ތާރީހުގެ ތެރެއިން: ވެރިކަންކުރާ އެމް.ޑީ.ޕީ ޕާޓީ އުފެދިގެން އައި ގޮތް

23 ނޮވެމްބަރ 2022 - 15:51

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އަކީ އެންމެ ފުރަތަމަ ރާއްޖޭގައި ރަޖިސްޓްރީކުރި ސިޔާސީ ޕާޓީއެވެ. 2003 ވަނަ އަހަރު ކޮލޮމްބޯގައި ތިބެ މުހައްމަދު ނަޝީދު (އަންނި) އާއި ގާތް މީހުން ފެށި ސިޔާސީ ހަރަކާތް ރަސްމީކޮށް ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވަނީ 2005 ވަނަ އަހަރުގައެވެ. 2003 އިން ފެށިގެން އެ ހަރަކާތުން އައީ މާލޭގައި އެއްވުންތަކާއި މުޒާހަރާތައް ބާއްވަމުންނެވެ. އޭރުގެ ރައީސުލްޖުމުހޫރިއްޔާ މައުމޫނު އަބްދުލްގައްޔޫމު އައީ އެފަދަ އެއްވުންތަކާއި މުޒާހަރާތަކުގެ ބައިވެރިން ޖަލަށް ލަމުންނެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި ވެސް ގާތް މީހުންނަށް ރާއްޖޭގެ ރަށްތައް ދިނުމާއި އެހެނިހެން ވިޔަފާރި ފުރުސަތުތައް އައީ ދެމުންނެވެ. އެކަންކަމާއި ދެކޮޅުވެރިވި އެހެން ވިޔަފާރިވެރިން އެމްޑީޕީގެ ހަރަކާތާއި ގުޅުނެވެ. އެގޮތުން ގާސިމް އިބްރާހީމާއި ޗަމްޕާ ބްރަދާސް އަދި އެފަދަ އެހެން ވިޔަފާރިވެރިންވެސް އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކަށް ފައިސާ ހަރަދުކުރިއެވެ.

advertisement

ރިލްވާން އާއި ޔާމީން ރަޝީދުގެ މަރުގެ ވާހަކަތައް ދައްކާ ބީދައިން އޭރު އެމްޑީޕީ އިން އެންމެ ބޮޑަށް ދައްކާފައިވާ އެއް ވާހަކަ އަކީ 2003 ވަނަ އަހަރު އުމޫނުގެ ސިފައިން ޖަލުގައި އަނިޔާކޮށް މަރާލި އީވާން ނަސީމުގެ އާއިލާއަށް އިންސާފު ހޯދުމުގެ ވާހަކައެވެ. ދެން ދައްކާފައިވަނީ ބަސްބުނުމާއި އެއްވެއުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދާ ވާހަކައާއި ރާއްޖެތެރޭ ރައްޔިތުން ރަށް ބަންދުން ވީއްލެން ޖެހޭ ވާހަކައެވެ. އެވާހަކަތަކަށް ގިނަ ރައްޔިތުން ތާއީދުކުރިއެވެ. 2008 ގެ އިންތިހާބު ގާތްވަމުން އައިވަރަކަށް އެމްޑީޕީގެ މަސައްކަތްތައް ވަރުގަދަކޮށް މުޒާހަރާތަކާއި އެއްވުންތައް އައީ ގިނަވަމުންނެވެ. ރައްޔިތުން ތިބީ މައުމޫނުގެ ދިގު ތިރީސް އަހަރުގެ ޑިކްޓޭޓާޝިޕް ބަދަލުކުރުމަށް ކެތްމަދުވެފައެވެ.

އެމްޑީޕީ އިން އައީ ރައްޔިތުންނަށް އެތަކެއް ވައުދުތަކެއް ވަމުންނެވެ. އެޕާޓީގެ ރަސްމީ ވެބްސައިޓްގައިވާ ގޮތުން “އެމްޑީޕީގެ ސަރުކާރު އިންތިޚާބުކުރެވުނީ އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލުމާއި، މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުމާއި، ދިރިއުޅުމުގެ އަގު ތިރިކުރުމާއި، ދިވެހިރާއްޖެ ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމުގެ ވަޢުދާއެކުގައެވެ.” 2008 ގެ އިންތިހާބަކީ، ކޮންމެ ފަސް އަހަރުން އެއް ފަހަރު މައުމޫނަށް ފެންނަ ނުފެންނަ ވޯޓުލަމުން އައި ރާއްޖޭގެ ތާރީހުގައި ބޭއްވި ފުރަތަމަ ޑިމޮކްރަޓިކް އިންތިހާބެވެ.

އިންތިހާބުގައި ވާދަކުރީ އޭރުގެ ރައީސް، ރައީސް މައުމޫނު އަބްދުލްގައްޔޫމް، އޭރުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު، ޖުމުހޫރީ ޕާޓީގެ ފަރާތުން ގާސިމް އިބްރާހިމް އަދި ދިވެހި ގައުމީ ޕާޓީ އިން ހަސަން ސައީދެވެ. ފުރަތަމަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ 24 އިންސައްތަ ވޯޓެވެ. އެންމެ ގިނަ ވޯޓު ލިބުނީ މައުމޫނަށެވެ.

ނަމަވެސް އިންތިހާބުކުރެވޭ މިންވަރަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން ދެން ދިޔައީ ދެވަނަ ބުރަކަށެވެ. އެބުރުގައި މައުމޫނާއި ދެކޮޅަށް ހުރިހާ އެހެން ޕާޓީތަކުން އެކުވެ ކޯލިޝަން ހެދިއެވެ. 52 އިންސައްތަ ވޯޓުން އިންތިހާބު ކާމިޔާބުކުރީ މުހައްމަދު ނަޝީދެވެ. އެމްޑީޕީގެ ވެރިކަން 2012 ވަނަ އަހަރު ބަގާވާތަކުން ފުރޮޅުމަށްފަހު އަލުން ވެރިކަމަށް އައީ 2018 ވަނަ އަހަރުގައެވެ. 2008 ވަނަ އަހަރުގެ ކެމްޕެއިން އާއި ހަމައިން ޕާޓީތެރެއަށް ފައިސާގެ ނުފޫޒުވަދެ، ކެމްޕެއިންތަކަށް ފައިސާ ހަރަދުކުރުމުގެ ގާބިލުކަން ހުރި ވިޔަފާރިވެރިން ވަނީ އެމްޑީޕީއާއި ގުޅިފައެވެ. އުމުރުން 17 އަހަރު ވެ މިހިސާބަށް ސިޔާސީ ކަންކަން އައި އިރު، މިވަގުތު އެމްޑީޕީ އޮތީ ބައިބައިވެ ދެ ފެކްޝަނަކަށް ބެހިފައެވެ.

ރިއެކްޝަންސް
0
1
0
0
0
0
0