ އެތައް ރަށެއް އަދިވެސް އެބަ ހުއްޓެވެ. ބައެއް ރަށްރަށުގައި އެކްސްރޭއެއް ނަގަން ނުވަތަ މެޑިކަލް ޓެސްޓެއް ހަދަން ޖެހިއްޖެ ނަމަ އަދިވެސް ދާންޖެހެނީ އަތޮޅުގެ ވެރިކަން ކުރާ ރަށަށެވެ.

ގްރޭޑް ދިހައެއްގެ ފެންވަރަށް ކިޔަވައި ނުދޭ އެތައް ރަށެއް އަދިވެސް އެބަ ހުރި | ފޮޓޯ: އެމް.ވީ.ޕްލަސް

މާލެ އަށް މީހުން ތޮއްޖެހެން މެދުވެރިވި ސަބަބުތައް ގިނައެވެ. މައިގަނޑު އޮތީ ތިން ސަބަބެކެވެ. އެއީ ރަނގަޅު ތައުލީމެއް ނުވަތަ މަތީ ތައުލީމަށް ފުރުސަތު ނެތުމާއި ސިއްހީ ފަރުވާ ލިބޭނެ މަގެއް ނެތުމާއި ވަޒީފާގެ ފުރުސަތުތައް ނެތުމެވެ. މީގެ އިތުރުން ވެސް އެތައް ސަބަބުތައްކެއް އެބަ ހުއްޓެވެ. ބޯހިޔާވަހިކަން ނެތުމާއި ވިޔަފާރީގެ ފުރުސަތުތައް ނެތުމަކީ ވެސް ބައެއް ފަރާތްތަކުން ފާހަގަކުރާ ސަބަބުތަކެވެ.

އާންމުންގެ ހިޔާލު ހޯދުމަށް އެމްވީ ޕްލަސް އިން ކުރި އޮންލައިން ސާވޭއަކުން ދައްކާ ގޮތުން މާލެ ބަދަލުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އޮތީ ވަޒީފާ ހޯދުމެވެ. އެ ގޮތުން 47.3 ޕަސެންޓް މީހުން މާލެ ހިޖުރަކުރަނީ ވަޒީފާއެއްގެ ބޭނުމުގައި ކަމަށް ބުނެފައި ވެއެވެ. ދެވަނަ އަށް އެންމެ ގިނަ ބަޔަކު މާލެ ހިޖުރަކުރަނީ ދަރިންނަށް އެކަށީގެންވާ ތައުލީމެއް ހޯދައިދނުމުގެ ބޭނުމުގައެވެ. އެއީ ހިޔާލު ހޯދުމުގެ ސާވޭގެ 34 ޕަސެންޓެވެ. މި ސާވޭއަށް ބާރުދޭ އެއްކަމަކީ މި އަހަރުގެ ދިރާސީ އާ އަހަރު ފެށުނު އިރު ރަށްރަށުގެ ސްކޫލްތަކުން މާލެ އަށް ހާހަކަށް ވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވާ ކަމެވެ.

“ރަށްރަށުން މާލެއަށް ހިޖުރަ ކުރަނީ މުނިފޫހިފިލުވުން،” ނަޝީދު

މާލެ އަށް ބަދަލުވާ ސަބަބާ ބެހޭ ގޮތުން މި ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ދެކެވުނު ވާހަކަތަކާކާ ގުޅިގެން އާންމުންގެ މެދުގައި ވެސް ދަނީ މިކަމާ ގުޅޭ ގޮތުން ބަހުސްތައް ކުރެވެމުންނެވެ. މި ވާހަކަ ފޯރީގައި ހިފީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅަކުންނެވެ.

އެމަނިކުފާނު ވިދާޅުވީ ރަށްރަށުގެ މީހުން މާލެ އައުން ނުހުއްޓެނީ ރަށްރަށުގައި މުނިފޫހިފިލުވޭނެ ގޮތްތަކެއް ނެތުމުން އަދި ރަށްރަށުގައި ދިދިއުޅުމުގެ ޝައުގުވެރިކަން ނެތިގެން ކަމަށެވެ. މި ވާހަކަތަކާ އެކު ސޯޝަލް މީޑިއާ ވަނީ ހޫނުވެފައެވެ. އެތައް ބަޔަކު ދަނީ އެކަމާ ގުޅޭ ގޮތުން ހިޔާލު ފާޅުކުރަމުންނެވެ.

ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި މީހަކު ބުނެފައި ވަނީ ރަށެއްގައި ސިވިލް ސާވިސްގެ ވަޒީފާއެއް ލިބެނީ ވަޒީފާއެއްގައި ހުންނަ މީހަކު މަރުވުމުން އެ ޖާގަ ހުސްވެގެން ކަމަށެވެ. ޕްރޮފެސަރު އުގެއިލް މާލެއަށް ހިޖުރަކުރެއްވި ސަބަބެއް ކަމަށް ވިދާޅުވެފައި އޮތީ މަތީ ތައުލީމު ހާސިލްކުރެއްވުމުގެ ބޭނުމުގައި ކަމަށެވެ.
“އަޅުގަނޑު 23 ސެޕްޓެމްބަރު 1987 ގައި މާލެއަށް ހިޖުރަކުރީ ކިޔަވަން. އޭރުގެ ގައުމީ އިމްތިހާނެއްކަމަށްވާ ޖޭއެސްސީ އިން ފާސްވުމަށްފަހު އޯލެވެލްއަށް ކިޔެވޭނެ އެއްވެސް ގޮތެއް ރަށުގައި ނެތުމުން ޢިލްމީގޮތުން ކުރިއަށް ދެވޭނެ ގޮތެއް ހޯދަން،” ޕްރޮފެސަރ އުގެއިލް ވިދާޅުވެފައި ވެއެވެ.

ބައެއް ފަރާތްތަކުން މަޖާޒީ ގޮތެއްގައި މިކަމަށް ހަޖޫ ޖަހާފައި ވެއެވެ. އެއް ބަޔަކު ބުނެފައި ވަނީ މާލެ ބަދަލުވީ “މާލޭ މީހުންނަށް ބޮޑު ކުލި ދައްކަން ފޫހިވާތީ” ކަމަށެވެ. އަނެއް ބަޔަކު ބުނެފައި ވަނީ “ކިޑްނީ ފެއިލްވެ ދެ ދުވަހުން އެއް ދުވަހު ޑައިލިސިސް ހަދަން ފޫހިވެގެން” ކަމަށެވެ. އެހެން މީހަކު ބުނެފައި ވަނީ މާލެ ބަދަލުވީ ރަށުގައި ގްރޭޑް 10އަކަށް ކިޔެވޭނެ ފުރުސަތު ނެތުމުން ފޫހިވާތީ” ކަމަށެވެ. “ރަށުގެ ބިން ފުރި މައިންބަފައިންގެ ގޯތިން ވެސް ދިރިއުޅޭނެ ކޮޓަރިގަނޑެއް ވެސް ނުލިބިގެން ފޫހިވާތީ” މާލެ ބަދަލުވި ކަމަށް ވެސް ބުނެފައި އޮތެވެ.

ސަމާސާ ރާގެއްގައި މި ހިޔާލުތައް ހުރި ނަމަވެސް ހަގީގަތް ގޮސް ގުޅެނީ ބޮޑެތި ސަބަބުތަކާއެވެ. ތައުލީމާއި ސިއްހަތާއި ފެނާއި ނަރުދަމާއި ވަޒީފާއާއި މިހެން ގޮސް އިންސާނަކު ތަނެއްގައި ވަޒަންވެރިވެގެން އުޅެން ބޭނުންވާ މުހިންމު ކަަންކަމުން މަހްރޫމެވުމުގެ ނަތީޖާއަކީ އެކަންކަން ފުރިހަމަވާން އޮތްތަނަކަށް ހިޖުރަކުރުމެވެ. އެއީ މާލެއެވެ.

މި ސަރުކާރުން ރަށްތަކުގައި ގިނަ މަޝްރޫޢުތަކެއް ހިނގާ ނަމަވެސް އަދިވެސް މީހުން ހިޖުރަ ކުރަނީ ކީއްވެ؟

އަނެއް ބަޔަކު ފާހަގަކޮށްފައިވާ ގޮތުން މިހާރު އޮތް ސަރުކާރުން އާބާދީ އަށް ބެލުމެއް ނެތި ކުދި ރަށްތަކުގައި ވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގިޔަސް އެ ރަށްރަށުން މާލެ އަށް މީހުން އެބަ ހިޖުރަކުރެއެވެ.

