ގަދަ ވިއްސާރާގައި ވާވު އަތޮޅު ރައްޔިތުން ވ.ހުޅިދޫ އަނބުރާ ހޯދުމަށް މުޒާހަރާ ކުރަނީ

13 އޮކްޓޯބަރ 2022 - 14:34

ގަދަ ވިއްސާރާގައި ވ.ހުޅިދޫއަށް ދަތުރުކޮށް، އެރަށް އަނބުރާ އެ އަތޮޅު ރައްޔިތުންނަށް ހޯދުމަށްޓަކައި އެ އަތޮޅުން މިއަދު މުޒާހަރާކުރަން ފަށައިފި އެވެ.

ވާވު އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ވ. ހުޅިދޫ ދަނޑުވެރިކަމަށް ތަރައްގީކުރުމަށް އާރަށް އިންވެސްޓްމަންޓާއިއެކު ފުރަތަމަ ސޮއިކޮށްފައިވާވަނީ 2017 ވަނަ އަހަރުގައިއެވެ. ނަމަވެސް ދަނޑުވެރިކަމުގެ މަސައްކަތް ނުކުރާ ތަނުގައި އެ ރަށުގެ ތިމާވެއްޓަށް އަންނަނީ އެ ތަނުން ވަރަށް ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ.

advertisement

“2017އިންފެށިގެން 2022 ވަނަ އަހަރާއި ހަމައަށް އާދެވުނު އިރު ދަނޑުވެރިކަމުގެ ގޮތުގައި ވ. ހުޅިދޫގައި ކޮށްފައި މިހިރީ ގާތްގަނޑަކަށް 10 ވަރަކަށް ފަޅޯގަސް ޕޮޓުގައި އިންދާފައި،” ވ. ތިނަދޫގެ ކައުންސިލް ރައީސް ހުސައިން ޝިފާޤް މިއަދު މައުލޫމާތުދިނެވެ.

މި މައްސަލަ ހޫނުވުމުން “ގޮތްދައްކާ ފާޑަށް” ރަށުގައި ގަސްއިންދާފައި

މީގެ ކުރިން އަތޮޅު ކައުންސިލުން އެރަށަށް ޒިޔާރަތްކުރި އިރު ދަނޑުވެރިކަމުގެ އެއްވެސް މަސައްކަތެއްކޮށްފައި ނުވާކަމަށް އަތޮޅު ކައުންސިލުން ހާމަކޮށްފައިވެ އެވެ. އެގޮތުން މިކަމުގެ ޝަކުވާ ގިނަވުމުން، އެރަށުގައި ވަނީ ފަހުން ތިން “ހަޓެއް” ހަދައި، ގަސް ޕޮޓްތަކެއް ބަހައްޓާފައި ކަމަށްވެސް ކައުންސިލުން މައުލޫމާތުދިނެވެ.

“އަޅުގަނޑުމެން މިތިބީ ވ. ހުޅިދޫގައި ކުރާ ދަނޑުވެރިކަމުގެ މަސައްކަތްތައް ބަލާލަން އައިސް. އަޅުގަނޑުމެންނަސް މިފެންނަނީ ވަރަށް ބޮޑަށް ގޮތްދައްކާ ފާޑު،” އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިޑިއޯގެ ޒަރިއްޔާއިން ކޮމެންޓެއް އެމް.ވީ.ޕްލަސްއާއި ހިއްސާކޮށްފައިވެ އެވެ.

“5 އަހަރުވެގެން ދިޔައިރު އަޅުގަނޑުމެންނަށް މިފެންނަނީ ވިއްސަކަށް 30އަކަށް އަކަފޫޓުގެ ތިން ޝެޑެއް ހަދާފަ އިންނަތަން. މިއީ ދަނޑުވެރިކަން ކުރަން ދީފައި އޮންނަ ރަށެއްގައި އޮންނަން ޖެހޭނެ ފެންވަރެއް ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއްނުކުރެވޭ.”

