ރިޕޯޓް: ސަރުކާރަށް 4 އަހަރު — ކަމެއްވިތަ!

17 ނޮވެމްބަރ 2022 - 17:48

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގިނަ މީހުން ސިފަކުރަނީ އެއީ ބަޖެޓުގައި ޖަހާފައި އޮންނަ ނަންބަރެއްގެ ގޮތުގައެވެ. ސަބަބުތައް ވެސް ގިނައެވެ.

ބަޖެޓްގައި ރީތި އަދަދުތައް ފެންނަން ހުރި ނަމަވެސް އޭގެ ތެރެއިން ވަރަށް ބޮޑު ބަޔަކީ ހަމައެކަނި ބަޖެޓް ފޮތުން ފެންނަ އަދަދުތަކެވެ. އަމަލީ ސިފަ ނުޖެހޭ އެތައް މަޝްރޫއުތަކެއް އަނެއްކާ އަނެއް އަހަރުގެ ބަޖެޓަށް އިޔާދަވަނީއެވެ. އެހެންކަމުން ތަރައްގީ މިނެކިރުމުގައި ޕީއެސްއައިޕީއަކީ މާބޮޑު ބަރުދަނެއް ހުންނަ އެއްޗަކަށް ނުވެއެވެ. އެހެން ނަމަވެސް ދެ ސަރުކާރެއް އަޅާކިޔާ ނަމަ އެއީ ވެސް މުހިންމު އަދަދެކެވެ. މި ސަރުކާރަށް ހަތަރު އަހަރު ފުރިގެން ދައްކަން އޮތް ވާހަކަތައް ވެސް ފަށަންޖެހެނީ އެ ހިސާބުންނެވެ.

advertisement

މިސަރުކާރުން ގެނައީ ލާމަރުކަޒީ ތަރައްގީ

ކުރީގެ ސަރުކާރުގެ ހަތަރު އަހަރާއި މި އަހަރުގެ ހަތަރު އަހަރު ބަޖެޓު ފޮތުން ކިރާލާ އިރު މި ސަރުކާރު އުޅެނީ ބޮޑުތަނުން ކުރީގައެވެ. ޕީއެސްއައިޕީގެ ގޮތުގައި މިދިޔަ ސަރުކާރުން ހަތަރު އަހަރުގެ ތެރޭގައި 22 ބިލިއަނެއްހާ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ދައްކާ އިރު އެ މުއްދަތުގައި މި ސަރުކާރުން 25 ބިލިއަނެއްހާ ރުފިޔާ ހޭދަކޮށްފައި ވެއެވެ. އެއީ ކުރީ ސަރުކާރަށް ވުރެ ދެ ބިލިއަނެއްހާ ރުފިޔާ އިތުރު އަދަދެކެވެ. އެހެން ނަމަވެސް މަސްރޫޢު ހިންގުނު ސަރަހައްދުތަކާއި މަސްރޫޢުތަކުގެ މޫނު މައްޗަށް ބަލައިގެން ދެ ސަރުކާރު އަޅާ ކިޔާ ނަމަ އެކި މީހުންނަށް ކަމުދާނީ އެކި ސަރުކާރެވެ.

އެ ގޮތުން ފަށަންޖެހެނީ ސިނަމާލެ ބްރިޖާއި ހިޔާ ޓަވަރުތަކާއި، އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތާއި ހުޅުލޭ އެއާޕޯޓުންނެވެ. އެ ތަންތަނަށް ކުރި ހޭދައާ އަޅާބަލާއިރު އެއީ ކޮރަޕްޝަންގެ ރަމްޒުތަކެއްގެ ގޮތުގައި ބަޔަކު ސިފަކުރި ނަމަވެސް އެއީ ފެންނަން ހުރި ތަންތަނެވެ. އެހެން ނަމަވެސް އެ ތަރައްގީތަކަކީ މާލެ ވަށައިގެން އެނބުރޭ ތަރައްގީއެއްގެ ގޮތުގައި ސިފަކުރެވިދާނެއެވެ. އަތޮޅު ތެރޭގެ މައިގަނޑު ތަރައްގީއެއްގެ ގޮތުގައި ބަޔަކު ދައްކާ ނަމަ ދައްކާނީ އެމްޑީޕީގެ ކުރީގެ ވެރިކަމުގައި އައްޑޫގައި ހަދާފައި ހުރި ކޮންވެންޝަން ސެންޓަރު އަދި މިދިޔަ ސަރުކާރުން ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލުކުރި އިމާރާތެވެ.