ނަމަވެސް އެއަށް ރައްދުދީ ބައެއް މީހުން ބުނެފައި ވަނީ ޒަމާނުއްސުރެ މާލެ އަށް މީހުން ގެނައުމަށް ސަރުކާރުތަކުން ރާވައިގެން ގެންގުޅުނު ސިޔާސަތުގެ ސަބަބުން ރަށްތަކާ މެދު ވެފައިވާ ބޮޑު އިހްމާލު ހަމައެކަނި ތަރައްގީގެ މަޝްރޫއުތަކުން އޮއްބައިނުލެވޭނެ ކަމަށެވެ. އަދި މަގު ހެދުމާއި ބަނދަރު ހެދުމާއި މިހެން ގޮސް ތަރައްގީގެ ކިތަންމެ ގިނަ މަޝްރޫއުތަކެއް ހިންގި ނަމަވެސް ހަގީގީ ސަބަބުތައް އަދިވެސް އޮތީ އެ ގޮތުގައި ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ޒަމާނުއްސުރެ މާލެ އަށް މީހުން ގެނައުމަށް ސަރުކާރުތަކުން ރާވައިގެން ގެންގުޅޭ | ފޮޓޯ: އެމް.ވީ.ޕްލަސް

“ހޮސްޕިޓަލް ހުއްޓަސް، މަގުގައި ތާރު އަޅާފައި އޮތަސް، ބަނދަރު ހެދިޔަސް އަނގަޔާއި އަތާ ދިމާނުވާ ނަމަ އެ ރަށްތަކުގައި ކާކުތޯ އުޅޭނީ. ވަޒީފާގެ ފުރުސަތެއް ތަނަވަހެއް ނުކުރެވޭ. އަދިވެސް މައިގަނޑު ގޮތެއްގައި ވަޒީފާގެ ގިނަ ފުރުސަތުތައް އޮތީ މާލެ އާއި މާލެ ކައިރި ސަރަހައްދުތަކުގައި. އެހެންވީމާ އާއިލާތަކަށް މަޖުބޫރު އެބަވޭ މި ތަނަށް އަންނަން. އެ ތަންތަނުގެ އާބާދީ އިންތިހާ އަށް މަދުވުމުން މިހާރު ދެން ވިޔަފާރިއެއް ކުރަން ބެލިޔަސް އުނދަގޫތައް އެބަހުރި. ވިޔަފާރީގެ ފުރުސަތުތައް ކުޑަ،” އާންމުންގެ މީހަކު ހިޔާލު ފާޅުކުރިއެވެ.

ގިނަ ބަޔަކު މާލެ ބަދަލުވާންޖެހުނު މަޖުބޫރީ ސަބަބު ސިޔާސަތު ރޭވުމުގައި އުޅޭ ފަރާތްތަކަށް ނޭގުމަކީ ލަދުވެތިކަމެކެވެ. ގިނަ ރަށްރަށުގައި ހުރި ހަމައެކަނި އިޤްތިސާދީ ފުރުސަތަކީ ފެނަކަ ވަޒީފާތަކެވެ. ސަރުކާރުގެ މުޅި ހިންގުން މާލެއަށް ބަރޯސާކުރުމަށްފަހު، ރާއްޖޭގެ މުޅި އިޤްތިސާދު މާލެ ސަރަހައްދުގައި ހިންގަނީ ހާމަކަން ބޮޑު ސިޔާސަތެއްގެ ތެރެއިންނެވެ.

މިއީ ޒަމާނުއްސުރެ ރާއްޖެތެރެ ބާކީކޮށް މަދު ބަޔަކަށް އިގުތިސާދު ހިންގުމުގެ ހިތި ނަތީޖާއެވެ. މިކަން ބަދަކުރެވޭނީ މާލެ ނޫން ސަރައްހަދުތަކަށް އިގްތިސާދީ ބޮޑެތި ހަރަކާތްތައް ބަދަލުކޮށް ސަރުކާރުގެ ހިންގުން އެހެން ސަރަހައްދުތަކުގައި ހިންގައި އިޤްތިސާދު ގިނަ ބަޔަކަށް ފުޅާކޮށްގެންނެވެ.

ރިއެކްޝަންސް
0
1
0
2
0
1
1