ޗައިނާގެ ކޮވިޑް ޕޮލިސީތަކާއި ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ އަސަރާ ބެހޭ ރިޕޯޓެއް ޝާއިރުކޮށްފި 

27 ނޮވެމްބަރ 2022 - 13:22

ފާއިތުވި ދެ އަހަރު ތެރޭގައި ބައިނަލްއަޤްވާމީ މަޝްރަހުގައި ހިނގާފައިވާ ބޮޑެތި ކަންތައްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ކޮށްފައިވާ އަސަރަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ ރިޕޯޓެއް މިއަދު ޝާއިރުކޮށްފިއެވެ. 

ދިވެހިރާއްޖޭގެ އައު ތިންކް ޓޭންކެއް ކަމުގައިވާ ބާނި ސެންޓަރ ފޮރ އިންޓަނޭޝަނަލް ޕޮލިސީއިން ނެރުނު “އިމްޕެކްޓް އޮފް ނޮން-އެރައިވަލް އޮފް ޗައިނީސް ޓުއަރިސްޓްސް ޓު ދަ މޯލްޑިވްސް” ގައި ވަނީ ކޮވިޑް-19 ގެ ސަބަބުން ޗައިނާގެ ބޯޑަރުތައް ބަންދުކުރުމާއި ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ކުރި ނޭދެވޭ އަސަރަށް ހާއްސަ ސަމާލުކަމެއް ދީފައެވެ. 

advertisement

ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން، ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިންނެވެ. މިގޮތުން 2019 ވަނަ އަހަރު ދިވެހިރާއްޖެއަށް ޗައިނާއިން 284,000 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން ޗައިނާގެ ބޯޑަރުތައް ބަންދުކުރުމުން 2020 ވަނަ އަހަރު ޗައިނާއިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރީ އެންމެ 34,000 ފަތުރުވެރިންނެވެ. ބަލިމަޑުކަން ފެށުނުފަހުން ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު 2020 ގެ ކުރިން އައި އަދަދުތަކާ ގާތެއް ނުކުރެއެވެ. 

ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުން ފަތުރުވެރިން އިންތިހާއަށް މަދުވުމާއި ކޮވިޑް ބަލިމަޑުކަމުގެ ދަތިތަކާއެކުވެސް ދިވެހި ފަތުރުވެރިކަން ވަނީ ހައިރާންކުރުވަނިވި ދުވެއްޔެއްގައި ރުޖޫއަވެފައެވެ. ދިވެހިރާއްޖޭގެ ބޯޑަރުތައް އަވަސް ގޮތެއްގައި ޖުލައި 2020 ގައި ހުޅުވާލުންފަދަ ސަރުކާރުގެ ސިޔާސަތުތަކާއި، ފަތުރުވެރިކަމުގެ ސިނާއަތުން އައު މާކެޓްތައް ހޯދުމުގެ ސަބަބުން 2021 ވަނަ އަހަރު ދިވެހިރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއެވެ. މިއީ 2017 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާ ގާތްކުރާ އަދަދެކެވެ. 

މިގޮތުން ފާހަގަކޮށްލެވޭ ސިޔާސަތެއްގެ ގޮތުގައި ދިވެހިރާއްޖެއާ އިންޑިއާއި ދެމެދު ހެދުނު މޯލްޑިވްސް-އިންޑިއާ ޓްރެވަލް ބަބަލް ހިމެނެއެވެ. މި ސިޔާސަތާއި ގުޅިގެން ދިވެހިރާއްޖެއަށް ޒިޔާރަތްކުރި އިންޑިއާ ފަތުރުވެރިންގެ އަދަދު އެތައް ގުނައަކުން އިތުރުވެގެންދިޔައެވެ.  މީގެ ތެރެއިން ގިނަ ފަތުރުވެރިން ރާއްޖެ އައީ އެކުވެރި ޢަރަބި އިމާރާތަށް ދަތުރުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަރަންޓީން ފުރިހަމަ ކުރުމުގެ ގޮތުންނެވެ. މި ޓްރެވަލް ބަބަލްގެ ސަބަބުން 2021 ގައި 291,000 އިންޑިއާ ފަތުރުވެރިން ޒިޔާރާތްކޮށް ފަތުރުވެރިކަމުގެ އެންމެ ބޮޑު މާކެޓަށް އިންޑިއާ ވެގެންދިޔައެވެ. 

މީގެ އިތުރުން ރަޝިއާ މާކެޓް 220,000 ފަތުރުވެރިންނާއެކު 2021 ވަނަ އަހަރު ވަނީ ފުޅާވެފައެވެ. އަދި ޔޫކްރެއިންފަދަ އިރުމަތީ ޔޫރަޕުގެ ޤައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދުވެސް 2021 ގައި ވަނީ އިތުރުވެފައެވެ.

