އާސަންދައިގެ ސަބަބުން ބޭހާއި ހިދުމަތް ވިއްކާ ކުންފުނިތަކަށް ފައިދާ — ރައްޔިތުން ސަލާމް ޖެހުމުގައި

12 އޮކްޓޯބަރ 2022 - 14:12

ރާއްޖޭގެ ބަޖެޓުގެ 42 އިންސައްތަ ހަރަދުކޮށްފައިވަނީ އިޖުތިމާއީ ދާއިރާތަކަށެވެ. އެއީ، އިޖުތިމާއީ ރައްކާތެރިކަމަށް 15 އިންސައްތަ، ތައުލީމަށް 13 އިންސައްތަ އަދި ސިއްހީ ނިޒާމަށް 20 އިންސައްތައެވެ. ސިއްހީ ކަންކަމަށް ހޭދަކޮށްފައިވަނީ ޖީޑީޕީގެ 7 އިންސައްތައެވެ. މިއީ، އުފެއްދުންތެރިކަން ބޮޑު މުއްސަނދި ގައުމުތައް ކަމަށްވާ ޕޯޗުގަލް، އެސްޓޯނިއާ އަދި އިޓަލީ ފަދަ ގައުމުތަކުން ވެސް ސިއްހީ ނިޒާމަށް ހޭދަކުރާ ނިސްބަތެވެ.

ނިސްބަތުން މިހާ ބޮޑު އަދަދެއް ސިއްހީ ނިޒާމަށް ހޭދަ ކުރާ އިރުވެސް ބޭސްފަރުވާ އަށް ސަލާމް ޖެހުން ނުހުއްޓެއެވެ. ރަށްރަށުގައި ބޭސްފަރުވާގެ ހިދުމަތް ރަނގަޅެއް ނުވެއެވެ. ވީމާ، މި ހޭދަ ކުރާ ފައިސާ ވަންނަނީ ކޮންތަނަކަށް ހެއްޔެވެ؟

advertisement

މުވައްޒަފުންނަށް ކުރާ ހޭދައަށް ބަލާއިރު، ހެލްތް ސެކްޓާގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 64 އިންސައްތަ ޑޮކްޓަރުން އަދި 42 އިންސައްތަ ނަރުހުންނަކީ ބިދޭސީ މަސައްކަތްތެރިންނެވެ. އެހެން ކަމުން މި މުވައްޒަފުންގެ މުސާރަ އާއި، ކެއިން ބުއިމާއި، ނިދުމަށް ދައުލަތުން ކުރަންޖެހޭ ހޭދަ ވަރަށް ބޮޑެވެ.

އާސަންދަ — 75 ގުނަ އަށް ބޭހުގެ އަގު މަތި ކޮށްލި

2014 އިން 2019 އަށް އާސަންދަ ހަރަދު އެވްރެޖުކޮށް އަހަރަކު 18 އިންސައްތަ އަށް މަތިވަމުން އައި އިރު މި މުއްދަތުގެ ތެރޭގައި އާސަންދަ ހޯދާ މީހުންގެ އަދަދު އިތުރުވެފައި ވަނީ އަހަރަކު 3 ޕަސަންޓަށެވެ. މީގެ މާނަ އަކީ އާސަންދަ ހަރަދު މަތި ވެފައިވަނީ އާސަންދަ ލިބިގަންނަ މީހުންގެ އަދަދު މަތިވެގެން ނޫން ކަމެވެ.

ބޭހާއި ހިދުމަތުގެ އަގު މަތިވުމުންނެވެ. ބޭހުގެ އަގުގެ މިންތަކަށް ބަލާއިރު ރާއްޖެ އިން ބޭސް ލިބެނީ 15 އާއި 75 ގުނަ ބޮޑު ކޮށް ކަމަށް ވޯލްޑް ބޭންކުން 2018 ވަނަ އަހަރު ކުރި ދިރާސާއަކުން ފާހަގަކޮށްފައި ވެއެވެ. އަދި މިއީ ރާއްޖެއަށް ބޭސް އެތެރެ ކުރުމާއި ގަނެ ވިއްކުމުގައި ހަރުދަނާ އުސޫލުތަކެއް ނުހިފަހައްޓާތީ ކަމަށް ވޯލްޑް ބޭންކްގެ މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗަރ ރިވިއު 2021 ގައި ބުނެފައިވެއެވެ.

