އަމިއްލަ ހިޔާލު: ދިވެހި ރާއްޖެ ފިތުނައިގައި އޮންނަތާ އެތައް އަހަރެއް
25 ސެޕްޓެމްބަރ 2022 - 10:32
ލިޔުނީ: އާމިނަތު ޙަސަން
ފަސާދަ، ބަޢާވަތް، ދެފުއް ދެގޮތް، ކަމަކާމެދު ދެކޮޅުވެރިވެގެން ދެބަސްވާ ދެބަސްވުން،” މިއީ ހުސް ފިތުނައިގެ ދަށުން ދިވެހި ބަހުގެ ރަދީފުގައި މިބަސް މާނަ ކޮށްދޭ ގޮތްތަކެވެ. އާއްމު ބަހުން ދަންނަވާނަމަ، އެއްފަރާތް އަނެއް ފަރާތާއި ޖެއްސުމުގެ ގޮތުން ކުރާ ކަންތައް ނުވަތަ ދެކެވޭ ވަާހަކައަކީ ފިތުނައޭ ބުނެވިދާނެއެވެ. ބައެއް މީހުން، މިހާރު މިދެކެވޭ ރާއްޖެތެރޭ މީހުންނަކީ، ސެކަންޑް ކްލާސް ސިޓިޒަން އޭ ބުނެ، ދެކެވޭ ވާހަކައަކީ ފިތުނައޭ ބުނާގޮތަށެވެ.
ސުވާލަކީ، މި ޝަކުވާ އަކީ އަދު ސޯޝަލް މީޑިއާގެ އެހީގައި އާއި، ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރި ވާހަކައަކަސް، މީ އައު ވާހަކަ އެއްހެއްޔެވެ؟ މިހާރު މިކަމުގެ
އަޑު ހަރުވުމަކީ އަދި އައު ވާހަކަޔަކަށް މިކަން ވުމެއް ނޫނެވެ.
މިކަމުގެ ހެކިންނަކީ މިކުޑަ ކުޑަ މާލޭގެ ތިންބައިކުޅަ ދެބައިމީހުންގެ ދިރިއުޅުމުގެ ހާލަތެވެ. އެމީހުންގެ ދިރިއުޅުމުގެ މާޒީއާއި އެމީހުންގެ މައިންބަފައިންގެ ގުރުބާނީއެވެ. ގުރުބާނީއޭ މިދަންނަވަނީ، އެއީ އަމިއްލަ ވަޒަން ދޫކޮށް، އާއިލާ ދޫކޮށް މާލެއަށް ހިޖުރަ ކުރި ފުރަތަމަ ޖީލުގެ މީހުންވީމައެވެ.
ހުސް މަޖުބޫރީ ހާލަތުގައި މާލެއަށް ވަޒަންވެރިވާން ޖެހުނު މީހުން
ދެން އޮތީ އެކޮނޮމިކް މައިގަރަންޓްސްއެވެ. އެއީ މަޖުބޫރީ ވަޒަންވެރިނެވެ. އެއް ނަސްލެއްގެ، އެއްކުލައެއްގެ، އެއްދީނެއްގެ، އެއް ގައުމެއްގެ ތެރޭގައި، ފިތުނަ އުފެދުނީ، ހިސާބުގެ ތަފާތުކުރެމޭ މިކިއާ ރީޖަނަލިސަމްގެ ވަބާ ގައުމުގެ ތާރީޚު ލިޔެވެން ފެށީއްސުރެ އޮތުމުންނެވެ. މިއީ އަދި އިއްޔެއަކު މިއަދުގެ ވާހަކައެއް ނޫނެވެ. އެތައްސަތޭކަ އަހަރުގެ ވާހަކަ އެކެވެ. ތަފާތީ ދުނިޔެއަށް އައި ކުރިއެރުމުގެ ސަބަބުން، މާއްދީ ފަރަގު ފެންނަން އޮތްލެއް ބޮޑުކަމެވެ.
މިދެންނެވުނު ހިސާބުގެ ތަފާތުކުރުން، ދުނިޔޭގެ އެކި ގައުމުތަކުގައި އެކި މިންވަރަށް އޮތް ކަމުގަވީނަމަވެސް، ދިވެހިރާއްޖެ އޮތީ ދިމިކްރާތީ ގައުމަކަށް އަޅާ ބަލާއިރު ވަރަށް ފަހަތުގައެވެ.
އެކްސްޓްރީމް މިސާލަކަށް އެނބުރިލަމާއެވެ. ޗައިނާއަކީ ދުނިޔޭގެ އެއްމެ ބައިބޯ ގައުމެވެ. ޚުދުމުހުތާރު ކޮމިއުނިސްޓް ގައުމެކެވެ. މި ގައުމުގައި، ރަށްފުށު ހިސާބުން ސިޓީ ތަކަށް ހިޖްރަކުރުން އޮންނަނީ ވަކި ކޮންޓޮރޯލެއްގެ މަތިންނެވެ. ‘ހުކޯއު’ ކިޔާ މި ސިސްޓަމުގައި، 18 އަހަރު ފުރިފައިވާ ސިޓީތަކަށް ހިޖުރަކުރި މީހުންގެ ދަރިން އަނބުރާ އޭނާ ރެޖިސްޓަރ ވެފައިވާ ރަށަށް ދާންޖެހެއެވެ.
