ރިޕޯޓު: ޖީލުތަކެއް ހިތާމައިގެ ތެރެއަށް ޢަރަގު ކޮށްފި – ދައުލަތުން ޒިންމާ ނަގަން ޖެހޭނެ

24 ސެޕްޓެމްބަރ 2022 - 16:27

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ މަސްތުވާތަކެތީގެ މައްސަލައެއް ރިޕޯޓުކޮށްފައި ވަނީ 1977 ވަނަ އަހަރުއެވެ. އޭގެ ފަހުން މިހާރު ބައި ގަރުނުވެ ދިޔައީއެވެ. މަސްތުވާ ތަކެއްޗާއި ބެހޭ ގާނޫނެއް އެބައޮތެވެ. ޑްރަގް ކޯޓެއް އެބަހުއްޓެވެ. މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށާއި މަސްތުވާތަކެތި ވިއްކައި ބޭނުންކުރާ ފަރާތްތައް ހުއްޓުވުމަށްޓަކައި ފުލުހުން އެބަތިއްބެވެ. މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަކީ ކުށްވެރިން ކަމުގައި ކަނޑައަޅައި ޖަލުގައި ގައިދުކޮށް ބެލެހެއްޓުމަށްޓަކައި ދައުލަތުން އެތަކެއް ފައިސާ އެއް ހޭދަ ކުރެއެވެ. ރީހެބިލިޓޭޝަން ޕްރޮގްރާމު ހިންގުމުގެ ނަމުގައި 10 ރީހެބިލިޓޭޝަން ސެންޓަރު ރާއްޖޭގެ އެކި ހިސާބުތަކުގައި އެބަހުއްޓެވެ.

ރާއްޖޭގެ ޖަލުތަކުގެ އާބާދީގެ ގާތްގަނޑަކަށް 80 އިންސައްތައަކީ މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކުގައި ގައިދުކޮށްފައިވާ މީހުންނެވެ. މަސްތުވުމުން ސަލާމަތްވާ މީހުންގެ އަދަދު ނިސްބަތުން މަދު އިރު، އެ މީހުންގެ ތެރެއިން އަލުން މަސްތުގެތެރެއަށް ވަންނަ މީހުން ގިނަ އެވެ. މިކަމުން ދޭހަވަނީ ފަރުވާގެ ނިޒާމުގެ ބަލިކަށިކަމެވެ. ހަމަ މިއާއި އެކު ޑްރަގް ވިޔަފާރި ފުޅާވެފައި އޮތް މިންވަރެވެ. 2016 އާއި 2019 އާއި ދޭތެރޭގައި ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ވަނީ 20 އިންސައްތަ އިތުރު ވެފައި ކަމަށް ސްޓެޓިސްޓިކަލް އަހަރީ ފޮތުގައި ވެއެވެ. ރާއްޖޭގައި މަސްތުވާތަކެތި ގަނެވިއްކުމުގެ ވިޔަފާރި ވަނީ މި މުއްދަތުގައި 47 އިންސައްތަ އަށް އިތުރުވެފައެވެ.