ފަތުރުވެރިކަމާއި ޗައިނާގެ ހާރިޖީ ސިޔާސަތު 

ޗައިނާއިން ވަނީ އެކި ފަހަރު މަތިން އެ ޤައުމުން ކުރިއަރުވަން ބޭނުންވާ ހާރިޖީ އަދި ސިޔާސީ މަޤްޞަދުތައް ހާސިލްކުރުމަށް ބޭނުންކުރާ އުކުޅެއްގެ ގޮތުގައި އެ ޤައުމުން އެހެން ޤައުމުތަކަށް ދާ ފަތުރުވެރިކަން ހުއްޓުވާފައެވެ. މިގޮތުން، ބަލިމަޑުކަމުގެ ކުރިން ޗައިނާއިން ވަނީ 2014 ގައި ފިލިޕީންސް، 2017 ގައި ދެކުނު ކޮރެއާ  އަދި 2019 ގައި ޓައިވާން އަށް ޗައިނާގެ ފަތުރުވެރިން ދިޔުން ހުއްޓުވާފައެވެ. މީގެ އިތުރުން 2021 ވަނަ އަހަރު ޗައިނާއިން ވަނީ އޮސްޓްރޭލިއާއަށް ދާ ފަތުރުވެރިން ހުއްޓުވާނެ ކަމުގެ އިންޒާރުދީފައެވެ. 

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ޗައިނާއިން ވަނީ ދެ ފަހަރެއްގެ މަތިން، ރައީސް ނަޝީދުގެ ވެރިކަމުގައި، އެ ޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން ކޮންޓްރޯލް ކޮށްފާނެ ކަމުގެ ނުސީދާ އިންޒާރު ރާއްޖޭގެ ހާރިޖީ ފަރާތްކަށް ދީފައެވެ. މިކަން ހިނގާފައިވަނީ  ޤުއަންޓަނާމޯ ބޭގައި ތިބި އޮއިގަރ މުސްލިމުން ދިވެހިރާއްޖޭގައި ވަޒަންވަރިވުމުގެ ފުރުޞަތު އޮތްކަން ހާމަކުރުމާއި ގުޅިގެންނާއި، ކޯޕަންހޭގަންގައި ބޭއްވުނު ކޮޕް15 މޫސުމީ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ޗައިނާއަށް ފާޑުކިޔުމާ ގުޅިގެންނެވެ. މި ދެ ފަހަރުވެސް، ޗައިނާއިން ވަނީ އެ ޤައުމުގައި ތިބި ރާއްޖޭގެ ޑިޕްލޮމެޓުން ޗައިނާގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ފާހަގަކޮށްފައެވެ. ދިވެހިރާއްޖޭގެ ހާރިޖީ ފަރާތްތަކުން މިކަން ބަލައިގަތީ ޗައިނާއިން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިން ހުއްޓުވާލަފާނެ ކަމުގެ ނުސީދާ އިންޒާރެއްގެ ގޮތުގައެވެ.  

ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ އަޞަރު

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ރަޝިއާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގެ ނޭދެވޭ އަސަރު ކޮށްފައެވެ. މިގޮތުން، 2021 ވަނަ އަހަރު ޗައިނާ މާކެޓް ދަށްވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބައްދައިދިން ދެ މާކެޓްކަމުގައިވާ، ރަޝިއާ އަދި ޔޫކްރެއިންއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2022  ގެ ފުރުތަމަ ދެ ކުއާޓަރގައި ވަނީ ދަށަށް ގޮސްފައެވެ.  ނަމަވެސް ރަޝިއާއިން އަންނަ ފަތުރުވެރިންގެ އަދަދު މިހާރު ދަނީ އިތުރުވަމުންނެވެ. 

ބައިނަލްއަޤްވާމީ މައިދާނުގައި ހިނގަމުންދާ ކަންކަމުން ކުރާ ނޭދެވޭ އަޞަރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރި ނަމަވެސް، އެ ކަންކަމުން އަރައިގަންނަ ބާރުމިން އަވަސްކަމުގައި މި ރިޕޯޓުގައި ފާހަގަކުރެވެއެވެ. މީގެ ސަބަބެއްކަމުގައި ސަރުކާރުން އަވަސްގޮތެއްގައި އެކަށީގެންވާ ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުން ހިމެނޭ ކަމަށް ރިޕޯޓުގައި ފާހަގަކުރެއެވެ.

ރިއެކްޝަންސް
0
0
1
0
0
0
0