މީހަކާ އިންނާށޭ ކިޔައި ޕްރެޝަރު ކުރުން — ބޮޑު ވެއްޖެ މައްސަލައެއް

17 ސެޕްޓެމްބަރ 2022 - 10:27

ޒުވާނުންނަށް، ހާއްސަކޮށް ޒުވާން އަންހެނުންނަށް ކައިވެނިކުރުމަށް ބާރުއަޅައި، ޕްރެޝަރ ކުރުމަކީ މި މުޖުތަމައުގައި އާއްމު ކަމެކެވެ. މިކަން މައްސަލައަކަށް ވަނީ މިފަދަ ޕްރެޝަރު ކުރުންތަކުގެ ސަބަބުން މީހުންނަށް ނަފްސާނީ ގޮތުން ކުރިމަތިވާ އުނދަގޫތަކާއި، އަދި މިފަދަ ޕްރެޝަރުގެ ސަބަބުން އަވަހަށް ކައިވެނި ކުރާ ހިސާބުން ދެން ނިކުންނަ އެކި މައްސަލަތަކާއި ހަމައިންނެވެ.

އަމިއްލައަށް ބޭނުން ނުވަނީސް ނުވަތަ ތައްޔާރު ނުވެވެނީސް ކުރާ ކައިވެނިތަކަކީ އޭގެ ސަބަބުން އެތަކެއް އިޖުތިމާއީ މައްސަލަތައް ފެންމަތިވާ ކަމެކެވެ.

advertisement

އަންހެނުންގެ ބަލިތަކަށް ފަރުވާއެއްގެ ގޮތުން، ދިމާވާ ހިތްދަތިކަމަށް ފަރުވާއެއްގެ ގޮތުން، އާމްދަނީގެ މައްސަލަތަކަށް ހައްލެއްގެ ގޮތުން، ނުވަތަ ނިޒާމީ ބޮޑެތި މައްސަލަތައް ކަމުގައިވާ ބޯހިޔާވަހިކަމަށް ހައްލެއްގެ ގޮތުން އާއިލާއާއި ގާތް މީހުން ދެން މީހަކާ އިންނާށޭ، ނުވަތަ ކުއްޖަކު ހޯދީމާ ތިކަން ހައްލުވެދާނެ އޭ ބުނުމަކީ ކަންބޮޑުވާ ވަރުގެ ބޮޑު ކަމެކެވެ.

ނިކަމެތިންނަށްޓަކައި ގާއިމުވެފައިވާ ސޯޝަލް ޕްރޮޓެކްޝަން ނެޓުން މީހުންނަށް މަންފާއެއް ލިބެނީ ވެސް ކައިވެނީގެ ރޮނގު އަދި ލިބިފައިވާ ކުދިންގެ އަދަދަށް ބަލައިގެންނެވެ. ދައުލަތުގެ ސިޔާސަތުތައް މިފަދައިން ހުރުމަކީ ބޮޑު މައްސަލައެކެވެ.

މިސާލަކަށް، ފޯރުންތެރިކަން ނެތް އާއިލާތަކުގެ ކުޑަ ކުދިންނަށް ލިބޭ އެއްހާސް ރުފިޔާ ލިބެނީ އެ ކުއްޖެއްގެ މައިންބަފައިން ވަރިވެފައިވާ ނަމައެވެ. އެކަނިވެރި މައިންނަށް އެހީތެރިކަން ލިބެނީ ފިރިއެއް ނެތި ދަރިން ބަލާނަމައެވެ. މީހަކާއި އިނދެގެން ހުރެ، ކިތަންމެ އެކަނިވެރި ނިކަމެތި ހަޔާތެއް ވެއަތުކުރަމުން ދިޔައަސް އެ އަންހެނަކަށް އަޅާލުމެއް ދިނުމެއް ނެތެވެ.

އެކަނިވެރި ނިކަމެތި މީހެއް ކަމަށް ބެލުމެއް ނެތެވެ. މިގޮތަށް ނިކަމެތިން ގިންތި ކުރުމުގެ ސަބަބުން ދައުލަތުން ފޯރުކޮށް ދޭންޖެހޭ އެހީތެރިކަން ނުލިބޭ އެތައް ނިކަމެތި އެކަނިވެރި މީހުންނާއި ކުޑަ ކުދިން އެބަތިއްބެވެ. ނިކަމެތި ކަމަކީ މީހާގެ ކައިވެނީގެ ސްޓޭޓަސް އިން ކަނޑައަޅާ ކަމެއްގެ ގޮތުގައި އޮތުމުން އެތަކެއް ބައެއްގެ ހައްގު ގެއްލި އިތުރަށް ނިކަމެތިކަމަށް ހުށައެޅެއެވެ.

