ވިނަރެސް ފުލެޓުތަކަށް 1413 މީހުން ކުރިމަތި ލައިފި: އެޗްޑީސީ

20 ސެޕްޓެމްބަރ 2022 - 12:54

އެޗްޑީސީއިން މައުލޫމާތުދޭ ގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ވިނަރެސް ފުލެޓަށް ކުރިމަތިލުމަށް ހުޅުވާލައިފައިވާ މުއްދަތު 15 ސެޕްޓެމްބަރ 2022 ގެ ނިޔަލަށް ހަމަވެފައިވީއިރު، ޖުމްލަ 1413 ފަރާތްތަކުން ވަނީ ކުރިމަތިލާފައެވެ.

މި ފުލެޓުތަކަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ ޝަރުތުހަމަވެފައިވާކަން ކަނޑައަޅާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންނެވެ.

advertisement

ވިނަރެސް އަކީ ހުޅުމާލެ ފޭސް 2 ގައި އެޗްޑީސީއިން ތަރައްޤީކުރަމުން އަންނަ މެދު ފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫއުއެކެވެ. މި މަޝްރޫއު އަކީ ސަރުކާރުގެ އިސްނެގުމާއިއެކު މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ހިނގަމުންދާ މަޝްރޫއުއެކެވެ.

މި މަޝްރޫއުގައި ޖުމްލަ 1344 އެޕާޓްމަންޓް ހިމެނޭގޮތަށް ޖުމްލަ 10 ޓަވަރު ހިމެނެއެވެ. އަދި މިތަނުގައި 2 ވައްތަރެއްގެ އެޕާޓްމަންޓް ހިމެނެއެވެ. 902 އަކަފޫޓު އަދި 883 އަކަފޫޓު ހިމެނޭ މި އެޕާޓްމަންޓްތަކުގައި 3 ކޮޓަރި އަދި 3 ފާހަނާ އަދި ބެލްކަނީ ހިމެނެއެވެ.

ވިނަރެސް ފުލެޓުގެ ޕްރޮސެސް ކުރިޔަށްދާނެ ގޮތަކީ ކޮބާ؟

މިނިސްޓްރީން ވިނަރެސް ފުލެޓަށް ކުރިމަތިލާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް ބެލުމަށްފަހު ސްކޯރ ތަރުތީބުން ލިސްޓް ކުރެވޭނެއެވެ. އެއަށްފަހު އެޗްޑީސީއިން ލިސްޓް އޯޑަރަށް ޔުނިޓު ހިޔާރުކުރުމަށް ހުޅުވާލާނެއެވެ. އަދި އެއަށްފަހު އެޗްޑީސީއިން ފައިނޭންޝިއަލް އެލިޖިބިލިޓީގެ އިވެލުއޭޝަންގެ މަސައްކަތް ކުރިޔަށް ގެންދެވި އެލިޖިބަލްވާ ފަރާތްތަކަށް ޔުނިޓް ހަވާލުކުރެވޭނެއެވެ.

އަދި ފައިނޭންޝިއަލް އެލިޖިބިލިޓީއިން ޝަރުތުހަމަނުވާ ފަރާތްތަކުގެ ޔުނިޓްތައް ކެންސަލްކޮށް، ވެއިޓްލިސްޓްގައިވާ ފަރާތްތަކަށް ފުރުސަތު ދެވިގެންދާނެއެވެ.

ވިނަރެސް ފުލެޓު ހަވާލުކުރެވޭނީ ކޮންއިރަކު؟

މި ފުލެޓުތަކުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުންނެވެ. އަދި 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވިނަރެސް ފުލެޓު އާންމުންނާއި ހަވާލުކުރެވިގެންދާނެއެވެ.

ވިނަރެސް ކޮމާޝަލް ޔުނިޓްތަކުން އިއުލާނު ކުރެވިފައިވާ ތަންތަނަކީ ކޮބާ؟

ވިނަރެސް ފުލެޓުތަކުގެ ކޮންމެ ޓަވަރެއްގެވެސް ގްރައުންޑް އަދި ފުރަތަމަ ފުލޯ ކޮމާޝަލް ޔުނިޓްތަކުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވީއިރު މި ސަރަހައްދުގައި 1 ކޮންވީނިއެންސް ސްޓޯ، 5 މީޓް/ފިޝް ޝޮޕް، 5 ރީޓެއިލް ފިހާރަ، 1 ޓެއިލަރ ޝޮޕް، 2 ފާމަސީ އަދި 1 ކްލިނިކް އެޅުމަށް މިހާރު ވަނީ އިއުލާނު ކުރެވިފައެވެ. އަދި ކުރިޔަށް އޮތްތަނުގައި އިތުރު ކޮމާޝަލް ޔުނިޓްތައް މި ސަރަހައްދުގައި އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0