އަބަދުވެސް މާލޭގައި ހިންގާ ތަރައްގީގެ ވާހަކަ އެންމެން ދައްކައެވެ. އެއީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުން މާލެ ސަރަހައްދުގައި ދިރިއުޅޭތީއެވެ. ނަމަވެސް ހއ. ދިއްދޫގައި އާންމު ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތެއް ދިނުމުގެ ވާހަކަ ދެން އަންނަ ސަރުކާރަކަށް ދައްކަންނުޖެހޭނެ ވާހަކަ ދައްކާނީ ހަމައެކަނި ދިއްދޫ މީހުންނެވެ.

ރީތި ބަނދަރާއި ތާރު އެޅި މަގުތަކާއި ރަށްގިރުމުގެ މައްސަލަ ހައްލުވުމާއި އާ އިންޖީނު ގެއާއި ފެނާއި ނަރުދަމާ އާއި ފްލެޓާއި ބިން ހިއްކުމާއި މިހެން ގޮސް ރަށެއްގެ ރައްޔިތަކަށް ބޭނުންވާނޭ އަސާސީ ނުވަތަ މުހިންމު ހުރިހާ ކަމެއް އެ ރަށުގައި ސަރުކާރުން ފުރިހަމަކޮށް ނިންމީމައި އެ ވާހަކަ ދައްކާނީ އެ ރަށު ރައްޔިތުން އެކަންޏެވެ. ނަމަވެސް މާލޭގައި ބްރިޖް އެޅީމައި ނުވަތަ ބޮޑުތަކުރުފާނު މަގުގައި ތާރު އެޅީމައި އެ ވާހަކަ ހުރިހާ ރަށެއްގެ ރައްޔިތުން ދައްކައެވެ. އެއީ ހުރިހާ ރަށަކަށް ނިސްބަތްވާ ރައްޔިތުން ވެސް އެ ތަންތަނުން ދަތުރުކުރާތީއެވެ. އެހެން ކަމުން މި ސަރުކާރާއި އެ ސަރުކާރުގެ ތަފާތު މިނެކިރެން އޮތީ ލާމަރުކަޒީ ތަރައްގީގެ ތެރެއިންނެވެ.

ފެނާއި ނަރުދަމާ ދެން އަންނަ ސަރުކާރެއްގެ މެނިފެސްޓޯގައި ޖަހަން ނުޖެހޭ ވަރުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ތަރައްގީގެ މަޝްރޫއުތައް ބޮޑަށް އަމާޒުވެފައި ހުރީ މާލޭ އާއި އާބާދީ ބޮޑެތި ރަށްތަކުގެ ވަށައިގެން ކަމަށް ވިޔަސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވަމުން ގެންދަވަނީ ތަރައްގީކުރުމުގައި ކުދި އާބާދީ އާއި ބޮޑެތި އާބާދީތައް ތަފާތު ނުކުރައްވާނެ ކަމަށެވެ. އެކަން މި ސަރުކާރުން ވަނީ ސާބިތު ވެސް ކޮށްދީފައެވެ. ހާއްސަކޮށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައެވެ.

އެ ގޮތުން އެތައް ސަރުކާރުތަކެއް އައި އިރު ވެސް ފުރިހަމަ ނުވެ އޮތް ފެނާއި ނަރުދަމާގެ ނިޒާމުތައް މި ސަރުކާރުން ގާއިމުކޮށްދީ ނިންމަނީއެވެ. އަންނަ އަހަރުގެ ތެރޭގައި މި ރާއްޖޭގައި އެފަދަ ނިޒާމެއް ނެތް ނުވަތަ އެ ފަދަ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ނުދާ ހަމަ އެންމެ ރަށެއް ވެސް ނޯންނާނެއެވެ. އެ މި ސަރުކާރުގެ ވައުދެކެވެ.

