ރިޕޯޓު: ގޭންގްތައް ހުއްޓުވަން ނުކުޅެދިފައި!

22 ސެޕްޓެމްބަރ 2022 - 16:58

“ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖްތިމާޢީ އެއް މައްސަލަ އަކީ އެއްގަހެއްގެ ދެ ގޮފި. އެއީ މަސްތުވާ ތަކެއްޗާ ގޭންގް ކުށްތަށް. މިކަމުގެ އެންމެ ފުނުގައިވަނީ އިންތިޒާމްވެ ރޭވިގެން ހިންގާ ކަންކަން.އޭގެ ފަހަތުގައި ސިޔާސީ ނިޔަތާ، މާލީ ނަފާގެ ސަބަބުތައް ޝާމިލްވޭ” މި އަހަރުގެ މޭ މަހުގެ ތެރޭގައި އއ. އުކުޅަހުގައި ބޭއްވި ވިޔަވަތި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވެއެވެ.

ދެތިން ޖުމްލައެކެވެ. ނަމަވެސް ރައީސް އެ ވިދާޅުވެ ދެއްވީ މި ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ދެ މައްސަލަ އާއި އެ ދެ މައްސަލަ ހައްލުކުރުމަށް ހުރި ގޮންޖެހުންތަކާއި އެ ދެ މައްސަލައިގެ ފަހަތުގައިވާ ކަންކަމެވެ. ގޭންގްތައް ހުއްޓުވުމުގައި ކަމާ ބެހޭ ފަރާތްތައް ނުކުޅެދިފައިވާ ސަބަބަށް ވެސް އެ ވަނީ އަލިއަޅުވާލައްވާފައެވެ.

advertisement

މާލޭގައި އެކަނިވެސް 44 ގޭންގު އޮވޭ

ދާދި ފަހުން ފުލުހުން ހާމަކުރި ތަފާސް ހިސާބުތަކުން ވެސް ފެންނަނީ ބިރުވެރި މަންޒަރަކެވެ. އެ ތަފާސް ހިސާބުތަކުގައިވާ ގޮތުން މާލޭގައި އެކަނި ވެސް 44 ގޭންގް ހަރަކާތްތެރިވެއެވެ. އެ ގޭންގްތަކުގެ މެންބަރުންގެ އަދަދު 2،600 އަށް އަރައެވެ. އާންމު ގޮތެއްގައި ވަރުގަދަ 10 ވަރަކަށް ގޭންގް ހަތަކާތްތެރިވެއެވެ. އެ ގޭންގްތަކުގައި އެކަނި ވެސް 1،300 މީހުން އުޅެއެވެ.

އަދި މި ގޭންގްތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން އުޅޭކަން ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އެ ގޮތުން ވަރަށް ހަރަކާތްތެރި ނުވަ ގޭންގަކަށް ނިސްބަތްވާ 60 ވަރަކަށް ކުޑަކުދިން އެބަ ތިބިކަން ފުލުހުންގެ ރެކޯޑްތަކުން ދައްކައެވެ.

މާލެ ފިޔަވައި ދެން އެންމެ ގިނަ ގޭންގް ހަރަކާތްތެރިވަނީ އައްޑޫ އާއި ދެކުނުގެ އަތޮޅުތަކުގައެވެ. އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކުގައި ގޭންތަކުގެ ގޮތުގައި މާ ގިނަ ބަޔަކު ހަރަކާތްތެރި ނުވި ނަމަވެސް ކުށްކުރާ ގްރޫޕްތައް އުޅެއެވެ.

މި ސަރަހައްދުތަކުގައި ގޭންތަކުގެ ގޮތުގައި ހަރަކާތްތެރިނުވި ނަމަވެސް މާލޭގެ ބޮޑެތި ގޭންގްތަކުގައި މި ސަރަހައްދުގެ ރަށްތަކަށް ނިސްބަތްވާ މީހުން ވަރަށް ވަރުގަދަކޮށް ހަރަކާތްތެރިވާކަން ފުލުހުން ބުނެއެވެ.

ގޭންގުތައް ހަރަކާތްތެރިވަނީ ސިއްރަކުން ނޫން، ރޯމާ ދުވާލު

މިފަދަ ގޭންގްތަކުން ހިންގާފައިވާ މާރާމާރީތަކާއި ކުށްތަކާ ބެހޭ ޕްޒެންޓޭޝަނުން ވެސް ފެނިގެން ދިޔައީ ބިރުން ފިއްކަނޑައިގެންދާ ފަދަ މަންޒަރުތަކެވެ. އެއްވެސް ޖެހިލުމެއް ނެތި މީހުންނަށް ވަޅި ހަމަލާ ދޭ މަންޒަރާއި މުދަލާއި ތަކެއްޗަށް ގެއްލުންދޭ މަންޒަރުތައް ހީވަނީ ފިލްމެއްގެ މަންޒަރުތަކެއް ހެންނެވެ. އެއްވެސް ބިރެއް ޖެހިލުމެއް ނެތެވެ. ކުރާ ކަމެއް ކުރަނީ ސިއްރަކުން ވެސް ނޫނެވެ. ރޯމާ ދުވާލު ވެސް އެތައް ބައެއްގެ ކުރިމަތީގައި ވެސް ބޮޑެތި ކުށްތައް ކުރަނީ އެއްވެސް ޖެހިލުމެއް ނެތިއެވެ. ހާއްސަކޮށް މާލޭގައެވެ.

