މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
27 ސެޕްޓެމްބަރ 2022 - 15:56
ބައިނަލްއަގްވާމީ އިންޖިނިއަރުންގެ ކޮންފަރެންސް މިއަހަރު ރާއްޖޭގައި
ތުރުކީގެ އަކްސަރީ ޔުނިވާސިޓީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އިންޓަނޭޝަނަލް ކޮންފްރެންސް އޮން އިލެކްޓްރޯނިކް، ކޮމްޕިއުޓާ، ކޮމިއުނިކޭޝަންސް އެންޑް މެކެޓްރޮނިކްސް އިންޖިނިއަރިން (އައިސީއީސީސީއެމްއީ) މިއަހަރު ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.
ކޮންފަރެންސްގެ ތެރެއިން ކުރިއަށްދާ ކޮމްޕްރިހެންސިވް ޓެކްނިކަލް ޕްރޮގްރާމުގެ ދަށުން ޒަމާނީ ޓެކްނޮލޮޖީ އާއި އެޕްލިކޭޝަންތައް ދައްކުވައިދޭ ރިސާޗް ޕޭޕަރުތަކާއެކު ޓެކްނިކަލް ސެޝަންތަކެއް ކުރިއަށް ދާނެ ކަމަށް އެމްއެންޔޫއިން ބުންޏެވެ.
މި އަހަރުގެ ކޮންފަރެންސްގައި ގާތްގަނޑަކަށް 400 ރިސާޗް ޕޭޕަރު ހުށަހަޅާނެއެވެ. އޭގެތެރެއިން 165 ޕޭޕަރު ހުށަހަޅާނީ އޮންލައިންކޮށްކަމަށް އެމްއެންޔޫއިން ބުންޏެވެ. ކޮންފަރެންސްގެ ސެޝަންތައް ކުރިއަށް ދާނީ ހެނދުނު 9:00 އިން ރޭގަނޑު 8:00 އަށެވެ. އެމްއެންޔޫއިން ބުނީ ގާތްގަނޑަކަށް 250 ބައިވެރިން ފޭސް ޓު ފޭސް ސެޝަންތަކަށް އެ ޔުނިވާސިޓީއަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކޮންފަރެންސްގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ރެޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން އައިސީއީސީސީއެމްއީގެ ވެބްސައިޓުގައި އެކަމަށް ޚާއްސަކޮށްފައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ވެވޭނެ އެވެ.
ޑރ. ޔޫސުފުލްޤަރުޟާވީ އަވަހާރަވެއްޖެ
ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ޢިލްމުވެރިޔާ ޑރ. ޔޫސުފުލްޤަރުޟާވީ، އުމުރުފުޅުން 96 އަހަރުގައި އަވަހާރަވެއްޖެއެވެ.
ޤަރުޟާވީ އަވަހާރަވިކަން އެންމެ ފުރަތަމަ އިއުލާނުކޮށްފައިވަނީ އެބޭފުޅާގެ ރަސްމީ ޓުވިޓާ އެކައުންޓުންނެވެ. ޑރ. ޤަރުޟާވީ އަކީ މިޞްރަށް އުފަން ބޭފުޅެއްނަމަވެސް ފަހުން ޤަޠަރުގެ ރައްޔިތުކަން ހޯއްދަވައިގެން ދިރިއުޅުއްވީ ޤަޠަރުގައެވެ.
އެންމެފަހުގެ ޗެމްޕިއަން ލަންކާއަށް ބޫޓާން ކައިރިން ބޮޑު މޮޅެއް
ރާއްޖޭގައި އިއްޔެ ފެށި ސައުތު އޭޝިއަން ސައުތު އޭޝިއަން ބާސްކެޓްބޯޅަ އެސޯސިއޭޝަން (ސާބާ) އަންހެން ބާސްކެޓްބޯޅަ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ސްރީ ލަންކާއިން ކުޅުނު ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން ބޫޓާން ބަލިކޮށްފިއެވެ.
ގިނަ ޢަދަދެއްގެ އުޅަނދުތަކުގެ ރަޖިސްޓްރީ ޓްރާންސްޕޯޓުން ބާޠިލުކޮށްފި
ގަވާޢިދާ ޚިލަފަށް ރަޖިސްޓްރީކޮށްފައިވާ 50 އުޅަނދެއްގެ ރަޖިސްޓްރީ ޓްރާންސްޕޯޓު މިނިސްޓްރީން ބާޠިލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއެވިއޭޝަނުން ކޮށްފައިވާ ޢިއުލާނެއްގައި ވިދާޅުވީ މިވެހިކަލްތަކުގެ ތެރޭގައި ރާއްޖޭގެ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތާޚިލާފަށް ރަޖިސްޓްރީ ކުރުމުގެ ހުއްދަ އޮންނަ ޢުމުރު ހަމަވެފައިވާ އުޅަނދުތައްވެސް ރަޖިސްޓްރީކޮށްފައި ވާކަމަށެވެ. މީގެ އިތުރުން ގަވާއިދާ ޚިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ ވެހިކަލްތައްވެސް ރަޖިސްޓްރީ ބާޠިލުކުރި ވެހިކަލްތަކުގެ ތެރޭގައި ހިމެނޭކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވިދާޅުވެއެވެ. އެމިނިސްޓްރީއިންވަނީ މި އުޅަނދުތަކުގެ ރަޖިސްޓްރީ ބާޠިލުކުރިކަން ޢާއްމުކޮށް އަންގާ ޢިއުލާންކޮށްފައެވެ
ފައިނޭންޝަލް ކޮންޓްރޯލަރގެ މަގާމަށް މުހައްމަދު އާޒާދު
ރައީސުލްޖުމްހޫރިއްޔާ ފައިނޭންޝަލް ކޮންޓްރޯލަރގެ މަގާމަށް މުހައްމަދު އާޒާދު އައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް އާޒާދު އައްޔަންކުރެއްވީ އެ މަގާމުގައި ހުންނެވި ފާތިމަތު ރަޒީނާ އިސްތިއުދާ ދެއްވުމާއި ގުޅިގެންނެވެ.
އާޒާދަކީ ސީއެފްއޭ ޗާޓާ ހޯލްޑާއެއްގެ އިތުރުން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ބެޗްލާސް ޑިގްރީއަކާއި ސައިންސްއިން ފައިނޭންސް ދާއިރާއިން މާސްޓާ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.