advertisement

އަތާފައި ބަނދެ ގޮޅިއަކަށް ލައިގެން އަދަބުދޭތާ ބައި ގަރުނު – ހައްލެއް ނުފެނުނު

ދުނިޔޭގެ އެހެން ގައުމުތަކުގައި މިމައްސަލައަށް ރިއާޔަތް ކުރަމުން އަންނަނީ ރިސްޓޮރޭޓިވް ޖަސްޓިސްގެ ނިޒާމެއްގެ ތެރެއިންނެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަކީ ކުށްވެރިންގެ ގޮތުގައި ދެކި އެކަހެރި ނުކޮށް، އެކަމަށް ބޭނުންވާ ފަރުވާ އެފަރާތްތަކަށް ލިއްބައިދީ، ޖަލުގައި ބަންދުކުރުމުގެ ބަދަލުގައި، އެކަށީގެންވާ ރީހެބިލިޓޭޝަންގެ ފުރުސަތުތައް ހޯދައި ދީގެންނެވެ. މިފަދަ ގައުމުތަކުގައި މަސްތުން ސަލާމަތްވާ މީހުންގެ ނިސްބަތް މަތިކަން ފާހަނގަކުރެވެއެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި މެދު ރާއްޖޭގައި މިހާރު މިއޮތް ނިޒާމުން އަމަލު ކުރަނީ މިއާއި އިދިކޮޅަށެވެ. މިވަގުތު ހުރީ ހަރުކަށި އަދަބުތަކާއި، މުޖުތަމައުން އެކަހެރި ކުރުމުގެ ސިޔާސަތެކެވެ. މިސާލަކަށް، ޕީނަލް ކޯޑާއި ކްރިމިނަލް ޕްރޮސީޖާ ކޯޑު އަދި ޖުވެނައިލް ޖަސްޓިސް އެކްޓާއި ޑްރަގް އެކްޓްގެ ދަށުން، މަސްތުވާފަރާތްތަކުގެ މައްސަލައާއި ގުޅޭ ގޮތުން ޕީޖީ އަށް ވަކި ބާރުތަކެއް ލިބެއެވެ. މި ބާރުގެ ދަށުން ކުށްކުރާ ފަރާތްތަކާއި މެދު ދައުވާ ނުކުރަން ޕީޖީ އިން ނިންމިކަމުގައި ވީ ނަމަވެސް ދައުވާ ކުރުމުގެ ބަދަލުގައި އެހެން ގޮތަކަށް އަމަލުކުރާނެ މާ ބޮޑު ގާނޫނީ ޖާގަ އެއް ނެތެވެ. މި ފުރުސަތު ލިބެނީ ހަމަ އެކަނި އަލަށް މިފަދަ ކުށްތަކުގައި ހައްޔަރުކުރާ ފަހަރުތަކުގައާއި، އެއް އަހަރަށް ވުރެ ކުރު މުއްދަތަށް ހުކުމް ކޮށްފައިވާ ފަރާތްތަކަށެވެ. ރިލެޕްސް ވުން ނުވަތަ އަލުން މަސްތުވާތަކެތި ބޭނުންކުރަން ފަށާ މީހުން ރާއްޖޭގައި ގިނައެވެ. އެހެން ކަމުން މި ލުއި ލިބެނީވެސް ނިސްބަތުން މަދު ބަޔަކަށެވެ.

މަސްތުވާ އެއްޗިއްސަށް ދެވިހިފުމަކީ އެކަމަށް ރަނގަޅު ފަރުވާ ބޭނުންވާ ކަމެއްގެ ގޮތުގައި ދެކިގެން ތައްޔާރުކޮށްފައިވާ ރަނގަޅު ފަރުވާގެ ނިޒާމެއް މިވަގުތު ރާއްޖޭގެ ރީހެބިލިޓޭޝަން ސެންޓަރުތަކުގައި ނެތް ކަމަށް ޖާނީ އަދި ޗޭންޖް އެންޑީއޭ މޫވްމަންޓް ފަދަ ޖަމާއަތްތަކުން ބުނެއެވެ. މީހާ މުޖުތަމައުއިން އިން އެކަހެރި ނުކޮށް، ބާކީ ނުކޮށް ފަރުވާ މަރުހަލާ ފުރިހަމަ ނުކުރެވޭނަމަ، އެމީހާ އެ ހުށައެޅެނީ އަނެއްކާވެސް މަސްތުގެ މަގަށެވެ. ސަބަބަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހުން އެކަމުގެ ތެރެއަށް ވަންނަ ސަބަބުތަކުގެ ތެރޭގައި އެކަހެރިކަން އިހުސާސް ވުމާއި މާޔޫސް ވެ ހާސްވުން ހިމެނެއެވެ. ވީމާ، ރީހެބިލިޓޭޝަން ސެންޓަރު އިމާރާތް ކޮށް، އެތަންތަނުގެ އަދަދުތައް ގުނާފަދައިން، އެތަންތަނުން ފަރުވާ ނިންމައި އާއްމު ދިރިއުޅުމަށް ރުޖޫއަވާ މީހުންގެ އަދަދާއި، ފަރުވާއަށް ފަހުވެސް އަލުން އެޑިކްޝަންއަށް ދާ މީހުންގެ އަދަދުތަކާއި އޭގެ ސަބަބުތައް ދަނެގަނެ އެކަންކަން ނައްތާލުމަށް މަސައްކަތް ކުރުން މުހިންމެވެ.

