ބޯހިމެނުމުގައި ހަރަކާތްތެރިވާ އެނޫމަރޭޓަރުން މިހާރު ހުންނާނީ ވެސްޓްލާފައި، އެނޫމަރޭޓަރ ކާޑް ގެންގުޅޭނެ

18 ސެޕްޓެމްބަރ 2022 - 11:41

ރާއްޖޭގެ ބޯހިމެނުން އިންތިޒާމް ކުރާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މައުލޫމާތުދޭ ގޮތުގައި މާލެ ސަރަހައްދުގައި ބޯހިމެނުމުގައި ހަރަކާތްތެރިވާ އެނޫމަރޭޓަރުން މިހާރު ހުންނާނީ ވެސްޓް ލާފައި ކަމަށެވެ. އަދި ހަމަ އެހެންމެ އެނޫމަރޭޓަރުންގެ ކާޑާއި އެކު އެ ބޭފުޅުންގެ އައިޑީ ކާޑުވެސް ގެންގުޅޭނެ ކަމަށް އެ ފަރާތުން މައުލޫމާތުދިނެވެ.

ކާޑު ވެރިފައި ކުރަން ބޭނުންނަމަ މި ލިންކް މެދުވެރިކޮށް އެނޫމަރޭޓަރުންގެ އައީޑީ ނަންބަރު ޖެހުމަށްފަހު ވެރިފައިކޮށްލެވޭނެ: https://census.stag.mpao.mv

advertisement

ފައިލް ހިފައިގެން މިއައީ ބޯހިމަނަންށޭ ބުނާ ކޮންމެ މީހަކު ގެޔަށް ނުވެއްދުމަށް މީގެ ކުރިން ވަނީ އިލްތިމާޒްކޮށްފަ އެވެ. ސަބަބަކީ ބޯހިމެނުމުގައި ނަމުގައި ސްކޭމަރުން ގެޔަށް ވަދެދާނެތީ އާއްމުންގެ ތެރޭގައި ބިރުހީވެފައި އޮތުމުންނެވެ.

ބޯހިމެނުން ނުވަތަ ސެންސަސް އަކީ އާބާދީއާއި އަދި އެނޫންވެސް މުހިންމު މައުލޫމާތު އެއްކުރުމަށް ކުރާ މަސައްކަތެކެވެ. ދުނިޔޭގެ ހުރިހައި ހިސާބެއްގައިވެސް ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދެއެވެ.

ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފަވަނީ 2014ވަނަ އަހަރުއެވެ. ބޯހިމެނުމުގެ މަސައްކަތަކީ ރާއްޖޭގެ އާބާދީ ދެނެގަނެ، ކުރިމަގުގައި ކަންކަން ރޭވުމުގައި ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ޤާނޫނުން ލާޒިމުކުރަނީ ކޮންމެ 10އަހަރަކުން 1 އަހަރު މުޅި ރާއްޖެ ހިމެނޭހެން ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށެވެ. މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ރާއްޖޭގައި ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދިއުމުގެ މަސައްކަތް ތަފާސްހިސާބާއިބެހޭ ޤައުމީ އިދާރާއިން ދަނީ ކުރަމުންނެވެ.

ބޯހިމެނުން މުހިންމު ވަނީ ކީތްވެ؟

ބޯހިމެނުމަކީ ޤައުމުގެ މުހިންމު ކަންކަން ނިންމުމުގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ސިޔާސީ ކަންކަމުގައިވެސް ބޯހިމެނުން މުހިންމެވެ. އަދި ރަށްރަށުގެ ތަރައްޤީގައިވެސް ބޯހިމެނުމަކީ މުހިންމު ކަމެކެވެ. އާބާދީގައި ވަކި އަދަދަކަށް މީހުން ހަމަވުމުން އެ ރަށަކަށް ސިޓީއެއްގެ ދަރަޖަ ދެއެވެ. އެހެންކަމުން ކައުންސިލްތަކަށް އައްޔަންކުރާ މީހުންގެ އަދަދަށްވެސް ބަދަލުތަކެއް އާދެއެވެ. އެހެންކަމުން މިއީވެސް ބޯހިމެނުމުގެ މުހިންމު އެއް ބޭނުމެކެވެ.

ބޯހިމެނުނަށް އެއްކުރާ މައުލޫމާތުގެ އަލީގައި ތަރައްޤީގައި ބޭނުންވަނީ ކޮންކަމެއްތޯ ދެނެގަނެވެއެވެ. މީގެ ސަބަބުން ރަށްތަކާއި ސިޓީތައް ތަރައްޤީކުރަންވީގޮތް އެއިރެއްގައި އޮންނަ ސަރުކާރަކަށް ފަހުމުވެގެންދެއެވެ.

ބޯހިމެނުމަކީ އިޤްތިޟާދީގޮތުންވެސް ޤައުމުގެ މުހިންމު މައުލޫމާތުތަކެއް އެއްކުރާ އެއްޗެކެވެ. އަދި ތިމާވެއްޓާއި އާބާދީއާއި ގުޅޭ މުހިންމު މައުލޫމާތުތަކެއް ބޯހިމެނުމުގައި ހިމަނައެވެ.

ރިއެކްޝަންސް
2
0
0
0
0
0
0