1952 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ މާސްޓާޕްލޭން ހެދި އިރުވެސް މާލެ ތޮއްޖެހުން ކުޑަ ކުރުމުގެ ވާހަކަ ދެއްކި

12 ނޮވެމްބަރ 2022 - 11:05

މުހައްމަދު އަމީން ދީދީ

ރާއްޖޭގެ އެންމެ ފުރަތަމަ މާސްޓާ ޕްލޭން ހަދާފައިވަނީ 1952 ވަނަ އަހަރުގައެވެ. އޭރު ވެރިކަން ކުރަމުން އައީ މުހައްމަދު އަމީން ދީދީ އެވެ. އެއީ ތިން އަހަރުދުވަހުގެ މާސްޓާ ޕްލޭނެކެވެ. އޭރުގެ މަޖިލީހުގައި ވެސް ރަށްރަށުން ލިބޭ އެއްޗެއް އެރަށަކަށް ދިނުމުގެ ވާހަކަ އާއި ލާމަރުކަޒުކުރުމުގެ ވާހަކަ ދައްކާފައިވާ ކަން “އިއްޔެ” މަޖައްލާއިން ފެންނަން އެބައޮތެވެ.

ފުރަތަމަ މާސްޓާ ޕްލޭންގެ ދަށުން ނިންމި ކަންކަމުގެ ތެރޭގައި ހިމެނެނީ މާލެ ތަރައްގީކުރުމުގެ މަސައްކަތްތަކެވެ. މާލޭގައި ވިޔަފާރި ގާއިމުކޮށް އިގްތިސާދު ފުޅާކުރުމުގެ ކަންކަމެވެ. މާލޭގައި ބައިސިކަލް ދުއްވުމުގެ ލައިސަންސް ވަކި ބަޔަކަށް ދިނުމާއި، މާލެއަށް ކަރަންޓު ލުމާއި، މާލޭގައި ހޮސްޕިޓަލެއް އެޅުމާއި، ފިރިހެން ކުދިންގެ މަދަރުސާއެއް ބިނާކުރުމާއި ބޭންކެއް ހެދުން ވެސް އެ ޕްލޭންގައި އޮތެވެ.

advertisement

އިބްރާހީމް ނާސިރު

އެއަށްފަހު އައި ނާސިރުގެ ވެރިކަންވެސް ނިމި ދިޔައީ މާލެ ސެންޓްރިކް ވެރިކަމެއްގެ ގޮތުގައެވެ. ސ. ގަން މަތިކޮށް، އިނގިރޭސިންނާއި އެކު ވެފައި އޮތް އެއްބަސްވުމާއި އުޅޭގޮތުން ނެގޯޝިއޭޓް ކުރި ދެ ފަހަރުވެސް ނާސިރުގެ ޝަރުތަކަށްވީ މާލޭގެ އިންފްރާސްޓްރަކްޗަރ އެޅުމެވެ. ގަން މަތިކޮށް، އިނގިރޭސިން ލައްވައި މާލެއަށް 24 ގަޑި އިރު ކަރަންޓު ހޯދުމާއި، ސެންޓްރަލް ހޮސްޕިޓަލް އެޅުމާއި އޮލިމްޕަހާއި އޯޑިއޯން އެޅުން މީގެތެރޭގައި ހިމެނެއެވެ. އަދި 1961 ވަނަ އަހަރުން ފެށިގެން މަޖީދިއްޔާ ސްކޫލް އިނގިރޭސި މީޑިއަމް ސްކޫލަކަށް ބަދަލުކުރިއެވެ.

