ނަހުލާ ފެއްޓެވި ބަހުސް – މައްސަރުގެ ވާހަކައަކީ ލަދުވެތި ވާހަކައެއްތަ؟

25 ސެޕްޓެމްބަރ 2022 - 13:23

އާންމުކޮށް ދައްކަން ނުކުރޭ ޒާތުގެ ވާހަކައެއް ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ދާދި ފަހުން ވަނީ ދައްކަވާފައެވެ. އަދި އެ ވާހަކަ ދައްކަވާފައި ވަނީ ވެސް ވަރަށް މުހިންމު ތަނެއްގައެވެ. ރައްޔިތުންގެ މަޖިލީހުގައެވެ.

“އަޅުގަނޑު ގަޑިއަށް ހާޒިރުވާއިރު، ވަޒީރެއްގެ ކުރިން އަޅުގަނޑަކީ އިންސާނަކަށް ވީތީ، އަންހެނަކަށް ވީތީ ދިމާވެދާނެ ހާލަތެއް އޮވެދާނެ. އެގޮތުން އަންހެނުންނަކީ ކޮންމެ މަހަކު އެއް ފަހަރު މައްސަރު ކަން ލައިގަންނަ ބައެއް ވީމާ، އެހެންވީމަ އަޅުގަނޑު ކުޑަކޮށް ވެސް އިހުތިރާމު ކުޑަކުރުމުގެ ގޮތުން މަޖިލީހަށް ލަހުން އައީކީ ނޫން،” ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއިން މިދިޔަ ހަފުތާގެ ބުދަ ދުވަހު ތާވަލްކުރި ބައްދަލުވުމަށް ހާޒިރުވުން ލަސްވި ސަބަބު މިނިސްޓަރު ހާމަކޮށްދެއްވަމުން ވިދާޅުވިއެވެ.

advertisement

މިނިސްޓަރުގެ މިވާހަކައާ ގުޅިގެން ސޯޝަލް މީޑިއާގައި އެތައް ބަޔަކު ހިޔާލު ފާޅުކުރިއެވެ. މިއީ ދައްކަންޖެހޭ ވާހަކައަކަށްވީ ނަމަވެސް ހިތާމައަކީ އެއްބަޔަކަށް އެކަންވީ ހުތުރު ކަމަކަށެވެ. އަދި ބައެއް އަންހެނުން ވެސް ފާޅުގައި ނަހުލާ އާއި އަންހެނުންގެ ކަރާމާތަށް ނިސްބަތްކޮށް ބަދުބަސްތައް ބުނެފައިވެއެވެ. އެއްބައެއްގެ ނަޒަރުގައި ނަހުލާ ދައްކަވަނީ ބަހަނާއެވެ. އަދި މައްސަރު ކަންތަކަކީ ހަމައެކަނި ނަހުލާ އަށް ކުރިމަތިވާ ކަމެއް ނޫން ކަމާއި އެއީ ޒިންމާއިން ބަރީޢަވެވޭނެ އުޒުރެއް ނޫން ކަމަށް ބުނެފައި ވެއެވެ.

ހަގީގަތަކީ މައްސަރުކަންތައް ކުރިމަތިވުމުން އެކި މީހުންނަށް ކުރިމަތިވަނީ އެކި ކަންކަމެވެ. އެއްބަޔަކަށް އެއީ ބޮޑު ކަމަކަށް ނުވި ނަމަވެސް ބަނޑުގައި ރިއްސާތީ ދެތިން ދުވަހު އެނދުމަތިން ނުތެދުވެވި އަނގައިން ބަހެއް ބުނަން އުނދަގޫ ހާލަތް ތަހައްމަލުކުރާ އެތައް އަންހެނުންނެއް އެބަ އުޅެއެވެ. އެތައް ވޭނެއް އުފުލަމުން ވެސް ސަލާމް ބުނެވެން ނެތީތީ އޮފީހަށް ދާންޖެހޭ އެތައް ބަޔަކު އެބަ ތިއްބެވެ. މަހަކު ދެ ދުވަހު ސަލާމް ބުނަންޖެހި ސެޓްފިކެޓް ސަލާމްގެ 15 ދުވަސް ހުސްވުމުން މަޖުބޫރީ ހާލަތުގައި ވޭނުގައި މަސައްކަތްކުރަންޖެހޭ އެތައް އަންހެނުންނެއް އެބަ އުޅެއެވެ. ނަމަވެސް އަންހެނުންގެ މި ހާލަތާ މެދު ވިސްނުމެއް ނެތި ބަދު ބަސް ބުނުމަކީ ހެދޭ ގޯހެކެވެ.