މިއީ ރައްޔިތުން ގުނބޯ ހައްދަން ކުރާ ކަހަލަ ކަމެއްވެސް ނޫންކަމަށް ޝުޖާއު އިތުރަށް ވިދާޅުވި އެވެ. އަދި މި ޒަމާނަކީ ރައްޔިތުން މާ ވިސްނޭ ޒަމާނެއްކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

“މިހެން މިކަހަލަ ކަންތައް ކުރީމަ ބޭޒާރުވާނީ ހަގީގަތުގައި ދައުލަތުގެ އެންމެ މަތިފަޑީގައި ތިއްބެވި ބޭފުޅުން. ވަކި ބަޔެއްގެ އިންޓްރެސްޓް ހިމާޔަތްކުރަން ކުރާ މަސައްކަތަކީ މުޅި ދައުލަތް ފަލީހަތްވެ، މިޅި ދައުލަތަށް މީގެ ބަދުބަސް ލިބެމުންދާނެ ކަމެއް.”

އީއައިއޭއާއި ހިލާފަށް ރަށުގައި އެތައްކަމެއްކޮށްފައި

ވ. ހުޅިދޫގެ ޖެޓީވެސް ހަދާފައިވަނީ އީއައިއޭއާއި ހިލާފަށްކަމަށްވެސް ކައުންސިލުން ބުންޏެވެ. އީއައިއޭ ފާސްނިކޮށް އޮތް ދިމާލަކުން ޖެޓީ ކަނޑާފައި އޮތުމުން ރަށުގެ ފަރަށްވަނީ ވަރަށް ބޮޑަށް ގެއްލުންވެފައި އެވެ.

މީގެ އިތުރުން މިހާރު އެރަށުގައި ބާޖެއްވެސް ބީއްސާފައި އޮންތާ 2 އަހަރުވެއްޖެ އެވެ. މީގެ ސަބަބުން މި ރަށުގައި އޮތު ނާޒުކު ތިމާވެއްޓަށް އަންނަނީ އެތަކެއް ގެއްލުމެއް ލިބެމުންނެވެ. އެ ސަރަހައްދުދަނީ ގިރަމުންނެވެ.

އަދި ހަމަ އެހެންމެ، އެ ރަށުގެ އޮތް ނެތެމުންދާ ކަނޑޫފަލަށް ވެލިއަޅާފައިވުމުން އެސަރަހައްދުގެ ރުއްތަކެއްދަނީ މަރުވަމުންނެވެ.

“އެބޭފުޅުންގެ މަސައްކަތްތަކުގެ ތެރެއިން ކަނޑޫފަލަށް މިއޮތީ ފަސްއަޅާ ފޮރުވާފައި. އަޅުގަނޑުމެންނަށް މިފެންނަނީ ގަސްތައް މަރުނުވެ، ކަނޑޫފަލުގައި ހުރި ގަސްތައް އަދިވެސް ހެދެމުންދާތަން. މިއީ އަޅުގަނޑުމެން ދައްކާ ވާހަކައަކީ. މިއީ އީއައިއޭ ރިޕޯޓުގައި ނުކުރަން ބުނި ހުރިހާކަމެއް މިރަށުގައި އެބައޮތޭކޮށްފައި،” ޝުޖާއު އިތުރަށް ވިދާޅުވެފައިވެ އެވެ.

ރައީސް ޝުޖާއު އިތުރަށް ވިދާޅުވެފައިވަނީ މިކަހަލަ ތަބީއީ ގެއްލުމަކީ ރަށަށް އިޔާދާނުކުރެވޭފަދަ ތިމާވެށީގެ ބޮޑެތިކުށްތަކުގެ ތެރެއިން ކުށެއް ކަމަށެވެ.

“މިކަހަލަ ކުށްތައް ނުބެލޭކަމުގައި ވަންޏާ ތިމާވެށީގެ ވާހަކަ ދެއްކުމުގެވެސް ބޭނުމެއް ނެތް. ނަމެއްގައި އީއައިއޭއެއް ހެދުމުގެވެސް ބޭނުމެއް ނެތް.”

ވާވު އަތޮޅަކީ ލޯކަލް އައިލެންޑް ޓުއަރިޒަމްއަށް ވަރަށްބޮޑަށް ބަރޯސާވެފައިވާ އަތޮޅެކެވެ. މި އަތޮޅުގައި ތިން ރިސޯޓު ހިންގަމުން އަންނައިރު، 32 ގެސްޓްހައުސް ހުންނަ ކަމަށް ރާއްޖޭގެ ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުން ހާމަވެ އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0