ދެން އަންނަ ސަރުކާރެއްގެ މެނިފެސްޓޯގައި ފެނާއި ނަރުދަމާގެ ވާހަކަ ލިޔަންނުޖެއްސުމަކީ މި ސަރުކާރުގެ ވައުދެވެ.

ހަތަރު އަހަރު ތެރޭގައި 520 މަޝްރޫއު، އެކި ދާއިރާތަކުން

އަދަދުތަކުން ކިޔަމާ ހިނގާށެވެ. ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ނިމުނު މަޝްރޫއުތަކަށް ބަލާއިރު އެކި ފަންތީގެ 520 މަޝްރޫއެއް މި ސަރުކާރު ހިންގައި ނިންމައިފިއެވެ. އޭގެ ތެރެއިން ކުޅިވަރާ ބެހޭ ވުޒާރާ މެދުވެރިކޮށް 113 މަޝްރޫއެއް ހިންގާފައިވާ އިރު އިތުރު 101 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށް އެބަދެއެވެ.

އިތުރު 47 މަޝްރޫއެއް ވަނީ ކޮންޓްރެކްޓް އެވޯޑްކޮށްފައެވެ. އޭގެ ތެރޭގައި ދަނޑުތައް ހެދުމާއި ޒުވާނުންގެ މަރުކަޒުތައް ހެދުމާއި މިހެން ގޮސް އެތައް ކަމެކެވެ. ބާރަ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކޮށް ނިންމާފައިވާ އިރު 119 ރަށެއްގައި އަމަލީ މަސައްކަތް ކުރިއަށް އެބަދެއެވެ. ދިހަ ރަށެއްގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާ އިރު މި ސަރުކާރު ނިމޭ އިރު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުނުކުރެވޭ ހަމަ އެންމެ ރަށެއްގެ ވެސް ނުހުންނާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ސިއްހީ ދާއިރާގެ މަޝްރޫއުތައް

ސިއްހީ ދާއިރާ އަށް ބަލާއިރު އިމާރާތްތައް އެޅުން ފަދަ 29 މަޝްރޫއެއް މި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ނިންމާފައިވާ އިރު ސިއްހީ ހިދުމަތްދޭ ތަންތަނުގެ ފެންވަރު ރަނގަޅުކުރުމަށާއި އާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އެޅުން ފަދަ 35 މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަށް އެބަދެއެވެ. ހަ މަޝްރޫއެއް ކޮންޓްރެކްޓަރާ ހަވާލުކުރެވިފައި ވެއެވެ.

ހަކަތައިގެ ޔަގީންކަން

ހަކަތައިގެ ޔަގީންކަން އިތުރުކުރުމަށް ވެސް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް އެބަކުރެއެވެ. އެ ގޮތުން 46 ރަށެއްގައި އާ އިންޖީނުގެ އަޅާފައިވާ އިރު 70 އިންޖީނުގެއެއްގެ މަސައްކަތް އަމަލީ މަސައްކަތް ކުރިއަށް އެބަދެއެވެ. 50 ރަށެއްގެ އިންޖީނު ގޭގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކުރެވިފައިވެއެވެ. އިންޖީނު ގޭގެ އިތުރުން 46 އޮފީސް އިމާރާތް ނިންމާފައިވާ އިރު އިންޖީނު ގޭގެ އޮފީސް އިމާރާތް އެޅުމަށް 70 މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި 50 މަޝްރޫއެއް އެވޯޑްކޮށްފައި ވެއެވެ.

