ގައިދީން ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ޕްރޮގްރާމްގައި ޖުމްލަ 192 މީހުން ދައްކައިފި

6 ނޮވެމްބަރ 2022 - 11:11

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކުރިއަށްގެންދާ ޕްރޮގްރާމް “ހޭހަން”ގެ ދަށުން ޖުމްލަ 192 ގައިދީން ހާއްސަ ޑޮކްޓަރުންނަށް ދައްކައިފި ކަމަށް އެ އިދާރާއިން ހާމަކޮށްފި އެވެ.

އޮޕަރޭޝަން ހޭހަން އަކީ ޖަލުގައި ތިބި ޤާއިދީންނާއި ބަންދުމީހުންގެ ތެރެއިން ޚާއްސަ ޑޮކްޓަރުންނަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ މީހުން ތިބުމާއި އެކު، އެމީހުން ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމަށާއި، ޖަލުގައި ދެވެން ނެއް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ނުވަތަ އެނޫންވޭސް ސިއްޙީ ޚިދުމަތްދޭ މަރުކަޒަކަށް ގެންގޮސްގެން ދިނުމަށް ހިނގޭ ޚާއްސަ އޮޕަރޭޝަންއެކެވެ.

advertisement

މިގޮތުން މި އޮޕަރޭޝަންގެ ފުރަތަމަ ހަފްތާގައި ލޮލުގެ ޑޮކްޓަރަށް 105ގައިދީން ދައްކާފައިވެއެވެ. އެހެނިހެން ސިއްހީ ހިދުމަތްތައް 21 ގައިދީން ބޭނުންކޮށްފައިވާއިރު، ކަށީގެ ޑޮކްޓަރަށް 14 ގައިދީން، ކުޑަކަމުދާ ނިޒާމްގެ ޑޮކްޓަރަށް 11 ގައިދީން، ހިތުގެ ޑޮކްޓަރަށް 10 ގައިދީން، ފުއްޕާމޭގެ ޑޮކްޓަރަށް 9 ގައިދީން، ކިޑްނީ އަދި ގޮހޮރުގެ ޑޮކްޓަރުންނަށް 4 ގައިދީން ދައްކާފައިވެ އެވެ. އަދި ހަމަ އެހެންމެ އެތެރެ ހަށީގެ ޑޮކްޓަރުންނާއި، އޮޕަރޭޝަން ޑޮކްޓަރުންނާއި، ހެއްނައްތާ ޑޮކްޓަރުންނާއި އަދި ހަމުގެ ޑޮކްޓަރުންނަށް 2 ގައިދީން ދައްކާފައިވާ ކަމަށް އެ އިދާރާގެ ތަފާސް ހިސާބުން ހާމަވެ އެވެ.

މި އޮޕަރޭޝަންގައި ހިމެނޭ އޮފިސަރުންގެ މައިގަނޑު މަސްއޫލިއްޔަތަކީ ޚާއްސަ ޑޮކްޓަރުންނަށް ދައްކަންޖެހޭ ޤާއިދީންނާއި ބަންދުމީހުން ހަދަންޖެހޭ ތަފާތު އެކި ޓެސްޓުތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާ ހަމައަށް ޖަލުން އެސްކޯޓްކޮށް، އެ ޚިދްމަތް ލިބޭނެ މަގުފަހި ކޮށްދިނުމެވެ.

މިއޮޕަރޭޝަންގައި ބައިވެރިވާނީ މައިގަނޑު ގޮތެއްގައި ހުރިހާ ކޮމިޝަންޑު އޮފިސަރުންނާއި ފަސްޓް ކްލާސް ޕްރިޒަން އޮފިސަރުންގެ މަތީ ރޭންކު ތަކުގެ އޮފިސަރުންނެވެ. މީގެ އިތުރުން އޮޕްރޭޝަން ހިންގުމަށް އެހެން ރޭންކްތަކުގެ އޮފިސަރުންނާއި މުވައްޒަފުން އެހީތެރިވާނެއެވެ.

މި އޮޕްރޭޝަންގައި ސީނިއަރ މެނޭޖްމަންޓް ބައިވެރިކުރުމުގެ މަޤްޞަދަކީ ޤައިދީންނާއި ބަންދު މީހުން އެސްކޯޓު ކުރުމުގައި ހުރި ދަތިތައް ދެނެގަތުމާއި އެކު ނިޒާމީ ސިފައެއްގައި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމާއި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް މަސައްކަތް ކުރުމެވެ.

މެޑިކަލް ޓީމް ހިމަނައިގެން މި އޮފަރޭޝަންގައި ޖުމްލަ އަށް ޓީމް ހަރަކާތްތެރިވާނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0