ރާއްޖެތެރޭގެ ރަށްރަށުގެ މީހުން ބަލިބައްޔަށް ފަރުވާއެއްގެ ގޮތުން ދިވެހި ބޭސްކުރުމާއި ފަންޑިތަ ހަދަމުން އައި ދުވަސްވަރު ނާސިރު ވަނީ މާލޭގައި ހަސްފަތާލެއް ހިންގަން ފަށާފައެވެ. އެތަން ހުރީ މިހާރުގެ މަޖިލިސް ކުރާގެ ހުރިތަނުގައެވެ. 1962 އިން ފެށިގެން އެތަނުގައި ވިހެއުމުގެ ހިދުމަތްވެސް ދޭން ފެށިއެވެ. ބޭރުން ޑޮކްޓަރުން ގެނެސް 24 ގަޑި އިރު ހިދުމަތްވެސް ދޭން ފެށިއެވެ. ދިވެހިބަހުގެ އެކަޑަމީ އިން ނެރެފައިވާ “ފަނޑުވުމެއް ނެތް ހަނދާންތައް” މިފޮތުގައި މި މިވާހަކަތައް ތަފްސީލުކޮށް ލިޔެފައިވެއެވެ. ތައުލީމު އުގެނުމުގެ ބޭނުމުގައި ރާއްޖެތެރެއިން މީހުން މާލެ ހިޖުރަކުރަން ފަށާފައިވަނީ 1970އިގެ ކުރީކޮޅުން ފެށިގެނެވެ.

މައުމޫނު ޢަބްދުލް ޤައްޔޫމް

ދެން ދިވެހިންނަށް ފެނުނީ ރައީސް މައުމޫނުގެ ދިގު 30 އަހަރެވެ. ރައްޔިތުންގެ ފައިސާއިން މާލެ އާއި މާލެ ކައިރީގައި އާ މާލެ ހަދައިގެން އެތަކެއް ޕްރޮޖެކްޓެއް ހިންގިއެވެ.

މާލޭގައި އިތުރު ފްލެޓު އެޅުމާއި، މާލޭގެ ދެކުނު ފަރާތް ހިއްކުމާއި، މާލޭގެ މަގުތައް ހެދުމާއި، މާލެއަށް ސާފު ބޯފެން ގުޅުމާއި، އައިޖީއެމް އެޗް އާއި (ޕްރައިވެޓް ހޮސްޕިޓަލް) އޭޑީކޭ ހެދުމާއި، ވިލިނގިލި ތަރައްގީ ކުރުމާއި، ހުޅުމާލެ ތިލަފުށި ހިއްކުން މީގެތެރޭގައި ހިމެނެއެވެ.

މުހައްމަދު ނަޝީދު

ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް މާލެ ތޮއްޖެހޭގޮތަށް އިތުރު ޕްރޮޖްކްޓްތައް ހިންގާފައިވެއެވެ. އަދި ލާމަރުކަޒީ ގާނޫނު އުވާލުމަށް އޭރުގެ އެމްޑީޕީގެ މެމްބަރެއް ކަމުގައިވާ މޮނާޒާ ނައީމު ސުޕްރީމް ކޯޓަށް މައްސަލައެއް ލާފައި ވުމަކީ އެމްޑީޕީ އިން ރާއްޖެތެރެއަށް ބާރުތައް ދޫކޮށްލުމަށް ރުހޭ މިންވަރާއި މެދު ސުވާލު އުފެދޭ ކަމެކެވެ. އާއްމުރައްޔިތަކަށް އަތްނުފޯރާ ބޮޑު އަގުގައި ވިއްކުމަށް ލަގްޒަރީ ފްލެޓު އެޅުމަށް “ރެހެންދި ފްލެޓު” ބިން އަމިއްލަ ބަޔަކަށް ދީފައިވަނީވެސް ނަޝީދުގެ ވެރިކަމުގައެވެ.

ފޮޓޯ: ހަވީރު

ހުޅުމާލޭގައި މީހުން އާބާދުކުރުމަށް ފްލެޓު އެޅުމާއި ޖަޕާނު ސަރުކާރުން މާލޭގައި އިމާރާތްކޮށްފައި ހުރި ރައްޔިތުންގެ ސްކޫލުތައް ޕްރައިވަޓައިޒް ކޮށް، ވަކިބަޔަކަށް ފެންވަރު ރަނގަޅު ތައުލީމު ލިބޭނެ ގޮތަށް ސިޔާސަތު ބަދަލު ކޮށް ރާއްޖެތެރޭ ރައްޔިތުންގެ އެކައުންޓްތަކުގައި ހުރި ފައިސާ މައި ސަރުކާރަށް ނެގީ ވެސް ނަޝީދުގެ ވެރިކަމުގައެވެ. މިއީ ހައްތަހާވެސް ރާއްޖެތެރެ ބިކަވެ މާލެ އިތުރަށް ތޮއްޖެއްސުމަށް ބާރުވެރިވި ސިޔާސަތުތަކެވެ.

ޢަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް

ޔާމީނުގެ ވެރިކަމުގައި އޭނާ ވަނީ ވަރަށް ފާޅުކަން ބޮޑު ކޮށް ލާމަރުކަޒީ ނިޒާމާއި ދެކޮޅު ހަދާފައެވެ. އެންމެން މާލެއަށް އައުމަށް ގޮވާލައި ރާއްޖެތެރޭ މީހުންނަށް އޮތްގޮތަކީ އެއީކަމުގައި ދޭހަވާ ބީދައިން ޕޯޑިއަމް ތަކުގައި ވާހަކަދައްކާފައިވެސް ވެއެވެ.

3.2 ބިލިއަން ރުފިޔާގެ ހުޅުމާލެ ބުރިޖް، 2.1 ބިލިއަން ރުފިޔާގެ ދަރުމަވަންތަ ހޮސްޕިޓަލް، 8.6 ބިލިއަން ރުފިޔާގެ ހިޔާ މަޝްރޫއު، އަދި 12.3 ބިލިއަން ރުފިޔާގެ ހުޅުލޭ އެއާޕޯޓު ޕްރޮޖެކްޓަކީ މާލެ ސަރަހައްދަށް ހާއްސަކޮށްގެން ރައީސް ޔާމީނު ހިންގާފައިވާ ބޮޑެތި މަޝްރޫއުތަކެވެ.

އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޔާސަތުތަކުން ވެސް މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް އިހުލާސްތެރި ނިޔަތެއް އޮތްކަމަކަށް ނުފެނެއެވެ. މާލެ-ވިލިނގިލި-ގުޅީފަޅު-ތިލަފުށި ބުރިޖް ޕްރޮޖެކްޓަށް (އާ ވިޔަފާރި ބަނދަރު ވެސް ހިމެނޭ ގޮތަށް) 7.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، ހުޅުމާލޭގައި އިތުރު 4،000 ހައުސިން ޔުނިޓް އެޅުމަށްވެސް މި ސަރުކާރުން ނިންމާފައިވެއެވެ.

ކުރުކޮށް ބުނާ ނަމަ 1952 ވަނަ އަހަރު އަމީން ދީދީ ހަދާފައިވާ މާސްޓާ ޕްލޭން އިންފެށިގެން މިއަދާއި ހަމައަށް އައިސްގޮސްވި ހުރިހާ ސަރުކާރަކުންވެސް އިސްކަން ދީފައިވަނީ މާލެ ތޮއްޖެއްސުމުގެ ސިޔާސަތުތަކަށެވެ.

ހިޔާ ފްލެޓުތައް ހުޅުވާލުމާއި އެކު މާލޭގެ ތޮއްޖެހުން މިހާރުމިވަނީ އާއުސްމިނަކަށް އަރާފައެވެ. ތޮއްޖެހުމުގެ ސަބަބުން ދިމާވާ ކަންކަމަށް އޮތް ހައްލަކީ ތޮއްޖެހުން ކުޑަކުރުމެވެ. އާ ގަވާއިދަކުން ގާނޫނަކުން މިކަމެއް ނުކުރެވޭނެއެވެ. ބިލްޑިން ކޯޑު އިސްލާހުކޮށް ތަންފީޒުކޮށްގެން މިކަން ހައްލެއް ނުކުރެވޭނެއެވެ. އެވާނީ އަނެއްކާވެސް ކަނޑުގައި ދަމާލެވޭ ރޮނގަކަށެވެ. އަނެއް ހާދިސާއެއް ހިނގައި މީހުން މަރުވުމުން ނޫނީ އޭގެ ވާހަކައެއް ދެއްކުމެއް ނެތް ހިޔާލީ ވާހަކައަކަށެއެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0