ދާރި ފަހުން މާލޭގެ މަގުމަތިން ފުލުހުންނަށް ވެސް މިފަދަ ގޭންގަކުން ހަމަލާދިނީ އެތައް ބައެއްގެ ކުރިމަތީގައެވެ. މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓްގެ ތިން ފުލުހަކަށް ހަމަލާ ދީފައި ވަނީ ހެންވޭރުގައި އޮންނަ މަޝްހޫރު ގޭންގަކުން ކަމަށް ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވިދާޅުވެފައި ވެއެވެ.

އޭގެ ފަހުން ވައްކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކުރުމުން ގޭންގަކަށް ނިސްބަތްވާ މީހަކު މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހުންނަށް އިންޒާރު ދީފައި ވެއެވެ. އަދި މާފަންނުގައި ހަރަކާތްތެރިވާ އެ ގްރޫޕްގެ ބަޔަކު އޭގެ ފަހުން ވެސް އެ ސްޓޭޝަން ކައިރި އަށް އެއްވެ ފުލުހުންނަށް ތަފާތު އިންޒާރު ދީފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ގޭންގުތައް ހުއްޓުވުމުގައި އިދާރީ މައްސަލަތައްވެސް ބޮޑު

ގޭންގް ކުށްތައް އިތުރުވެ، ނުރައްކާ ބޮޑުވަމުންދާ އިރު އެކަންކަން ހުއްޓުވުމުގައި ކަމާ ބެހޭ އިދާރާތަކަށް ވެސް އެކަށީގެންވާ މަސައްކަތް ކުރުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. މީގެ ކުރިން ގޭންގްތަކާއި ނުރައްކާތެރި ކުށްތައް ކުރާ މީހުންގެ ފައިގައި މޮނިކޮން އަމުރުގެ ދަށުން ޓެގް އެޅުމުގެ މަސައްކަތް މިދިޔަ ސަރުކާރުގެ ތެރޭގައި ފެށިއެވެ.

އެކަމަށް ބޭނުންވާ ސާމާނާއި މީހުން ތަމްރީނުކޮށްގެން ކަންކަން ކުރި ނަމަވެސް ވަކި ހިސާބަކުން ސިޔާސީ ނުފޫޒާ ހެދި އެކަން ހުއްޓުމަކަށް އައެވެ. އެކަން ނުކުރެވޭތީ އަލުން ފުލުހުން ޝަކުވާކުރުމުން ހާއްސަ ބަޖެޓެއްގެ ތެރެއިން ޓެގްތައް ގެނެއި ނަމަވެސް އަދިވެސް އެކަން އޮތީ ނުވެއެވެ. މިހާރު އަނެއްކާ ވެސް ދެކެވެނީ މީހުން ތަމްރީނުކުރާ ވާހަކަ އާއި އިދާރީ އިންތިޒާމުތައް ހަމަޖައްސާ ވާހަކައެވެ. އަދި ގާނޫނީ ގޮތުން މިހާރު ހުރަސްތައް ހުރުމުން އެޓާނީ ޖެނެރަލްއާ އެކު މަޝްވަރާކުރާ ވާހަކައެވެ.

ކުރިން ޓެގް އެޅުވީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުންނެވެ. ނަމަވެސް މިހާރު އެ ގާނޫނު އިސްލާހުވެފައިވާތީ ކުރިން ކުރި ގޮތަށް އެކަން ކުރެވެން ނެތް ކަމަށް ފުލުހުން ބުނެއެވެ. މިހެން ގޮސް އެތައް ކަމެއް ހުރީ މި ގޮތަށެވެ. ކުރިން ނުދޭ އެތައް ބާރުތަކެއް ފުލުހުންނަށް ދިނުމުން ވެސް ގޭންގްތަކާއި ދެކޮޅަށް އެކަށީގެންވާ މަސައްކަތްތަކެއް ފުލުހުންނަށް ކުރެވިފައެއް ނުވެއެވެ.

ފާޅުގައި ފުލުހުންނަށް ހަމަލާ ދެމުންދާ އިރު އާންމު މީހާ އަށް އޮތް ރައްކަލަކީ ކޮބައި ހެއްޔެވެ؟ މި މައްސަލަތައް ހައްލުން ނެއްޓިގެން ދިއުމުގައި ކަމާ ބެހޭ އިދާރާތަކުގެ އިހްމާލު ބޮޑެވެ. އެ ގޮތުން ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމާ ހަމައިން ފެށިގެން ޝަރުއީ މަރުހަލާ އާއި ހުކުމް ތަންފީޒުކުރުމުގެ މަރުހަލާގެ ތެރެއިން ވެސް އަހަރުތަކެއް ވަންދެން ބޮޑެތި ގޯސްތަކެއް ހެދުމުގެ ނަތީޖާއަކަށް ވެފައި ވަނީ މިފަދަ ގްރޫޕްތައް ތޮށިގަނޑު ފަޅާލައި ފާޅުގައި ނުކުމެ ކަންކަން ހިންގުމެވެ.

ރައީސް ވިދާޅުވި ފަދައިން މިކަންކަން މި ގޮތަށް ވުމުގެ މައިގަނޑު އެއް ސަބަބަކީ މާލީ ނަފާ އާއި ސިޔާސީ ނިޔަތެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ވެސް މި މައްސަލައަށް އެކަށީގެންވާ ހަލެއް ލިބުމަކީ ނާދިރު ކަމެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
1