ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފި

27 އޮކްޓޯބަރ 2022 - 15:33

ކީރިތި ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ޕޯޓަލްގައި ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފިއެވެ

މި މުބާރާތް ކުރިން ބޭއްވުމަށް މިއަހަރަކު ޑިސެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ބައިވެރި ވުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

advertisement

ކޮންމެ އަހަރަކު ބާއްވަމުންގެންދާ، ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް، މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރުމަހުގެ 23 ވަނަ ދުވަހުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހަށް މާލޭގައެވެ.

މިއަހަރުގެ މުބާރާތްވެސް 3 ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ހާފިޒުންގެ ބަޔާއި ސްކޫލް ކުދިންގެ ބަޔާ މުއައްސަސާތަކުގެ ބައެވެ. ސްކޫލް ކުދިންގެ ބައިން ސިޓީތަކުގެ ސްކޫލްތަކުން ކޮންމެ ސްކޫލެއްގެ އަމިއްލަ ނަމުގައި މުބާރާތުގައި ބައިވެރިވެވޭނެއެވެ. އަދި ސިޓީތަކުގެ ސްކޫލްތައް ފިޔަވާ އެހެން ސްކޫލްތަކުން މުބާރާތުގައި ބައިވެރިވެވޭނީ އަތޮޅު ސްކޫލްތަކުގެ މެދުގައި ބާއްވާ އަތޮޅު މުބާރާތުން ހޮވޭ ދަރިވަރުންކަމަށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ. އަދި އަތޮޅު މުބާރަތުން ޤައުމީ މުބާރަތަށް ބައިވެރިން ހޮވަނީ އަތޮޅު ކައުންސިލުންނެވެ.

މި މުބާރާތުގައިވެސް ކޮންމެ ބަޔަކުން 1 ވަނަ ،2 ވަނަ އަދި 3 ވަނަ ހޮވުމަށް ހަމަޖެހިފައިވެއެވެ. އަދި މުޅި މުބާރާތުންވެސް މި ވަނަތައް ހޮވާނެއެވެ. މީގެ އިތުރުން މުބާރާތުގެ ކޮންމެ ބަޔަކުންވެސް 1 ވަނައަށްދާ ބައިވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމެއް ދެއްވާނެއެވެ

ރިއެކްޝަންސް
0
0
0
0
0
0
0