ހަތް ނަމޫނާ ރަށާއި ސޮނެވާ ނަމޫނާއާއި ގުޅިގެން ބ. އަތޮޅުގައި ‘އަލުން ބަލުން’ ރީސޭލް މާކެޓް ފަށައިފި

2 އޮކްޓޯބަރ 2022 - 13:07

ބ. އަތޮޅުގެ ހަތް ‘ނަމޫނާ’ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން އިސްނަގައިގެން، އެ ރަށްރަށުގެ ކައުންސިލްތަކާއި ސޮނެވާ ނަމޫނާ ޖަމިއްޔާ އާއި ގުޅިގެން ރީސޭލް މާކެޓެއް ހޮނިހިރު ދުވަހު ފަށައިފިއެވެ.

“އަލުން ބަލުން” ގެ ނަމުގައި ޕައިލެޓް ކުރެވެމުންދާ މި މާކެޓްގެ ތެރެއިން މާޅޮސް، ދަރަވަންދޫ، ކިހާދޫ، ދޮންފަނު، ކުޑަރިކިލު، ކަމަދޫ އަދި ކެންދޫ ރައްޔިތުންނަށް ކުރިން ބޭނުންކުރެވިފައިވާ ތަކެތި ހެޔޮ އަގެއްގައި ލިބިގެންދާނެއެވެ.

advertisement

މި މާކެޓްގެ މަޤްޞަދަކީ ރަނގަޅު ހާލަތުގައި ހުރި ބޭނުންނުކުރާ މުދާ އުކާލުމުގެ ބަދަލުގައި އަލުން ބޭނުން ކުރުމުގެ ސަޤާފަތެއް އުފެއްދުމެވެ. މި ޕައިލެޓްގެ ތެރެއިން ސެކަންޑް ހޭންޑް މާކެޓެއް އުފެދި، ތަކެތީގެ ބޭނުންކުރެވޭ މުއްދަތު އިތުރުކުރެވި، މި 7 ރަށުން އުފެދޭ ކުނި މަދު ކުރެވިގެންދާނެއެވެ.

މި ރީސޭލް މާކެޓްގައި ބައިވެރިވާ ރަށްތަކުގެ ގޭބިސީތަކުން އުކާލާ ކުނީގައި ހިމެނޭ އަލުން ބޭނުންކުރެވޭނެ ޒާތުގެ ތަކެތި އެ ރަށެއްގެ އަންހެނުންގެ ކޮމިޓީން ފާހަގަކޮށް، ސާފުކޮށް އަދި މަރާމާތުކުރުމަށްފަހު ވިއްކުމަށްޓަކައި މި ޕްރޮގްރާމްގައި ބައިވެރިވާ އެހެން ރަށެއްގެ އަންހެނުންގެ ކޮމިޓީއަށް ފޮނުވާނެއެވެ.

މި ގޮތަށް އެއް ރަށެއްގައި އެއްކުރެވޭ ތަކެތި އެހެން ރަށަކަށް ވިއްކުމަށް ފޮނުވުމުން ކުދި ކުދި ރަށްތަކުގައި ކުރިން ބޭނުންކުރެވިފައިވާ ތަކެތި ވިއްކުމަށް ހުންނަ ގޮންޖެހުންތަކުން އަރައިގަނެވޭނެއެވެ. މި ރީސޭލް މާކެޓް އިން ލިބޭ ފައިސާ ވެގެންދާނީ އެ ރަށްތަކުގެ އަންހެނުންގެ ކޮމިޓީތަކަށް ލިބިގެންދާ އާމްދަނީ އަށެވެ.

“ބ. އަތޮޅުގައި މިއަދު ފެށިގެން މިދާ މަސައްކަތުގެ ސަބަބުން އަންހެނުންގެ ކޮމިޓީތަކަށް އިތުރު އާމްދަނީ ހޯދޭނެ މަގު ފަހިވެ، ވަސީލަތްތައް އިގްތިސާދު ކުރުމުގައި އަންހެނުންގެ ދައުރު ފުޅާކުރެވިގެންދާނެ. އަޅުގަނޑުމެންގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައި މުޅި ބ. އަތޮޅާއި އަދި ރާއްޖޭގެ އެހެން ހިސާބުތަކަށްވެސް މި ރީސޭލް މާކެޓް ފުޅާވެގެންދިއުން،” ދޮންފަނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރު މަރިޔަމް ނިޝްރީން ވިދާޅުވިއެވެ.

