ބޯހިމެނުމުގެ މުއްދަތު ހަފުތާއަކަށް އިތުރުކޮށްފި

15 އޮކްޓޯބަރ 2022 - 12:16

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްސް (އެމްބީއެސް) އިން ބޯހިމެނުމުގެ މަސައްކަތް ހަފުތާއެއްގެ މުއްދަތަށް އިތުރުކޮށްފިއެވެ.  އަންނަ އަންގާރަ ދުވަހަށް މަސައްކަތް ނިންމަން އަމާޒުކޮށްފައިވާކަމަށްވެސް އެމްބީއެސް އިން ބުނެފައިވެއެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ބުނީ މިހާތަނަށް ކުރެވުނު މަސައްކަތުން މާލޭ ސަރަހައްދުގައި ތަޅުލާފައި ހުރި ތަންތަނުގެ ތެރެއިން 41 ޕަސަންޓު ތަނަކުން މައުލޫމާތު ލިބިފައި ވާކަމަށެވެ. އަދި ބޯހިމެނިފައި ނުވާކަމަށް އެ ބިއުރޯއަށް އަންގަމުންދާ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ވެސް އެ ބިއުރޯއިން ބުންޏެވެ.

advertisement

ބޯހިމެނުން ފުރިހަމަވާނީ ހުރިހާ ރައްޔިތުން ހިމެނިގެންކަމުން ބޯހިމެނުމުގައި ކޮންމެ މީހަކުވެސް ހިމެނުނުކަން ޔަގީންކުރުމަށް އެމްބީއެސް އިން ވަނީ އެދިފައެވެ.

އެމްބީއެސް އިން ބުނީ، ބޯހިމެނިފައި ނުވާ މީހުންނާއި ތަންތަނުން އެ ބިއުރޯގެ ހޮޓްލައިން، 1423 ނުވަތަ 3008400 އަށް އަންގައިދިނުން އެދޭ ކަމަށެވެ. އަދި https://statisticsmaldives.gov.mv/hh-and-est-info/ މެދުވެރިކޮށް ވެސް ހިމެނިފައި ނުވާ މީހުންނާއި ތަންތަނުގެ މައުލޫމާތު ދެވެން ހުންނާނެ ކަމަށެވެ.

މާލެ ފިޔަވައި އެހެން ސަރަހައްދުތަކުގައި ބޯހިމެނުން މިހާރު ވަނީ ނިންމާލެވިފައިވާކަމަށް ބިއުރޯއިން ހާމަކުރިއެވެ. އެމްބީއެސް އިން މިދިޔަ ހަފުތާގައި ބުނެފައިވާ ގޮތުގައި މާލޭ ސަރަހައްދުގައި ނުވަދެވުނު 900 އެއްހާތަން އެބަ ހުއްޓެވެ.

ރިއެކްޝަންސް
0
0
0
0
1
0
0