ދެން އޮތީ މިކަންކަމަށް ދައުލަތުން ހޭދަކުރާ ފައިސާގެ ވާހަކައެވެ. ޖަލު ހުކުމަށް ފަހު، ނުވަތަ ފަރުވާ ޕްރޮގްރާމަށް ފަހު މީހުން އަނބުރާ މުޖުތަމައަށް ނެރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަށް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ހޯދުމަށް އެދުނު ބަޖެޓުގެތެރެއިން އެ މުވައްސަސާއަށް ދައުލަތުން ކަނޑައަޅާފައި ވަނީ އެދުނު އަދަދުގެ 5 އިންސައްތައަށް ވުރެވެސް މަދުންނެވެ. ފަރުވާ ހޯދާ ފަރާތްތަކަށް ސައިކޯ ސޯޝަލް ސަޕޯޓު ދިނުމަށްޓަކައި މިވަގުތު އެއިދާރާގައި ތިބީ އެންމެ ދެ ކައުންސިލަރުންނެވެ. އަންހެނުންނަށް ފަރުވާ ދޭނެ ސެންޓަރެއް ނެތެވެ. ބޭނުންވާ އާފްޓާކެއާ ޕްރޮގްރާމްތައް ހިންގުމަށްޓަކައި ދައުލަތުން ބަޖެޓު ދީފައި ނެތް ކަމަށް ޑްރަގު ކޯޓުން ބުނެފައިވާ ކަމަށް ވެސް ޓްރާންޕޭރަންސީ މޯލްޑިވްސް އިން މިއަހަރު ނެރެފައިވާ ރީއިންޓިގްރޭޝަން އެނާލަސިސް ރިޕޯޓުގައި ފާހަނގަކޮށްފައިވެއެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީ އަކީ މިނިވަން މުވައްސަސާ އެއްގެ ގޮތުގައި ހިންގަން ގާނޫނުގައި ކަނޑައަޅާފައިވާ އިދާރާއެއް ނަމަވެސް، ހެލްތް މިނިސްޓްރީގެ ދަށުން މިތަން ހިންގަމުން އަންނަނީ، ސީ.އީ.އޯ އެއް ވެސް ނެތިއެވެ. އެހެން އިދާރާއަކަށް ރާއްޖެއިން ބޭރުން ތަޖުރިބާކާރު ޕްރޮފެޝަނަލް ވެރިން ގެނެސް ހިންގުން ހަވާލުކުރާ ބީދައިން، އެންޑީއޭ ހިންގުމަށްޓަކައި ރަނގަޅު ގާބިލު ވެރިއެއް އައްޔަން ނުކޮށް މިހާ ދުވަސްވެފައިވާ ކަމީ، މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް ދައުލަތުން ދޭ ސަމާލުކަން ކުޑަކަން ހާމަވާ ކަމެކެވެ.

ޑްރަގް އެކްޓުން ބާރު ލިބިގެން ދައުލަތަށް އެތަކެއް މުދަލަކާއި ފައިސާއެއް!

މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލަތަކުގައި ދައުލަތަށް އެތައް މިލިޔަން ރުފިޔާ އަދި މުދާ ނަގާ އިރު، މި ފައިސާ އިން އެއްވެސް މިންވަރެއް، ރީހެބިލިޓޭޝަން ނުވަތަ މީހުން މަސްތުން ސަލާމަތް ކުރުމަށްޓަކައި ހޭދަ ނުކުރާކަން ވެސް ޓީއެމް ގެ ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ. މި ފައިސާ އާއި މުދަލަކީ ޑްރަގް އެކްޓުގެ ދަށުން ބާރު ލިބިގެން ދައުލަތަށް ނަގާ ފައިސާ އާއި މުދަލެވެ. އެ ފައިސާ ހޭދަކުރަނީ ކޮންކޮން ކަންކަމަކަށް ކަން އެނގޭކަށް ނެތެވެ. އެނގެން އޮތް ކަމަކީ ރީހެބިލިޓޭޝަންގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންގެ މުސާރަވެސް ދައުލަތުން ނުދޭ ކަމެވެ. އެ މަސައްކަތްތެރިންގެ މުސާރަ ހަމަޖައްސަނީ އެޗްޑީސީ ފަދަ ކުންފުނިތަކުގެ ސްޕޮންސާގެ ދަށުންނެވެ.

މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުން އެކަން ކުރުމުގެ ތެރޭގައި ދެމިތިބީ ބޭނުންވެގެނެއް ނޫނެވެ. ނަމަވެސް، އެއަށް ދެވިހިފުމުގެ ސަބަބުން އެއާއި ނުލައި ދިރިނޫޅެވޭތީއެވެ. ޑްރަގް ވިޔަފާރި ކުރާ ބޮޑެތި ނެޓްވޯކްތަކުން ރާވައިގެން ހިލޭ މަސްތުވާތަކެތި ބެހުމަކީ، ޑްރަގް މާކެޓް އުފެއްދުމަށްޓަކައި ކުރަމުން އަންނަ ކަމެކެވެ. ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި މާލޭގައި، ނުރައްކާތެރި ޑްރަގް އެއް ކަމުގައިވާ މެތްއެމްފެޓަމިންސް (‘Methamphetamins’) ގެ މާކެޓެއް މިގޮތަށް އުފައްދާފައިވާ ކަމަށް ފުލުހުންނާއި އެންޑީއޭ އިންވެސް ވަނީ ހާމަކޮށްފައެވެ. އެހެން ކަމުން، ހިލޭ ބަހައި، މީހުން މިއަށް އަޅުދާސްތުކުރުވާ މީހުން ނުހުއްޓުވައި ހަމަ އެކަނި ފަރުވާ އަށް ފޯކަސް ކުރުމަކީ އަލިފާން ރޯ ކުރާ މީހާ ނުހުއްޓުވައި އަބަދުވެސް އަލިފާންގަނޑަށް ފެން ޖަހަޖަހައި ތިބުން ފަދަ ކަމެކެވެ. މި ވިޔަފާރިވެސް ހުއްޓުވަން ޖެހެއެވެ. މި ވިޔަފާރީގެ ޝިކާރައަށް ވެފައި ތިބި ޒުވާނުންނާއި ކުޑަކުދީންނާއި އުމުރުން ދުވަސްވީ މީހުންނަށް ރަނގަޅު ފަރުވާ ވެސް ލިބެން ޖެހެއެވެ.

މި ވިޔަފާރީގެ ޝިކާރައަށް ވުން ގާތީ، ޑިޕްރެޝަން އާއި އެންޒައިޓީ ފަދަ ނަފްސާނީ މައްސަލަތައް ތަހައްމަލު ކުރާ ފަރާތްތަކާއި، ފަގީރު ހާލަތުގައި ދިރިއުޅެން ޖެހުމުގެ ސަބަބުން ކުރިމަތިވާ އެކިއެކި އިޖުތިމާއީ އަދި އިގުތިސާދީ މައްސަލަތަކުގެވެސް ޝިކާރައަށް ވާ މީހުންނާއި ކުދިންނެވެ. ކޮންމެ ދުވަހަކު ނިދާ ހޭލާގޮތަށް ހޯދުނުގޮތަކަށް ފައިސާ ހޯދައިގެން އެދުވަހެއްގެ “ފިކްސް” ހޯދަން ނިކުމެ، މަގުމަތީގައި ނިދިޖެހިފައި ހުންނަ މީހާގެ ފޮޓޯ އާއި ވީޑިއޯ އާއްމުކޮށް، މަލާމާތް ކުރާއިރު، ނިދިޖެހިފައި ހުރި މީހާ އެހިސާބަށް ދިޔަ ގޮތާއި މެދު ވިސްނާލުން މުހިންމެވެ. އެމީހާ އެހިސާބަށް ދިޔުމުގައި ދައުލަތުގެ އިހުމާލު އޮތް މިންވަރާއި މެދު ވިސްނުން މުހިންމެވެ.

ރިއެކްޝަންސް
0
0
1
2
0
0
0