ދަރިންނަށްޓަކައި ވަރި ނުވެ ތިބުމަކީ އެކުދިންނަށް ދެވޭ އަނިޔާ އަކަށް ވެސް ވެދާނެ

7 ނޮވެމްބަރ 2022 - 14:51

އަހަރެމެންގެ ތެރޭގައި ވަރި ވަރަށް ގިނައެވެ. ސަބަބުތައް ބައިވަރެވެ. އާއްމުގޮތެއްގައި ބެލެވެވިފައި އޮންނަ އޮތުމަކީ ވަރި ވުމަކީ ގޯސް ކަމެއްގެ ގޮތުގައެވެ. ހާއްސަކޮށް ކައިވެންޏަށް ކުދިން ލިބިފައިވާ ނަމަ އެ ދެމަފިރިޔަކު ވަރިވުމަކީ އެދެވޭ ކަމެއްގެ ގޮތުގައި މުޖުތަމައުގެ ހަމަތަކުން ނުބަލައެވެ. ނަމަވެސް މިކަމާއި މެދު އެހެން ނަޒަރަކުން ބަލާނަމަ ހަގީގަތުގައި ވަރި ވުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ބުނެވިދާނެއެވެ.

ދެމަފިރިއަކު ވަރި ވަނީ ދެމީހުންގެ ތެރެއިން ކޮންމެވެސް އެކަކު ނުވަތަ ދެމީހުން ވެސް އެކުގައި އުޅެން ބޭނުން ނުވާ ހިސާބުންނެވެ. ނުވަތަ އެކުގައި އުޅުމަކީ ޓޮކްސިކް ނުވަތަ އެކަމުން ނޭދެވޭ ނަތީޖާތަކެއް ނިކުންނަ ކަމެއް ކަމަށް ގަބޫލުކުރެވިގެންނެވެ. ކައިވެނީގެ ގުޅުން އުފާވެރި ނޫން ނަމަ ދެން ކުރިމަތިވާ މައްސަލަތައް ވަރަށް ގިނައެވެ. ދެމީހުންނަށް ވެސް ދިމާވާ ނަފްސާނީ ބަލިކަން ވެސް ބޮޑުވެއެވެ. ހާސްކަމާއި ރުޅިވެރިކަން ބޮޑުވެއެވެ.

advertisement

އެކަނިވެރިކަމާއި ހިތާމައިގެ ތެރޭގައި ކައިވެނީގެ ގުޅުން ދެމެހެއްޓުމަށް އެއްވެސް މީހަކަށް ބާރު އެޅުމަކީ ޒިންމާދާރު ކަމެއް ނޫނެވެ. ދަރިންނަށްޓަކައި ހިތާމަ އުފުލައި އަނިޔާ އާއި ވޭން އުފުލުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ. “ދަރިފުޅުމެންގެ ބައްޕަ ކައިރިން ވަރި ނުވެ މަންމަ ހަޔާތް ހޭދަ ކުރީ ދަރިފުޅުމެންނަށް ޓަކައި. ވަރަށް އަނިޔާ ކުރި. ވަރަށް ތެޅި” މިއީ، ބަލި އެނދުގައި އޮތް 70 އަހަރުގެ މަންމަ އަކު އޭނާގެ ބޮޑެތި ދަރިން ކައިރީ ބުނި ވާހަކައެކެވެ.

މިއީ އެއްވެސް ދަރިއަކު އެދޭނެ ކަމެއް ނޫނެވެ. ދަރިން ބޮލުގައި އެޅުވުމަށް ފަހު އަނިޔާވެރި ގުޅުންތައް ދެމެހެއްޓުމަކީ ދަރިންނަށް ވެސް ކުރެވޭ ބޭއިންސާފެކެވެ. ޒުވާބުކޮށް، ތަޅައި، ހަދާތަން ފެންނަ ނަމަ އެކުދިންނަށް ލިބޭ ނަފްސާނީ އަނިޔާ އުމުރަށް ދެމިގެންދާނެއެވެ. މިފަދަ މަންޒަރުތައް ނުފެނުނު ކަމުގައި ވިޔަސް، މަންމަ އާއި ބައްޕަގެ ގުޅުން އުފާވެރި ނޫން ނަމަ ކުދިންނާއި އެކު އުފާވެރި ވަގުތު ހޭދަނުކުރެވުމާއި، ކުދިންނަށް ދޭން ޖެހޭ ވަގުތާއި އަޅާލުން ދިނުމަށް ދެ މީހުންވެސް ނުކުޅެދުން ހިމެނެއެވެ. މިއީ ވެވޭ އިހުމާލެކެވެ. ދެވޭ އަނިޔާއެކެވެ. ސަބަބަކީ ހިތްހަމަ ނުޖެހި މީހާ ސްޓްރެސްތެރޭގައި އުޅެން ޖެހުމެވެ. ވީމާ، ހިތްހަމަ ނުޖެހޭ ނަމަ އެންމެ ރަނގަޅު ގޮތަކީ ވަރި ވުމެވެ. އަދި ވަކިވި ނަމަވެސް ކުދިންގެ މައިންބަފައިންގެ ގޮތުން އަދާކުރަން ޖެހޭ ޒިންމާ އެ ދެމީހުންވެސް އަދާކުރުމެވެ.

ވީމާ ކުދިންނަށްޓަކައި ވަރި ނުވާށޭ ނުބުނާށެވެ. ކުދިންނަށްޓަކައި ވަރިވުމަކީ މުހިންމު ގިނަ ހާލަތްތަކުގައި އެންމެ މޮޅު ގޮތްކަމުގައި ވެސް ވެދާނެއެވެ. އެއީ ޖީލެއް ސަލާމަތް ކުރުމަށް މުހިންމު ނިންމުމެއް ކަމުގައި ވެދާނެއެވެ.

ރިއެކްޝަންސް
0
9
0
13
0
0
1