ތައުލީމީ ދާއިރާ ހަރުދަނާކުރުން

ތައުލީމީ ދާއިރާގެ ތަރައްގީ އަށް ބަލާއިރު ސްކޫލްތައް އެޅުމާއި ކްލާސް ރޫމްތައް އިތުރުކުރުމާއި މަލްޓިޕާޕަސް ރޫމްތައް އެޅުން ފަދަ 28 މަޝްރޫއެއް މި ސަރުކާރުން ހަތަރު އަހަރުގެ ތެރޭގައި ނިންމައިފިއެވެ. އަދި 91 މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަށް އެބަދެއެވެ. ސޯޅަ މަޝްރޫއެއް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވެއެވެ. މުޅިން އަލަށް 17 މިސްކިތެއް އަޅާފައިވާ އިރު 14 މިސްކިތެއްގެ އަމަލީ މަސައްކަތް ކުރިއަށް އެބަދެއެވެ.

މަގު ހެދުމުގެ މަޝްރޫއުތައް

މަގު ހެދުމުގެ ފަސް މަޝްރޫއެއް ނިންމާފައިވާ އިރު 21 މަޝްރޫއެއް ކުރިއަށް އެބަދެއެވެ. ހަތަރު މަޝްރޫއެއް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާ އިރު ލަފާފުރުމަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް 46 ރަށެއްގައި މި ހަތަރު އަހަރުގެ ތެރޭގައި ބަންދު ހަދައި ނިންމައިފިއެވެ. އަދި އިތުރު 35 މަޝްރޫއެއް ކުރިއަށް އެބަދެއެވެ. އެގާރަ ރަށެއްގެ ބަނދަރުގެ މަސައްކަތް އޮތީ ފެށުމުގެ މަގުމަތީގައި ކޮންޓްރެކްޓަރާ ހަވާލުކުރެވިފައެވެ.

މި ހިސާބުތަކަށް ބަލާއިރު މީގެ ތެރޭގައި ގިނައީ ރަށްތަކުގެ ތަރައްގީ ނުވަތަ ލާމަރުކަޒީ ތަރައްގީއާ ގުޅިފައިވާ މަޝްރޫއުތަކެވެ.

ބޯހިޔާވަހިކަމުގެ ހައްގު

ބިޔަ މަޝްރޫއުތަކުގެ ވާހަކަ ފަށަމާ ހެއްޔެވެ. ބޯހިޔާވަހިކަން ކަށަވަރުކުރުމަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް އެބަދެއެވެ. އެ ގޮތުން 14،502 ޔުނިޓްގެ އަމަލީ މަސައްކަތް ކުރިއަށްއިރު މީގެ ތެރޭގައި މާލޭ ސަރަހައްދުގައި ކުރިއަށްދާ އެތައް މަޝްރޫއެއް ވެސް ހިމެނެއެވެ. މީގެ އިތުރުން ގޯތި ދޫކުރުމަށް ހުޅުވާލައި ފޯމްތައް ލާފައެވެ. މާލެ ސަރަހައްދުން ހުޅުމާލެއިން 1،000 ގޯތި އަދި ގުޅީފަޅުން 2،000 ގޯތި މި ބުރުގައި އެކަނި ދޫކުރާނެއެވެ.

އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް

ވިލިމާލެ އާއި މާލެ ގުޅުވައިދޭ ބްރިޖްގެ މަސައްކަތް ކުރިއަށް އެބަ ދެއެވެ. އިންޑިއާގެ ސަރުކާރުގެ އެހީ އާއި ރާއްޖޭގެ ބަޖެޓުން އެކު ޖުމްލަ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހޭދަކުރާ މަޝްރޫއުގެ ތަނބުތައް މިހާރު ފެންނަން ފަށައިފިއެވެ. ސަރުކާރުން ބުނެފައި ވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ 26 އަށް އެ ބްރިޖްގައި ދަތުކޮށް ވިލިމާލެ އަށް ދެވޭނެ ކަމަށެވެ. އަދި ޖެހިގެން އަންނަ އަހަރު ތިލަފުއްޓާ ހަމައަށް ދެވޭނެއެވެ. އެއާ އެކުއެކީގައި މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެއެވެ. ބިމުގެ ބޮޑުބައެއް ހިއްކައިފިއެވެ.