ކައިވެނިކޮށްގެންތޯ ނުކޮށްތޯ، ދަރިންތިބި ތޯ: ބޯހިޔާވަހިކަމުގައި ތަފާތުކުރުން

ދެން އޮތީ ބޯހިޔާވަހިކަމުގެ ވާހަކައެވެ. ކައިވެނިކޮށްގެން އުޅޭ ނަމަ ޕޮއިންޓު އިތުރުވެފައި ސިންގަލް ކޮށް ހުންނަ ނަމަ ޕޮއިންޓު މަދުވާ މައްސަލައެވެ. ދަރިން ތިބި ނަމަ ޕޮއިންޓު ގިނަވެފައި ދަރިން ނެތް ނަމަ ބޯހިޔާވަހިކަން ހައްގުވާ މިންވަރު ކުޑަ ކަމަށް ދައުލަތުން ދެކޭ ދެކުމުގެ ހުރި ފޫނުބެދޭ ވާހަކައެވެ.

އިންސާނަކަށް ވީތީ ހައްގުވާ އަސާސީ ހައްގަކީ އެމީހާގެ ޒާތީ ކަމެއްގެ ސަބަބުން އުނިވެގެންވާނެ ހައްގެއް ނޫނެވެ. ކައިވެނި ކުރިއަސް ނުކުރިއަސް، ދަރިއަކު ހުއްޓަސް ނެތަސްވެސް އިންސާނާ އަކީ ކައިބޮއި ނިދާ ދިރިއުޅެން ޖެހޭ މީހެކެވެ. ވީމާ މި ހައްގު ކަށަވަރުކޮށް ދިނުމުގައި މީހެއްގެ ކައިވެނީގެ ނިސްބަތަށާއި ދަރިން ތިބިތޯ އާއި ތިބި މިންވަރު ބެލުމަކީ ބޮޑު ތަފާތުކުރުމެކެވެ. ބޮޑު ބޭއިންސާފެކެވެ.

މިފަދަ ކަންކަން މިހެން ހުރުމުގެ ސަބަބުން، ކުރަން ބޭނުން ނުވާ އެތައް ކައިވެންޏެއް ކޮށް، ތައްޔާރު ނުވެތިބެ ދަރިން ހޯދާ ދެމަފިރިން ގިނައެވެ. މައިންބަފައިން ކައިރީގައި ކުދިކުދި ކޮޓަރިތަކުގައި ގަނަ ތެޅެން ޖެހުމުގެ ސަބަބުން ދެފައި ދަމާލައިގެން ނިދާލާނެ ފަދައެއް ހޯދުމުގެ ބޭނުމުގައި ކައިވެނި ކުރަން ޖެހުމަކީ އެއްވެސް މީހަކު ހުށައެޅިގެންވާނެ މަޖުބޫރީ ހާލަތެއް ނޫނެވެ.

ނަމަވެސް، އެޕާޓްމަންޓް ތަކުގެ ކުލި ބޮޑު ކަމުން ކުލި ޝެއާ ކުރުމުގެ ބޭނުމުގައި އެތައް ޒުވާނުންނެއް ކައިވެނި ކުރެއެވެ. މިފަދަ ނިންމުންތަކުގެ ސަބަބުން ދެމީހުންގެ ވެސް ޒުވާން އުމުރު އުފާވެރި ނޫން ކައިވެންޏެއްގެ މަތީ ހޭދަ ކުރަން ޖެހުމާއި، ރަނގަޅަށް އެކަކު އަނެކަކު ދަސްނުވަނީސް އަދި ދަރިން ހޯދަން ތައްޔާރު ނުވެވެނީސް ދަރިން ލިބޭ ފަހަރުތައް ގިނައެވެ.

މީގެ ސަބަބުން ދެން ގިނަ ވަނީ ވަރިއެވެ. ނުވަތަ ޑިސްފަންކްޝަނަލް އާއިލާތަކެވެ. މާޔޫސް ކަމުގައި ދިރިއުޅޭ ކުދި ކުދި އާއިލާތަކެވެ. ނަފްސާނީ މައްސަލަތަކުގެ ތެރެއަށް ޢަރަގު ވަމުން ދާ ޒުވާނުންނާއި ކުޑަ ކުދިން ގިނަވަމުން އަންނަ އެއް ސަބަބަކީ މިއީ ކަމުގައި ނުވެ ނުދާނެއެވެ.

ވީމާ، ތަފާތު އެކި އިޖުތިމާއީ މައްސަލަތަކުގެ ހައްލެއްގެ ގޮތުން، މައިންބަފައިންނާއި، ގާތް ރައްޓެހިންނާއި، ޖުމުލަކޮށް މުޅި މުޖުތަމައުން ވެސް، ޒުވާނުންނަށް ޕްރެޝަރު ކޮށް ކައިވެނި ކުރުމަށް ބާރުއެޅުން ހުއްޓާލައި، މައްސަލަތަކަށް ހައްލު ހޯދައިދިނުން ލާޒިމުކޮށް ބޯމަތިކޮށްފައިވާ ދައުލަތާއި ދިމާލަށް އެނބުރުން މުހިންމެވެ. ޒިންމާދާރު ގޮތަކީ އެއީއެވެ.

ރިއެކްޝަންސް
3
4
2
8
1
2
3