ކިޔުނުޖެހުނަސް, ބޯހިޔާވަހިކަމުގެ ޑިމާންޑްވީ އިތުރު!

16 އޮކްޓޯބަރ 2022 - 12:25

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެށި 7،000 ފްލެޓަށް ދައުރު ނިމެމުންދަނިކޮށް ކުރިމަތިލުމަށް ހުޅުވާލުމާ އެކު އެތައް ހާސް ބަޔަކު ކިޔުގައި ޖެހުނެވެ. އޭރު ފެންނަން ހުރީ ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރާ 16 ޓަވަރުގެ ހަތަރު ފާރެވެ. ބޭރުން ކުލަލާފައި ހުއްޓެއް ކަމަކު ހަތަރު ފާރުގެ އެތެރެ ހުރީ ހުހަށެވެ.

އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވި ނަމަވެސް އޭރުގެ ސަރުކާރުން ބޭނުންވީ އެ ތަންތަނާއި އަދި ހުޅުމާލެއިން ބިން ވެސް ބަޔަކަށް ދޭންށެވެ. އެހެންކަމުން ރެއާދުވާލު މަސައްކަތްކޮށްގެން ވެސް ފްލެޓް ލިޔުން ދޫކުރުމުގެ މަސައްކަތްކުރަމުން ދިޔައެވެ. އާ ސަރުކާރު ހުވާކުރަން އޮތް ދުވަހު ވެސް އެ މަސައްކަތް ކުރިއެވެ. އެތައް ބަޔަކު ހައުސިން މިނިސްޓްރީ ދޮށަށް އެއްވެ، ލިޔުން ލިބޭތޯ ތަޅާފޮޅަމުން ގެންދިޔައެވެ. އެއްބަޔަކު ވަލު ދޮރާށިން ލިޔުން ވިއްކި ކަމަށް ވެސް ވެއެވެ.

advertisement

އެފަހަރު ވެސް ބޯހިޔާވަހިކަމަށް ޑިމާންޑް އޮތް ވަރު ފެނުނެވެ. އެ 7،000 ފްލެޓަށް ވެސް 22،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލިއެވެ. މަޝްރޫއުގެ ބޮޑު ބައި މި ސަރުކާރުން ނިންމައި އެ ތަންތަން ވަނީ މިހާރު މީހުންނާ ހަވާލުކޮށްފައެވެ. މި ސަރުކާރުން މާލެ ސަރަހައްދުގައި ފެށި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއަށް ކުރިމަތިލުމުގެ މުއްދަތު ހޮނިހިރު ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

ހައުސިން މިނިސްޓްރީން ބުނީ ގޯއްޗާއި ފްލެޓް ދޫކުރުމަށް ޖޫން މަހުގެ 26 ވަނަ ދުވަހުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވައިލި ފުރުސަތުގައި 35،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި ކަމަށެވެ. މާލޭގެ ރަށްވެހިންނާއި ވަޒަންވެރިންނަށް އަމާޒުކޮށްގެން ދޫކުރާ ގޯއްޗަށް އެދި 15،164 ފޯމު ލާފައިވާ އިރު ތިން ކޮޓަރީގެ އެޕާޓްމަންޓަށް 14،489 ފޯމު ލިބިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަށް އެދި 6،200 ފޯމު ހުށަހަށަޅާފައި ވެއެވެ.

ކުރީގެ ސަރުކާރެކޭ އެއްގޮތަށް މި ސަރުކާރުން ވެސް ހުޅުވައިލި މަޝްރޫއު ނިމޭނީ ދެން އަންނަ ވެރިކަމެއްގައެވެ. ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް މިހާރު ހަލުވިކަމާ އެކު ކުރިއަށް ދިޔަ ނަމަވެސް މީގެ ތެރެއިން އެއްވެސް އިމާރާތެއް މި އަންނަ އަހަރުގެ ތެރޭގައި މުޅިން ނިންމާލެވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ.

