އެންމެފަހުން ގޮތްދޫކޮށް، ހިލޭ ގޯތި ދިނުމުގައި މާލޭ މީހުންގެ ގޮތުގައި ބަލާ މިންގަނޑަށް ލުއި ދީފި

17 ސެޕްޓެމްބަރ 2022 - 13:55

ގިނަ ބައެއްގެ ނުރުހުން އަމާޒުވި މާލޭ މީހުން ކަމުގައި ބަލާ މިންގަނޑު އެންމެފަހުން އިސްލާހުކޮށް ކުޑަ ލުޔެއް ދީފިއެވެ. މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގާ ‘ބިންވެރިޔާ ސްކީމް’ގައި މާލޭ މީހުން މާނަކޮށްފައިވާ ގޮތް އިސްލާހުކުރިނަމަވެސް އަދިވެސް ޤާނޫނޫ އަސާސީން ލިބިދީފައިވާ ހައްޤުތަކާ ހިލާފެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް، މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދޫކުރުމަށާއި މާލެ ސަރަހައްދުން ފުލެޓު ދޫކުރުމަށް ސަރުކާރުން ވަނީ މަސްރޫއުއެއް އިއުލާން ކޮށްފައެވެ.

advertisement

“މާލެ ރައްޔިތުން” މިހާރު މާނަ ކުރާ ގޮތް

‘ބިންވެރިޔާ’ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ކަނޑައަޅައިފައިވާ އުސޫލުގައި ކުރިން ބުނާ ގޮތުން، ‘މާލޭގެ ރައްޔިތުން’ ކަމުގައި ބަލާނީ މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓަރީގައި އެއްވެސް އިރެއްގައި ޖެހިފައި ނުވާ މީހުންނެވެ.

ނަމަވެސް ރައްޔިތުންގެ ނުރުހުން އަމާޒުވެ ފާޑުކިޔުން އިތުރުވުމާއެކު، ހައުސިން މިނިސްޓްރީން ވަނީ އެ އުސޫލުގައި މާލޭ މީހުން ތަފްސީލުކޮށްފައިވާ ގޮތަށް ކުޑަ އިސްލާހެއް ގެނެސްފަ އެވެ.

އާ އުސޫލުގައި ބުނާ ގޮތުން މާލޭގެ ރައްޔިތެއްގެ ގޮތުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓްރީގައި ޖެހިފައިނުވާ މީހުން ކަމުގައިވިޔަސް، އެ މީހެއްގެ މަންމައަކީ ނުވަތަ ބައްޕައަކީ މާލޭގެ ރައްޔިތަކަށް ވެފައި، ސަރުކާރުން ހިންގާފައިވާ ސިޔާސަތެއްގެ ސަބަބުން، ކަނޑައަޅާފައިވާ ގަވައިދެއްގެ ސަބަބުން ނުވަތަ އުސޫލެއްގެ ސަބަބުން ކުރިން އެހެން ތަނެއްގެ ރަޖިސްޓްރީގައި ޖެހުމަށް ފަހު މިހާރު މާލޭގެ ރައްޔިތެއްގެ ގޮތުގައި މީހަކު ރަޖިސްޓްރީވެފައި ވާނަމަ، އެފަދަ މީހުންނަކީ ވެސް މާލޭގެ ރައްޔިތުންގެ ގޮތުގައި ބަލާނެކަމަށެވެ.

ނަމަވެސް ޤާނޫނު ބުނާގޮތުން 5 އަހަރު ރާއްޖޭގެ އެއްވެސް ރަށެއްގައި ދިރިއުޅެ އެރަށަަކުން ވަޒަންވެރިކަން ހޯދުމަށްފަހު އެމީހަކީ އެރަށެއްގެ މީހެކެވެ. އަދި އަސާސީ އެއްވެސް ކަމެއްގައި ތަފާތުކުރުމެއް ގެންގުޅުން ޤާނޫނު އަސާސީއާ ހިލާފެވެ.

މާލޭ މީހުން މާނަކުރާ ގޮތަށް ބަދަލެއް ގެނެސްފައި ވާއިރު، އެ ސްކީމުގެ ދަށުން ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 26ގައި ބަންދުވާނެ އެވެ. ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ އާއި ގުޅީފަޅުންނެވެ. މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 3,750,000 އަކަފޫޓެވެ. މިނިސްޓްރީން ބުނެފައި ވަނީ، ދޫކުރާ ގޯތީގެ އަދަދު ކަނޑައަޅާނީ ގޯތި ދިނުމަށް ހޮވާ ވަކި ވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމަށް ފަހު ކަމަށެވެ. އަދި ގޯތި ދޫކުރާއިރު ހާލަތު ވަޒަންކުރުމަށް ގޭގެއަށްނުދާނެކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ރިއެކްޝަންސް
0
1
0
2
0
0
0