އުމްރާނީ ތަރައްގީގެ އިތުރުން މީހުންގެ ދިރިއުޅުން ފަސޭހަކުރުމަށާއި މީހުން ބިނާކުރުން ފަދަ ކަންކަމަށް ވެސް މި ސަރުކާރުން ބޮޑު ހޭދައެއް ކޮށްފިއެވެ. އަދި ކުރަމުން އެބަދެއެވެ. އޭގެ އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫއަކީ މުޅި ރާއްޖެ އާރުޓީއެލްގެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމެވެ. ބައެއް ސަރައްހަދުތަކުގައި ޒަމާނީ ލޯންޗް ފަހަރުގައި އެމްޓީސީސީގެ ފަރާތުން މިހާރު ވަނީ ދަތުރުތައް ވެސް ފަށައިފައެވެ. އެއްގަމު ދަތުރުފަތުރު ހަރުދަނާކުރުމަށް މާލޭގައި މިނީ ބަސް ވަނީ ފަށާފައެވެ. އެކަމުން އެތައް ބަޔަކަށް މިހާރު އަންނަނީ ފައިދާ ލިބެމުންނެވެ.

މީހުން ބިނާ ކުރުމަށްވެސް ބޮޑު ހޭދައެއް

މީހުން ބިނާކުރުމުގެ ރޮނގުން ވެސް މިއިން ޒަމާނަކު ނުކުރާހާ އަދި މުހިންމު ހޭދަތަކެއް ސަރުކާރުން ކޮށްފިއެވެ. އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ރާއްޖޭގެ ކޮންމެ ދަރިވަރަކަށް ހިލޭ ޑިގްރީ ހެދުމުގެ ފުރުސަތު ލިބިފައިވުމެވެ. މި ސަރުކާރުން ފެށި މި ސްކީމްގެ ދަށުން މިހާތަނަށް 15،547 ދަރިވަރުންނަށް ފުރުސަތު ދެވިފައިވެއެވެ.

މީގެ ތެރެއިން 5،000 އަށް ވުރެ ގިނަ ދަރިވަރުން ޑިގްރީ ކޯސް ނިންމައިފިއެވެ. މީގެ އިތުރުން ސްޓޫޑެންޓް ލޯނުގެ ދަށުން މި ސަރުކާރުން 1،986 ދަރިވަރަކަށް ފުރުސަތު ދީފައި ވެއެވެ. އެންމެ ހެޔޮ ބަދަލަކަށް ގެނެސްފައި ވަނީ ކުރިން އެޑްމިނިސްޓްރޭޓިވް ޗާޖްގެ ގޮތުގައި ނަގަމުން އައި ތިން ޕަސެންޓް މި ސަރުކާރުން އެއް ޕަސެންޓަށް ކުޑަކުރުމެވެ. މީގެ އިތުރުން ވެސް ޓީޗަރުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި އެ ނޫން ވެސް ޕްރޮފެޝަނަލް ދާއިރާތަކުން އެތައް ބަޔަކަށް ތަމްރީންގެ ފުރުސަތުތައް ސަރުކާރުން ފަހިކޮށްދީފައިވެއެވެ.

އާންމު ފަރުދުންގެ ދިރިއުޅުމަށް ގެނައި ތަރައްގީގެ ތެރޭގައި ޓީޗަރުންގެ އޮނިގަނޑު ބަދަލުކޮށް މުސާރަ އަށް ގެނެވުނު ހެޔޮ ބަދަލާއި ސާވިސް ޗާޖް ދިނުން މަޖުބޫރުކުރުމާއި އަސާސީ މުސާރަ ކަނޑައެޅުމުގެ ސަބަބުން މުސާރަތަކަށް އައި ބަދަލުތަކަކީ ސަރުކާރުގެ ކާމިޔާބީގެ ލިސްޓްގައި ހިމެނޭ ކަންކަމެވެ. އަދި އެހެން ދާއިރާތަކުގެ މުސާރަތައް ބޮޑުކުރައްވާނެ ކަމަށް ރައީސް ސޯލިހް ވަނީ އިއުލާންކުރައްވާފައެވެ. އޭގެ ތެރޭގައި އެންމެ އަވަހަށް ހެޔޮ ބަދަލެއް ފެނިގެންދާނީ ސިއްހީ ދާއިރާގެ މުވައްޒަފުންނަށެވެ.