އެހެން ނަމަވެސް މި ސަރުކާރުން ބުނެފައި ވަނީ މިހާރު ހަދަމުން އަންނަ އިމާރާތްތަކުން ފްލެޓް ލިބޭނެ މީހުން މި ސަރުކާރުގައި ކަނޑައަޅާނެ ކަމަށެވެ. އަދި ބިން ލިބޭ ފަރާތްތައް ކަނޑައަޅައި ހަވާލުކުރާނެ ކަމަށެވެ. ގޯތި ދިނުމަށް ހަމަޖައްސާފައި ވަނީ ހުޅުމަލޭގެ ދެ ވަނަ ފިޔަވަހިންނާއި ގުޅީފަޅުންނެވެ.

ކުރީ ސަރުކާރު ނިމެންދަނިކޮށް ފްލެޓް ދޫކުރުމަށް ކުރި މަސައްކަތުގެ ތެރޭގައި އެތައް ބަޔަކު ހައުސިން މިނިސްޓްރީ ބޭރުގައި ރެއާ ދުވާލު ކިޔުގައި ޖެހިގެން ތިބެންޖެހުނެވެ. ފޯމް ލުމަށް ވެސް އުނދަގޫ އެތައް ކަމެއް ހުއްޓެވެ. ނަމަވެސް މި ސަރުކާރުން ވައުދުވެފައި ވަނީ އެކަން ދެން ތަކުރާރުވިޔަ ނުދޭނެ ކަމަށެވެ. ސަރުކާރުން ވަނީ އެ ވައުދު ފުއްދާފައެވެ.

ހޮނިހިރު ދުވަހު ސުންގަނޑި ހަމަވި އިރު އެހާ ގިނަ ބަޔަކު ފޯމް ލާފައި ވަނީ އެއްވެސް ކިޔުޖެހުމެއް ނެތި ޕޯޓަލްއެއް މެދުވެރިކޮށެވެ. ޕޯޓަލް އަށް ވަނުމަށް ދަތިވާ ފަރާތްތަކަށް ސިޓީ ކައުންސިލާއި ބައެއް ޕާޓީތަކުން އެހީތެރިކަން ފޯރުކޮށްދިނުމުން އެކަން ކުރިއަށް ދިޔައީ ވަރަށް އަމާން އޮމާންކޮށެވެ. މިހާ ގިނަ ބަޔަކު މި މަޝްރޫއަށް ކުރިމަތިލުމުގެ އެއް ސަބަބަކީ ވެސް ފޯނުން ނުވަތަ ކޮމްޕިއުޓަރު ފަދަ އާލާތަލުން ފަސޭހަކަމާ އެކު އެ މީހަކު ހުރި ތަނަކުން ފޯމް ލެވޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމެވެ.

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުން މި ފޯމަކީ ސަރުކާރުގެ ކުރިއަށް ހުރި މަޝްރޫއުތަކަށް ވެސް ބޭނުންކުރެވޭނެ ފޯމެކެވެ. މި ފަހަރު ނުލިބުނަސް ދެން ހުޅުވާލާ މަޝްރޫއުއަކަށް ވެސް އަލުން ފޯމްލާކަށް ނުޖެހޭނެއެވެ. ޕޯޓަލް ހަދާފައި ވަނީ ފޯމް އަޕްޑޭޓްކުރަންޖެހޭ ނަމަ އެކަން ކުރުމުން ފުދޭނެ ގޮތަށެވެ. ސަރުކާރުގެ މަގުސަދަކީ އިރުއިރުކޮޅާ ކިޔުގައި ޖެހިގެން ފޯމް ލާން ނުޖެއްސުމެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މާލޭ ސަރަހައްދު ގިނަ އަދަދެއްގެ ބަޔަކަށް ބޯހިޔާވަހިކަން ވަނީ ލިބިގެން ގޮސްފައެވެ. އޭގެ ތެރޭގައި ހިޔާ މަޝްރުއުގެ ދަށުން ދޫކުރި ފްލެޓްތަކާއި ސަރުކާރު ހިއްސާވާ ދެ ކުންފުންޏަކުން ތަރައްގީކުރި ފްލެޓްތައް ހިމެނެއެވެ. ހިޔާ މަޝްރޫއާ ގުޅިފައިވާ ވިނަރެސް އާއި އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކެއްގެ ފްލެޓްތައް ވެސް މިހާރު ހުރީ ގާތްގަނޑަކަށް ނިމި ހަވާލުކުރުމުގެ މަގުމަތީގައެވެ.

މީގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ފެށި ފުލުހުންނާއި ސިފައިންގެ ފްލެޓްތައް ވެސް ނިންމުމަށް މި ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. މި ތަންތަނަށް ވެސް އަންނަ އަހަރުގެ މެދަކާ ހިސާބުގައި މީހުންނަށް ވަދެވޭނެ ކަމަށް ބެލެވޭ އިރު އަމިއްލަ ކުންފުނިތަކަކުން ވެސް އަންނަނީ ލަގްޒަރީ އަދި މެދުފަންތީގެ ފްލެޓްތައް ތަރައްގީކުރަމުންނެވެ. މީގެ ތެރެއިން ބައެއް މަޝްރޫއުތައް ވެސް އަންނަ އަހަރުގެ މެދަކާ ހިސާބަށް ނިމޭނެ ކަމަށް އަންދާޒާކުރެވެއެވެ.

ބޯހިޔާވަހިކަމުގެ މިހާ ގިނަ މަޝްރޫއުތައް އެއްފަހަރާ ކުރިއަށް ދިޔަ ނަމަވެސް މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމަށް އޮތް ޑިމާންޑް ކުޑަކޮށް ވެސް ދަށަށް ދާތަނެއް ނުފެއެވެ. މި ސަރުކާރުން ކުރިއަށް ގެންދާ “ބިންވެރިޔާ ސްކީމް” އާއި “ގެދޮރުވެރިޔާ”ގެ މަޝްރޫއަށް 35،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލުމަކީ އޭގެ ހެއްކެކެވެ. ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް މިހާތަނަށް ހިންގި ނަމަވެސް މާލެ ސަރަހައްދުގައި ދިރިއުޅޭ އެތައް ބަޔަކު އަދިވެސް އުޅެނީ ތޮއްޖެހިގެންނެވެ. ކުދިކުދި ތަންތަންކޮޅުގައި ކުއްޔަށް އުޅޭ އެތައް ހާސް ބަޔަކު އެބަ ތިއްބެވެ. މީގެ ތެރޭގައި އެކިއެކި ބޭނުންތަކުގައި މާލެ އައިސް މާލޭގައި ވަޒަންވެރިވެގެން އުޅޭ އެތައް ބަޔަކާއި މާލެ އަށް އުފަން މާލޭގެ އެތައް ރައްޔިތުންތަކެއް ވެސް ހިމެނެއެވެ.

ބޯހިޔާވަހިކަމަށް އޮތް ޑިމާންޑްގެ ސަބަބުން މިފަދަ ކޮންމެ މަޝްރޫއެއްގެ ދަށުން ފްލެޓާއި ގޯތި ދޫކުރުމުގައި މީހުން ކަނޑައެޅުމަކީ ސަރުކާރުތަކަށް އަބަދު ވެސް ގޮންޖެހުން ބޮޑު ކަމެކެވެ. އަދި ފާޑުކިޔުން އަމާޒުވާ ކަމެކެވެ. ސަބަބަކީ ކުރިމަތިލާފައިވާ ކޮންމެ މީހަކީ ވެސް ބޯހިޔާވަހިކަމަށް އިންތިހާ އަށް ބޭނުންވެފައިވާ މީހުންނަށް ވުމެއެވެ. އަދި ކޮންމެވެސް ސިފައެއްގައި ބޯހިޔާވަހިކަން ހައްގު މީހުންނެވެ. އެހެންކަމުން އޭގެ ތެރެއިން އެންމެ ހައްގު ބަޔަކު ކަނޑައެޅުމަކީ ފަސޭހަކަމެއް ނޫނެވެ. ހައުސިން މިނިސްޓްރީން ބުނީ ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ފޯމްތައް ވެރިފައިކޮށް ނިމޭނެ ކަމަށާއި ލިބޭ ފަރާތްތައް ކަނޑައަޅާނީ ރައްޔިތުންގެ އިތުބާރު ލިބޭނެހެން އިންސާފުވެރިކަމާ އެކުގައި ކަމަށެވެ. މިނިސްޓްރީ ދޮށަށް އެއްވެ ހައިޖާނު ހަދަން ނުޖައްސާނެ ކަމަށެވެ.

ރިއެކްޝަންސް
2
0
0
0
0
1
5