ސަބަބަކީ، ސިޓީގެ ދިރިއުޅުމުގެ ހާލު މީހުން ގިނަވުމުގެ ސަބަބުން ބޮއްސުންލާފާނީތީ އާއި، ދަނޑުވެރިކަމުގެ ސިނާއަތަށް ލޮޅުން އަރާފާނެތީއެވެ. ދެން އޮތް އެއްމެ ބޮޑު ސަބަބަކީ، ޒަމާނުއްސުރެ ދިވެހިރާއްޖެ، މާލެ ޚާއްސަކުރުމަށްވެސް އޮތް އުޒުރެވެ. ސިޔާސީ ބޭނުމަށް، ސިޓީތަކުގެ ރަށްވެހީން ރުއްސުމަށްޓަކައި، ވެރިކަމާ ތޮޅެފާނެތީ، އެމީހުންގެ ރުހުމާއި އެއްބާރުލުން ހޯދުމަށް ކުރެވޭ ބޮޑު ތަފާތެވެ. ނަމަވެސް ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 41 އެވަނަ މާއްދާއިން ކޮންމެ ދިވެއްސަކަށް އެއް ރަށުން އަނެއް ރަށަށް ހިޖުރަކުރުމުގެ ހައްގު އޮވެމެ، މި ހައްގުގެ ފައިދާ ފުރިހަމަ އަށް ލިބޭ ގައުމަކަށް ނުވުއެވެ. ބޯހިޔާވެހި ކަމުގެ ހަމަހަމަ ކަމުން އެއްކިބާވެފަވާ ފްރީޑަމް އޮފް މޫވްމަންޓްގެ ބޭނުމަކީ ކޮބައިހެއްޔެވެ.
ފިތުނަ އުފެދިގެން އައީ އިއްތިފާގަކުންނެއް ނޫން
ފިތުނައިގެ މައްޗަށް މާލެ ދެބައިވެފައޮންތާ އެތައް އަހަރެކެވެ. ސޯޝަލޮޖިކަލް ދިރާސާއެއް މިކަމުގައި ހެދިފައިނެތަސް، މައުލޫމާތުގެ ފުރިހަމަ ސޫރަ ނުކުރެހުނަސް އެއީ، މަތީގައި ދެންނެވިހެން، މިރަށުގެ ރެޖިސްޓަރ ކުރަން ގެއެއް ނެތް މީހުންގެ ތަޖްރިބާއެވެ.
ޒަމާނުއްސުރެ، ގައުމު ހިންގަން ތިބި ވެރިން، މުޅި ގައުމުގެ ތަރައްގީއަށްވުރެ، މާލެ އިސްކުރުމުން ދެން އެހެން ރަށްތަކުގެ ވެރިންގެ ހައްގަށް ލިބުނު އުނިކަމެވެ. ސަރުކާރުގެ ބޯވަހިޔާވެހި ކަމުގެ އުސޫލުތަކުން ދޭހަވާ ކަންކަމެވެ. ޕޮއިންޓްސް ލިބޭ ގޮތުގެ ތަފާތުކަމެވެ. ހިލޭ ގޯތި ލިބުމުގެ ފުރުޞަތު އޮތްގޮތެވެ.
މިހުރިހާ ކަމަކުން ދޭހަވަނީ، ފިތުނައަކީ، މި މާލޭގައި މާކުރިއްސުރެ ވެސް މީހުންގެ ހިތްތަކުގައި އުފައްދައިފައިވާ ކަންކަމެވެ. ސިސްޓަމެޓިކް ޑިސްކްރިމިނޭޝަން އަކީ ކޮބައިކަން އޮޅޭކަށް ނެތެވެ.
ހަމައެކަނި އެހާރާއި މިހާރުގެ ތަފާތަކީ، މިވާހަކަ ދެކެވުމުގެ ފުރުޞަތު ޓެކްނޮލޮޖީގެ އެހީގަ އާއި، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން އޮތުމުންނާއި، ރައްޔިތަށް އައި އިލްމީ ތަނަވަސްކަމުން، އެބަޔަކަށް އެބައެއްގެ ހައްގު ދިފާއުކުރުމުގައި އަޑު އުފުލެން އޮތުމެވެ.
މި ފިތުނަ ނުވަތަ ދެބައިވުން މާލޭގައި އުފެއްދީ، ޝައްކެއްނެތް ގޮތުގައި، ގައުމު ހިންގަން ހޮވި މީހުންނާއި، އޭގެ ކުރިން ވެރިކަމުން ގަދަބާރުން ތިބިމީހުންނެވެ.