މިއަހަރުގެ “ރިވެލި މަޢުރަޒު” ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހުޅުއްވައި ދެއްވައިފި

14 ނޮވެމްބަރ 2022 - 11:10

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިންތިޒާމްކޮށްގެން ބާއްވާ “ރިވެލި މަޢުރަޒު 2022” ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހުޅުއްވައިދެއްވައިފިއެވެ.

އެކަމަނާ މި މަޢުރަޒު ހުޅުއްވައިދެއްވާފައި ވަނީ މިއަދު ހެނދުނު ދަރުބާރުގޭގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

advertisement

މި މަޢުރަޒު ހުޅުއްވައި ދެއްވައި އަދި ބައްލަވާލެއްވުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ މަޢުރަޒުގައި އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާއިންނާއި، ދަނޑުވެރިކަމާއި، ކާބޯތަކެތީގެ ދާއިރާއިން އުފެއްދުންތައް ބައިވެރިކުރެއްވި ފަރާތްތަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވާފައެވެ.

މި މަޢުރަޒަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށްދިނުމުގެ މަޤްސަދުގައި ބާއްވާ މައުރަޒެކެވެ.

މި އަހަރުގެ މަޢުރަޒުގައި ބައިވެރިވި 95 ބައިވެރިން، އެފަރާތްތަކުގެ އުފެއްދުންތައް ހުށައަޅާފައި ވަނީ 5 ދާއިރާއަކުންނެވެ.

އެއީ އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާއާއި، ދަނޑުވެރިކަމުގެ ދާއިރާއާއި، ކާބޯތަކެތީގެ ދާއިރާއާއި، ކުރެހުމުގެ ދާއިރާއާއި، އަތްތެރި މަސައްކަތްކުރުމުގެ ދާއިރާއެވެ. އަދި، މި އުފެއްދުންތައް ވިއްކުމަށް ބޭނުންވާ ބައިވެރިންނަށް އެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ.

“ރިވެލި މަޢުރަޒު 2022” ކުރިޔަށް ދާނީ، މިއަދާއި މާދަމާ، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0