ވިޔަފާރި މައިދާނުގައި ފުންނާބު އުސް އަންހެނުން ބިޒްނަސް އެކްސްޕޯގައި ވާހަކަދައްކަނީ

19 ސެޕްޓެމްބަރ 2022 - 16:51

ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯގައި މިއަހަރުވެސް އަންހެނުންނަށް ޙާއްސަ ސަމިޓް “މޯލްޑިވްސް ވިމެން ސަމިޓް” އޮންނާނެއެވެ. މި ސަމިޓް އޮންނާނީ އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހުއެވެ.

މޯލްޑިވްސް ވިމެންސް ސަމިޓްއަކީ މުޖްތަމައުގައި ފާހަގަކޮށްލެވޭ އަންހެނުން އެއްތަނަކަށްއައިސް ވާހަކަދައްކާ މަޝްވަރާކުރެވޭ ސަމިޓްއެކެވެ.
މިއަހަރުގެ މޯލްޑިވްސް ވިމެން ސަމިޓްގައި ވާހަކަދައްކާނީ ކުންފުނިތަކުގެ މަތީ މަގާމުތަކަށް ދިއުމަށް އަންހެނުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އަމިއްލަ ދިރިއުޅުމާއި އޮފީސް މަސައްކަތްތައް ބެލެންސްކޮށް ކުރާނެ ގޮތްތަކާއި ގުޅޭގޮތުންނެވެ.

advertisement

މިއަހަރުގެ ވިމެންސް ސަމިޓް ފަށާނީ އޯގާ ރިސޯޓްގެ އެޗްއާރު ޑިރެކްޓަރ އައިމިނަތު ޝެލީގެ ވާހަކައިންނެވެ. އޭނާގެ ވާހަކަ އަލިއަޅުވާލާނީ އަމިއްލަ ދިރިއުޅުމާއި އޮފީސް މަސައްކަތްތަކާއި ބެލެންސް ކުރުމާއި ގުޅޭގޮތުންނެވެ.

މި މައުލޫއާއި ގުޅޭގޮތުން ވާހަކަދެއްކުމަށް ޕެނަލިސްޓުންގެ ގޮތުގައި ތިއްބަވާނީ ޑިރެކްޓަރ އޮފް ރީޓެއިލް ކްރޮސްރޯޑް މޯލްޑިވްސް ޔަސްފާ ހަސަންއާއި، ޕެންޝަން އޮފީހުގެ ސީއޯއޯ ސުޖާތާ ހަލީމްއާއި، އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރ ކެއަރގެ ހެޑް ދިޔާނާ އަފީފްއާއި، ސިންފަނީގެ ޑިރެކްޓަރ އިޝާނާ ވަލީދުއެވެ.

2 ވަނަ ކީނޯޓް ސްޕީކަރެއްގެ ގޮތުގައި ވާހަކަދައްކަވާނީ އެވިޑް ކޮލެޖްގެ ސެންޓަރ ފޯރ ރިސާޗް އެންޑް އިނޮވޭޝަންގެ ޑީން ޒަކިޔާ މޫސާއެވެ. އޭނާ ވާހަކަދައްކަވާނީ މަތީ މަގާމުތަކަށް ދިއުމަށް އަންހެނުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުންނެވެ.

މި މައުސޫއާއި ގުޅޭގޮތުންވެސް ޕެނަލް ޑިސްކަޝަންއެއް ކުރިއަށްދާނެއެވެ. މި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވާނީ އެމްބީއެސްގެ ޑެޕިއުޓީ ޗީފް ސްޓެޓިސްޓިޝަން އައިޝަތު ޝަހުދާއާއި، ހެންޝީ މޯލްޑިވްސްގެ އޯނަރ ހަނީފާ ހިލްމީއާއި، ނަލަދޫ މޯލްޑިވްސްގެ ރިސޯޓް މެނޭޖަރ ފާތިމަތު ޝާޒްލީން އަދި ދިރާގުގެ ޑިރެކްޓަރ ލީގަލް އެންޑް ކޮންޕެނީ ސެކެޓްރީ ހަޒްރަތު ހުސައިންެއެވެ.

މި ސަމިޓްގެ ތެރެއިން ވިޔަފާރިތަކަށް ދިމާވާ ދަތިތަކާއި އެކަމުން އަރައިގަތުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިގެންދާނެއެވެ. ކޯޕަރޭޓް މޯލްޑިވްސްގެ ބިޒްނަސް އެކްސްޕޯއަކީ ބައިނަލްއަޤްވާމީ ގޮތުން ބާއްވާ ނެޓްވޯކިން އަދި ޓްރޭޑް ޝޯއެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0