ނަހުލާ ދެއްކެވި ވާހަކައިން ކުރިފަޅައި އެތައް ބަހުސެއް ކުރެވިދާނެއެވެ. މައްސަރު ކަންތައް ކުރިމަތިވުމަކީ ގުދުރަތީ ކަމެކެވެ. އެކަމަށްޓަކައި ހަރަދެއް ވެސް ކުރަންޖެހެއެވެ. އެއީ ޒަރޫރީ ހަރަދެކެވެ. އެއްބަޔަކު ދެކޭ ގޮތުގައި އެއީ ޒަރޫރީ ކަމަށްވީ ނަމަވެސް އެކަމުގައި ވެސް ބޮޑު ހަރަދެއް ކުރަންޖެހެއެވެ. ސެނިޓަރީ ޕެޑަށް ކުރަންޖެހޭ ހަރަދުގެ ވާހަކަ ގައުމީ ލެވެލެއްގައި ދައްކައި މަޖިލީހުގައި ވެސް ބަހުސްކުރެވެންޖެހޭނެ ކަމަށް ބައެއް ފަރާތްތަކުން ހިޔާލު ފާޅުކޮށްފައި ވެއެވެ. އަދި ބޭރުގެ ބައެއް ގައުމުތަކުގައި އޮންނަ ގޮތަށް އޮފީސް ފަދަ މާހައުލުތަކުގައި އެމަޖެންސީކޮށް ބޭނުންކުރުމަށް ސެނިޓަރީ ޕެޑް ހިލޭ ލިބޭނެ އިންތިޒާމް ހަމަޖައްސަންޖެހެއެވެ. މިފަދަ އުސޫލެއްގެ ދަށުން ސީދާ މަޖިލީހުގައި ޕެޑް ލިބޭނެ އިންޒާމު ހަމަޖެހިފައި އޮތް ނަމަ މަޖިލީހުގެ ކޮމިޓީ ވަޑައިގެން އިންނަވަނިކޮށް މައްސަރުކަންތައް ލައިގަތުމުން ޕެޑް ހޯއްދަވަން ގެއަށް ނުވަތަ ފިހާރައަށް ވަޑައިގަންނަވަން މިނިސްޓަރަށް ނުޖެހުނީސް ކަމަށް ބައެއް ފަރާތްތަކުން ހިޔާލުފާޅުކޮށްފައި ވެއެވެ.

އެއްބަޔަކަށް މިއީ ކުޑަ ކަމެއް ނުވަތަ ހުތުރު ވާހަކައަކަށްވީ ނަމަވެސް ބައެއް ފަރާތްތަކުން ބުނީ މިއީ ދައްކަންޖެހޭ ވާހަކައެއް ކަމަށެވެ. އަދި މައްސަރުގެ ކަންތަކުގެ ވާހަކަ ލަދުވެތި ވާހަކައެއްގެ ގޮތުގައި އޮތުމުގެ ސަބަބުން އެތައް އަންހެނުންގެ އެތައް ހައްގެއް ގެއްލިފައިވާކަން ވެސް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ. އެ ގޮތުން މީގެ އަހަރުތަކެއް ކުރިން ސެނިޓަރީ ޕެޑް ލިބުމުގައި ހުރި ދަތިތަކާއި އެކަން މީހަކަށް އެނގިދާނެތީ ޖެހިލުންވުމާއި ތައުލީމު ހާސިލްކުރަން ރަށުން ބޭރަށް ދާން ޖެހިލުންވުން ފަދަ އެތައް ކަމެއް އަންހެނުން ވަނީ ތަޖުރިބާކޮށްފައެވެ. ރާއްޖޭގައި މިހާރު އާންމު ކަމަކަށްވީ ނަމަވެސް ދުނިޔޭގެ ބައެއް ގައުމުތަކުގައި އަދިވެސް ސެނިޓަރީ ޕެޑަކީ ލިބޭ އެއްޗެއް ނޫނެވެ. ނުވަތަ މައްސަރު ކަންތައް ލައިގަތުމުން މީހުންނާ އެކަހެރިކޮށް އުޅެން މަޖުބޫރުވުމާއި ފޮތިފަދަ ތަކެތި ބޭނުންކުރުމުގެ ސަބަބުން ތަފާތު ބަލިތައް ޖެހުމާއި ފުރާނައަށް ނުރައްކާވުން ފަދަ އެތައް ކަމެއް ދުނިޔޭގެ ބައެއް ގައުމުތަކުގައި އަންހެނުންނަށް އަދިވެސް ކުރިމަތިވެއެވެ.

މިއީ ދައްކަންޖެހޭ ވާހަކައެކެވެ. އަދި މަޖިލީހުގެ ތެރެއިން ވެސް ހައްލުތަކެއް ގެންނަންޖެހޭ ކަމެވެ. އަންހެނުންނަށް ހެޔޮ އަގެއްގައި ނުވަތަ ހިލޭ ސެނިޓަރީ ޕެޑް ލިބޭނެ ގޮތް ހެދުމާއި އޮފީސްތަކުގައި އެމަޖެންސީގައި ބޭނުންކުރާނެ ސެނިޓަރީ ޕެޑް ބެހެއްޓުން ލާޒިމްކުރުމާއި އެފަދަ ހާލަތްތަކުގައި ގޭގައި ނުވަތަ ލުއި ގޮތަކަށް މަސައްކަތްކުރެވޭނެ އިންޒާމުތައް ހަމަޖެއްސުން ފަދަ ކަންކަމަކީ ތަހުޒީބީ މުޖުތަމައުތަކުގައި މިހާރު ތައާރަފްކުރަމުން އަންނަ ކަންކަމެވެ. މިނިސްޓަރުގެ އެ ވާހަކަ ދެއްކެވީތީ އެއީ ލަދުވެތި ވާހަކައެއް ކަމުގައި ބަލައިގެން ތިބެ ހިތުހުރި އެއްޗެއް ކިޔުމަކީ ގާފިލު މުޖުތަމައުތަކުގައި ކަން އޮންނަ ގޮތަށް ވެދާނެއެވެ. ނަމަވެސް ދިވެހިން އެއަށް ވުރެ ތަހުޒީބު ވާންޖެހެއެވެ. ތަރައްގީ އަންނަންވީ އަތުގައި އޮތް ފޯނަށް އެކަންޏެއް ނޫނެވެ. އަންހެނުންގެ ހައްގުތަކާ މެދު ވިސްނޭނީ ތިމާގެ ބުއްދި އާއި ވިސްނުމަށް ވެސް ތަރައްގީ އައިސްގެންނެވެ.

ރިއެކްޝަންސް
11
89
9
4
3
1
6