ބާރު ފެށެނީ ރައްޔިތުންގެ ކިބައިން ކަން ސިކުނޑިއަށް ބުނެދިނުމަށްޓަކައި ހާދިމުކުމް ލިޔުން ހުއްޓާލަންޖެހޭ

17 ނޮވެމްބަރ 2022 - 11:06

ރަސްމީ ދިވެހި ސިޓީ ނިންމާލަމުން އެންމެންވެސް އާއްމުކޮށް ސޮއިކޮށް އުޅެނީ ސޮޔާއި މީހާގެ ނަމުގެ މަތީގައި ހާދިމުކުމް، އަންހެނެއް ނަމަ ހާދިމަތުކުމް ލިޔުމަށް ފަހުގައެވެ.

މިއީ ސްކޫލުތަކުގައި ދިވެހި މާއްދާ ކިޔަވައިދޭ އިރުވެސް ސިޓީ ލިޔަން ދަސްކޮށްދޭ ގޮތްވެސް މެއެވެ. ހާދިމުކުމް ނުވަތަ ހާދިމަތުކުމްގެ މާނަ އަކީ “ހާދިމަކީމެވެ” ނުވަތަ “ހިދުމަތުގައި ދެމި ހުރި” މިއެވެ. ދައުލަތަށް ބަލާއިރު ރައްޔިތުންގެ ހިދުމަތުގައި ތިބެންޖެހޭ ބަޔަކީ ދައުލަތުގެ އެކި އިދާރާތަކާއި އޮފީސްތަކުގެ މުވައްޒަފުންނާއި ހިންގުމުގެ ޒިންމާ ނަގައިގެން ތިބި ފަރާތްތަކެވެ.

advertisement

އާންމު ރައްޔިތުމީހާ އަކީ ހާދިމެއްނޫން

ވެރިންނަކީ ރައްޔިތުންނެވެ. ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ވެސް ރައްޔިތުންގެ ކިބައިންނެވެ. އަދި ވެރިކަމުގެ ބާރުތައް ދެމިއޮންނާނީވެސް ރައްޔިތުންގެ ކިބައިންނެވެ. ގާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ރައްޔިތުންގެ ބާރު ކަމުގައި ކަނޑައަޅާފައިވާ ބާރަކީ މިއީއެވެ.

ނަމަވެސް، ރައްޔިތުންގެ ބާރު އަމިއްލައަށް ޕްރެކްޓިސް ކުރުމަކީ އަހަރެމެންގެ ތެރޭގައި އޮތް އާދައެއް ނޫނެވެ. ރައްޔިތަކަށް ވީތީވެ ލިބިގެންވާ ހައްގުތައް ލިބިގަތުމަށް އަޑު އުފުލުމަކީވެސް އާއްމު ކަމެއް ނޫނެވެ. އާއްމު ކަމަކީ ޕާޓީތަކުން ރައްޔިތުން މޮބިލައިޒްކޮށްގެން ވަކި ވާހަކައެއް ދެއްކުމަށް ބުނުމުން އެ ވާހަކަތަކެއް ޕާޓީ އަށްޓަކައި ނުވަތަ ވަކި ސިޔާސީ މީހަކަށްޓަކައި ދެއްކުމެވެ.

ރައްޔިތުންގެ ފުރިހަމަ ބާރުގައި، ހަށިފޮޅައި، ތިމަންނާމެންގެ ހައްގަކީ މިއީ އޭ، މިހައްގު ކަށަވަރުކޮށްދޭށޭ ބުނެ ރައްޔިތުން ނިކުމެފައި ހުރީ ފަހަރުތަކުގައި އެކަމުގެ ސިޔާސީ ފައިދާ ނަގާފައިވަނީ އެކި ޕާޓީތަކުންނެވެ. މިސާލަކަށް، 2012 ވަނަ އަހަރު ރައްޔިތުން ހަނާވަނީ އޭ ބުނެ ޕީޕީއެމް އިން ބާއްވަން ފެށި މުޒާހަރާތަކުގެ ސަބަބުން ތަކެތީގެ އަގަށް ބަދަލު އަންނާނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރެއެވެ. އެމުޒާހަރާތަކުގެ ސަބަބުން މާލެތެރެ ހަލަބޮލިވެ، ވެރިކަން ފުރޮޅި، ދެން އައި އާ ސަރުކާރުންވެސް ތަކެތީގެ އަގު ރަނގަޅު ކުރުމަށްޓަކައި އެއްވެސް ސިޔާސަތެއް ބަދަލެއް ނުކުރެއެވެ. ރައްޔިތުން ތިބީ ހަމަ ހަނާވެ އަވަދިވާ ހާލުގައެވެ.

ހާދިމުކުމް އަދި ހާދިމަތުކުމްގެ ބަދަލުގައި ލިޔެވޭނީ ކީކޭ؟

ރައްޔިތުންގެ ބާރު ނަގަހައްޓަން ކުރަންޖެހޭ ކަންކަން ގިނައެވެ. ތިމަންނާ އަކީ އެއްވެސް އެހެން އިންސާނެއްގެ އަޅެއް ނޫން ކަމާއި، ސަރުކާރު ހިންގުމާއި ހަވާލުވެ ތިބި މީހުންނަކީ ހާދިމުން ކަމުގައި ދަންނަން ޖެހެއެވެ. ސިޓީ ލިޔާއިރު ނިންމާލަމުން ހާދިމުކުމް ލިޔަން ޖެހޭ ބަޔަކީ އެއީ އެވެ. ރައްޔިތުންނަކީ ވެރިންނެވެ. މިއީ ގާނޫނު އަސާސީ އިން ކަނޑައަޅާފައިވާ ގޮތްވެސްމެއެވެ.

އަހަރެމެން ލިޔާ ސިޓީތަކުގައި ހާދިމަތުކުމް ގެ ބަދަލުގައި އަލްމުޙްލިސް ލިޔުމަކީ އަހަރެމެންގެ ބާރު އަހަރެމެން ދަނެތިބިކަން އެހެން މީހުންނަށް އަންގަން ކުރެވިދާނެ ކަމެކެވެ. ސިނކުޑީގައި ކަނޑާ ނެގިފައި ހުރި އަޅުވެތިކަމުގެ ސިއްކަ އަކީ ޒަމާނުއްސުރެން ވެރިކަމުގެ ބާރުން ދަސްކޮށެދެމުން އައި ގޮތެވެ. އެކަމާއި ޖަދަލުކުރުމަކީ އަމިއްލަ ނަފްސާއި ޖަދަލުކުރުމެވެ. އަހަރެމެންނަކީ ހާދިމުން ނޫން ކަން އަމިއްލަ ނަފްސަށް ދަސްކޮށް ދޭން ޖެހެއެވެ. އަޅުވެތިކުރާ ފަރާތްތަކާއި ޖަދަލުކުރެވޭނީ ފުރަތަމަ އަހަރެމެން އަމިއްލައަށް އަމިއްލަ ނަފްސުގެ އަގާއި ހައްގު ދަނެތިބެގެންނެވެ.

ރިއެކްޝަންސް
1
8
1
0
0
0
0