2017 އާއި 2019 އާއި ދެމެދުގެ އަހަރުތަކުގައި ބޭހާއި، ބޭސްފަރުވާ ދިނުމަށް ބޭނުންކުރާ ތަކެތީގެ އަގު އަހަރަކު 24 އިންސައްތަ އަށް މަތިވެފައި ވެއެވެ. މީގެ މާނަ އަކީ އާސަންދައިން ބޭސް ފިހާރަތަކަށާއި ހޮސްޕިޓަލް އަދި ކްލިނިކު ތަކުން ހަދާ ބިލުތަކަށް ބޮޑު ހޭދައެއް ކުރާ ކަމެވެ. އާސަންދަ ތައާރަފުވުމާއި ގުޅިގެން ބޭހާއި ހިދުމަތުގެ އަގު އެތައް ގުނައަކަށް ބޮޑު ވުމުގެ ނަތީޖާ އަކީ ދައުލަތުގެ ބަޖެޓުން ސިއްހީ ކަންކަމުގެ ނަމުގައި ކުރާ ހަރަދުތައް ބޮޑުވުމެވެ.

މިސާލަކަށް މީގެ ކުރިން އޭޑީކޭ އަށް 100ރ އަށް ދެއްކެއެވެ. އާސަންދަ ފެށުމުން 200ރ އަށް ބަދަލު ކުރިއެވެ. އާސަންދައިން 100ރ އެވެ. މީހާގެ ޖީބުން ކުރިން ވެސް ހޭދަކުރި ވަރަށް ހަމަ 100ރ ހޭދަކުރަން ޖެހެއެވެ. ހުރިހާ ފައިދާއެއް ޕްރައިވެޓް ހޮސްޕިޓަލަށެވެ. މިހާރު އޭޑީގެ ކޮންސަލްޓޭޝަން ފީ އަކީ 300ރ އެވެ. އާސަންދައިން ލިބެނީ 100 އެވެ.

މީހާގެ ޖީބުން 200 ރުފިޔާ ހޭދަކުރަން ޖެހެއެވެ. ވީމާ، އާސަންދައިގެ ސަބަބުން ބޭސްފަރުވާގެ ހިދުމަތަށް ރައްޔިތުންގެ ޖީބުންނާއި ރައްޔިތުންގެ ބައިތުލްމާލުން ފައިސާ ނަގާފައި ދޭވަރު މިވީ އިތުރެއް ނޫންތޯއެވެ. ބޭސް ވިއްކާ ކުންފުނިތަކާއި ކްލިނިކުތައް މުއްސަނދިވުން ފިޔަވައި ވީ ކަމެއް އެބައޮތްތޯއެވެ. މީހުން ބަލި ވާ މިންވަރު މަދެއް ނުވެއެވެ. ޕްރިވެންޓިވް ހެލްތް ކެއާ ބަޖެޓު ބޮޑެއް ނުވެއެވެ.

ބަލިވާ މީހުންގެ އަދަދު މަތިވާ އިރު، ބަލި ޖެހުމުން ފަރުވާ ނުލިބިގެން ސަލާމް ޖަހާ މީހުން މިހާރު މާ ގިނައެވެ. އާސަންދަ އަކީ ސިއްހީ ފަރުވާގެ ނަމުގައި ރައްޔިތުންގެ ފައިސާއިން ވަކި ބަޔަކު މުއްސަނދި ކުރުމުގެ ސްކީމެއް ނޫންބާއެވެ؟

ރައްޔިތުންނަށް ސިއްހީ ޚިދުމަތްތައް ދިނުމަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި 4,640 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0