މީގެ އިތުރުން އަދުލު އިންސާފު ގާއިމުކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ފާސްކޮށްފައިވާ ގާނޫނުތަކާއި ނޫސްވެރިކަމުގެ މިނިވަންކަމަށްޓަކައި އަބުރުގެ ގާނޫނު އުވާލުމާއި މިހެން ގޮސް އެތައް އެތައް ކަމެއް ކިޔަން އެބަހުއްޓެވެ.

މި ސަރުކާރާ އެ ސަރުކާރުގެ އިގްތިސާދު

މިދިޔަ ސަރުކާރުގެ ފަސް އަހަރު ދުވަހަކީ ފަހުގެ ތާރީހެއްގައި މުޅި ދުނިޔޭގެ އަދި ރާއްޖޭގެ އިގްތިސާދު ވެސް އެންމެ ރަނގަޅު ދުވަސް ވަރެވެ. އެހެންކަމުން ބިޔަ ބޮޑެތި މަޝްރޫއުތަކަށް ފަންޑް ހޯދުމަށް މާބޮޑު ހުރަސްތަކެއް ނެތެވެ. ޖިއޯ ޕޮލިޓިކްސްގެ ތެރެއިން، ދުނިޔޭގެ އެންމެ ހަލުވި އިގްތިސާދު ކަމަށްވާ ޗައިނާ ފަޅި ރައީސް ޔާމީން ނެންގެވުމުން އެ މަގު އޮތީ ކުރިއަށް ވުރެ ވެސް ފަސޭހަކޮށެވެ. ދުނިޔެއާ އެކަހެރިވެގެން ވެސް އެ ސްޓޭންޑް ދެމެހެއްޓެވީ އެ މަގު ކޮށުމަށެވެ. ގަތަރު ފަދަ ވަރުގަދަ އިގްތިސޯދުތަކާ ގުޅުން ކަނޑާލައި އިންޑިއާ އެކަހެރިކުރެއްވިއެވެ.

ރައީސް ޔާމީންގެ ސަރުކާރާ ހިލާފަށް ރައީސް ސޯލިހަށް ވެރިކަމަށް ވަޑައިގެން ރަނގަޅަށް ހަމަޖެހިވަޑައިނުގެންނެވެނީސް ކުރިމަތިވީ މިއިން ޒަމާނަކުން ދުނިޔެ ވެސް ތަޖުރިބާކުރަން ނުޖެހޭ ފަދަ ބަލިމަޑުކަމަކާ އެކު މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސް ބޮޑެތި އިގްތިސާދުތައް ކުޑަކަކޫ މައްޗަށް ޖެހި ބައެއް ގައުމުތަކަށް ބަނގުރޫޓްކޮށްލި ކޮވިޑެވެ.

ދެ އަހަރެއްހާ ދުވަހު މި ސަރުކާރަށް ކުރަންޖެހުނު ކަމަކީ ހިނގަހިނގާ ހުރި ތަރައްގީގެ މަޝްރޫއުތައް ފިޔަވައި އިތުރު އާ މަޝްރޫއެއް ފެއްޓުން ލަސްކޮށް ރައްޔިތުންނަށް ކައިބޮއި އުޅެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމެވެ. ބޯޑަރު ބަންދުކޮށް ޓުއަރިޒަމް ހުއްޓުމަކަށް އައުމުން މުޅި އިގްތިސާދި ހަރަކާތްތައް ހުއްޓުމަކަށް އައެވެ. އެހެން ނަމަވެސް ކުރިން ގުޅުން ކެނޑި އެކަހެރިވެފައި އޮތް ރާއްޖެ އަލުން ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުން ބަދަހިކޮށް ބޭރުގެ އެހީތެރިކަމާއި އެތެރޭގެ ހަރަދުތައް ކުޑަކޮށްގެން ސަރުކާރުން ވަނީ އެ އަޑިގަނޑުން ސަލާމަތްވެފައެވެ. ވިޔަފާރިތައް ދެމެހެއްޓުމަށް ލޯނު ދޫކުރިއެވެ. ވަޒީފާތައް ގެއްލުނު މީހުންނަށް އެހީވިއެވެ. ލޯނުތައް ދައްޖަންޖެހޭ މުއްދަތުތައް އިތުރުކުރިއެވެ.

