ދިރާގާއި ދިވެހިރާއްޖޭގެ މަސްވެރިންގެ ޖަމްޢިއްޔާއިން ގުޅިގެން ‘ޔަންގް ފިޝަރީސް ކްލަބް’ ތަޢާރަފްކޮށްފި

12 އޮކްޓޯބަރ 2022 - 9:58

ދިރާގާއި ދިވެހިރާއްޖޭގެ މަސްވެރިންގެ ޖަމްޢިއްޔާއާއި ގުޅިގެން ‘ޔަންގް ފިޝަރސް ކްލަބް’ ތަޢާރަފްކޮށްފިއެވެ. މި ކްލަބްގެ ޒަރިއްޔާއިން  މަސްވެރިކަމާއި، ކަނޑުގެ މާޙައުލާއި، ދެމެހެއްޓެނިވި އާދަކާދަތައް ދަރިވަރުންނަށް ތަޢާރަފްކޮށް އަސާސީ މަޢުލޫމާތު ފޯރުކޮށްދީ، އެއާދަތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ދަސްކޮށްދޭނެއެވެ. 

ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ މި ޕައިލެޓް ޕްރޮގްރާމް އިފްތިތާހުކޮށްފައިވާނީ ހއ.އިހަވަންދޫ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ސްކޫލްގައި މި ކްލަބް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ ގްރޭޑް 7 އަދި 8 ގެ 52 ދަރިވަރުންނާއިއެކުއެވެ. އޭގެ ތެރޭގައި 30 އަންހެން ކުދިންނާއި 22 ފިރިހެން ކުދިން ހިމެނެއެވެ.  

މިގޮތުން މި ކްލަބްއިން ކުދިންނަށް މަސްވެރިކަމުގެ ސިނާއަތާއި ބެހޭ އެކި މަޢުލޫމާތު ދަސްކޮށްދޭނީ 1 އަހަރު ދުވަހުގަ މުއްދަތަށް ކުރިއަށް ގެންދާ ހޭންޑްސް އޮން ޕްރެކްޓިކަލް ސެޝަންތަކަކުންނެވެ. 

އެގޮތުން މި ސެޝަންތަކުގެ ޒަރިއްޔާއިން ދަރިވަރުންނަށް ރާއްޖޭގެ މަސްވެރިކަމުގެ ތާރީޚާއި، ކަނޑުގެ މާޙައުލާއި، މޫސުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ޑިޒާސްޓާރ މެނޭޖްމެންޓްއާއި ބަޔޯޑައިވަރސިޓީއާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، ފަސްޓް އެއިޑް، މަސްވެރިކަން މެނޭޖްކުރުމާއި، ޕޯސްޓް ހާރބަޓް ޓެކްނޮލޮޖީއާއި، ނެވިގޭޝަން އަދި ކޮމިއުނިކޭޝަން ސްކިލްސް ކިޔާދެވޭނެއެވެ.  

“ޒުވާނުން ކުރިއަރުވާ ބާރުވެރިކުރުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގައި ވަރަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެވިފައިވާ ދާއިރާއެއް. އެގޮތުން މި މުހިންމު ޕްރޮގްރާމަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި އަޅުގަނޑުމެންގެ އުންމީދަކީ މި ޕްރޮގްރާމްގެ ސަބަބުން ދެމެހެއްޓެނިވި އާދަކާދަތަކާއި ޓެކްނޮލޮޖީތަކަށް ކުދިން އަހުލުވެރިވުމުގެ އިތުރުން ކަނޑުގެ މާޙައުލަށް ހުރި ގޮންޖެހުންތައް ދެނެގަނެ މި ދާއިރާއިން ކުރިއަށް ދިއުމަށް ޒުވާނުން ބާރުވެރިކުރުވުން.” ދިރާގުގެ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ޙަމީދު ވިދާޅުވިއެވެ. 

“ރާއްޖޭގެ ޒުވާން ޖީލު މަސްވެރިކަމުގެ ސިނާއަތަށް ބާރުވެރިކޮށް މި ދާއިރާ މުޅިން އައު ހަރުފަތަކަށް ގެންދިޔުމަށް ފެށުނު މި މުހިންމު ޕްރޮގްރާމަށް ދިރާގުން ދެއްވާ އެއްބާރުލުމާއި އެހީއަށް ޝުކުރު އަދާކުރަން. މި ޕްރޮގްރާމަކީ މަސްވެރިކަމުގެ ދާއިރާ މިހާރަށްވުރެ ޕްރޮފެޝަނަލް، އިތުބާރުކުރެވޭ، އަދި ހީވާގި މަސައްކަތްތެރިން އުފައްދާ، ދިވެހި މަސްވެރިކަމުގެ ސިނާއަތް ކުރިއަށްދިޔުމަށް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެއްކަން ޔަޤީން.” ދިވެހިރާއްޖޭގެ މަސްވެރިންގެ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަބްދުالله ޝާކިރު މުހައްމަދު ވިދާޅުވިއެވެ. 

ޔަންގް ފިޝަރސް ކްލަބްގެ ޙަރަކާތްތައް މުޅި ދިރާސީ އަހަރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ޙަރަކާތްތަކުގެ ތެރޭގައި ފިޝަރީޒް ހާވެސްޓިންގ އާއި ޕޯސްޓް ހާރވެސްޓިންގ ދާއިރާއާއި ސަސްޓެއިނަބިލިޓީ ޕްރެކްޓިސްތަކާއި ގުޅޭ ޕްރޮގްރާމްގެ ތެރެއިން ދިރިއުޅުމުގެ ހުނަރުތަކާ ގުޅޭ މުހިންމު ދާއިރާތަކަށްވެސް އަލިއަޅުވާލާނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0