 “ބ. އަތޮޅުގެ ނަމޫނާ 7 ރަށުގެ ހީވާގި އަދި އުންމީދީ އަންހެނުންނާއެކު ކުނި މަދުކުރުމުގެ މި މުހިންމު މަސައްކަތުގައ ބައިވެރިވުމަކީ ސޮނެވާ ނަމޫނާއަށް ލިބޭ ބޮޑު އުފަލެއް. އަލުން ބަލުން ރީސޭލް މާކެޓްގެ ސަބަބުން އެއްޗެއް އެއްލާލުމުގެ ކުރިން އެއީ އިތުރަށް ބޭނުންކުރެވިދާނެ އެއްޗެއްތޯ ވިސްނާލުމުގެ އާދަ އަށަގަނެވޭނެ ކަމަށް އުންމީދު ކުރަން،” ސޮނެވާ ނަމޫނާގެ ރިޑިއުސް މެނޭޖަރ ޚަދީ ޙާމިދު ވިދާޅުވިއެވެ.

ބ. އަތޮޅުގެ ހަތް ނަމޫނާ ރަށެއްގައި ހޮނިހިރު ދުވަހު އަލުން ބަލުން މޭކެޓް ލޯންޗް ކުރެވުނެވެ. އޮކްޓޫބަރު 8 ވަނަ ދުވަހު މި މާކެޓްގެ ދެވަނަ ބުރު ކިހާދޫގައި ކުރިއަށްދާނެއެވެ. އެއަށްފަހު ކޮންމެ ހޮނިހިރު ދުވަހެއްގައި، ބ. އަތޮޅުގެ ސޮނެވާ ނަމޫނާ ރަށްތަކުގެ ތެރެއިން ކޮންމެވެސް އެއް ރަށެއްގައި އަލުން ބަލުން މާކެޓް ކުރިއަށްދާނެއެވެ.

ސޮނެވާ ނަމުނާއާ ބެހޭ

ސޮނެވާ ނަމޫނާ އަކީ ރާއްޖޭގައި ކުނީގެ ގޮތުގައި ބާކީ ކުރެވޭ ތަކެތި މަދުކޮށް، ބާރުވެރި ޒީރޯ ވޭސްޓް މުޖުތަމައުތަކެއް އުފެއްދުމަށް މަސައްކަތްކުރާ  މަދަނީ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މަސައްކަތް 2019 ވަނަ އަހަރު 3 ރަށަކާއެކު ފެށިގެން ގޮސް މިހާރު ބ. އަތޮޅު، ނ. އަތޮޅު އަދި ހ.ދ. އަތޮޅުގެ 21 ރަށަކަށް ވަނީ ފުޅާވެފައެވެ.  

ބ. އަތޮޅުގެ ނަމޫނާ ރަށްތައް

ބ. އަތޮޅުގައި ސޮނެވާ ނަމޫނާއާއި އެކު މަސައްކަތް ކުރަމުންދާ 7  ރަށަކީ މާޅޮސް، ދަރަވަންދޫ، ކިހާދޫ، ދޮންފަނު، ކަމަދޫ، ކުޑަރިކިލު އަދި ކެންދޫއެވެ.

އަލުން ބަލުން ރީސެލް މާކެޓް

އަލުން ބަލުން ރީސެލް މާކެޓަކީ މުޖުތަމައުގައި އުކާލެވޭ ތަކެތި އަލުން ބޭނުންކޮށް ރައްކާކުރުމުގެ އާދަ އަށަގެންނެވުމުގެ މަޤްޞަދުގައި ބ. އަތޮޅުގައި ހިމެނޭ ނަމޫނާ ރަށްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ގުޅިގެން ޕައިލެޓް ކުރެވޭ އުންމީދީ ސެކަންޑް ހޭންޑް މާކެޓެކެވެ. 

ރިއެކްޝަންސް
2
0
0
0
0
0
1