އެ ކަމުން ހިންދެމި ނުލައި އުޅެނިކޮށް ރަޝިޔާ އިން ޔޫކްރެއިންއާ ދެކޮޅަށް ފެށި ހަނގުރާމަ އާއި ތެލުގެ އަގު އުފުލުމާއި ދުނިޔޭގެ އިންފްލޭޝަން ރޭޓް މައްޗަށް ދިއުމާއި މިހެން ގޮސް އެތައް އެތައް ކަމަކާ ހުރެ މުޅި ދުނިޔެ އިގްތިސާދީ ހީނަރުކަމެއްގެ ތެރެއަށް ވަނީ ވެއްޓިފައެވެ. އެހެން ނަމަވެސް އަވަށްޓެރި ލަންކާ ފަދަ ގައުމުތައް ބަންގްރޫޓްވި ގޮތަށް ރާއްޖެ ބަންގްރޫޓްވިޔަ ނުދީ ސަރުކާރުން ހިފަހައްޓަމުން އެބަ ގެންދެއެވެ.

ޖުމްލަ ގޮތެއްގައި ސަރުކާރުން ހޯދި ކާމިޔާބީތައް މިނެކިރަންޖެހެނީ ހަމައެކަނި އުސް އިމާރާތްތަކާއި ބްރިޖާއި ބަނދަރާއި ނަރުދަމާ ފަދަ ނިޒާމުތަކަށް ބަލައިގެން ނޫނެވެ. ފާއިތުވި ވެރިކަންތަކާ ހިލާފަށް ގައުމު ހަލަބޮލި ނުވެ އަމާން އޮމާން ކަންމަތީގައި ބޭއްވުމަކީ ވެސް ސަރުކާރުން ދެކޭގޮތުގައި ކާމިޔާބީއެކެވެ. ނޫސްވެރިންނާއި ސިޔާސީ ފަރާތްތައް ޖަލަށް ދާން ނުޖެހުމަކީ މި ސަރުކާރުގެ ކާމިޔާބީއެކެވެ.

އިންތިހާބުތަކާއި ޑިމޮކްރަސީ ދެމެހެއްޓުމަށް ކުރެވޭ މަސައްކަތާއި ސަރުކާރު ޖަވާބުދާރީކުރުވުމުގައި ސަރުކާރަށް ނިސްބަވްވާ މެންބަރުންގެ ފަރާތުން ދައްކަމުން އަންނަ މިސާލަކީ ވެސް ފާހަނގަކުރެއެވެ. ޑްރަގް ވިޔަފާރިއާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ދުވަހަކުވެސް އަތުލައިނުގަނެވޭ މިންވަރަށް ޑްރަގް ވަނީ އަތުލައިގެންފައެވެ.

ކޮންމެ ސަރުކާރެއްގައިވެސް ފަސާދައާއި ވައްކަމަކީ އާންމުކަމެކެވެ. މިފަދަ ކަންކަން މިސަރުކާރުގައިވެސް ހުއްޓުމެއްނެތި ކުރިއަށްދެއެވެ. ކޮވިޑްގެ ތެރޭގައި ހިނގާދިޔަ ވެންޓިލޭޓަރ ވައްކަމާއި އަދި ގެއްލި މަރުވެފައިވާ ފަރާތްތަކަށް އިންސާފު ލިބުމާއި އަދިވެސް އެހެނިހެން ނުތާހިރުކަންކަން މިސަރުކާރުވެސް އެބަހުއްޓެވެ. ސަރުކާރަށް ޖުމްލަކޮށް ކަމެއްވިތޯ ނިންމާނީ ރައްޔިތުންނެވެ. ރިޔާސީ އިންތިހާބަށް އޮތީ މަދު ދުވަސްތަކެކެވެ. ސަރުކާރަށް ކަމެއް ކުރެވެނުތޯ އޭރުން އެނގިދާނެއެވެ

ރިއެކްޝަންސް
2
0
0
1
1
1
0