ޖަލަށް މަނާތަކެތި ވަންނަ މައްސަލަތަކުގައި މަދު އޮފިސަރުންގެ ބައިވެރިވުން އޮވޭ: ކޮމިޝަނަރ

28 ނޮވެމްބަރ 2022 - 14:27

ޖަލަށް މަނާތަކެތި ވަންނަ މައްސަލައަކީ އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި، މިކަން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން މިކަމުގައި މަދު އޮފިސަރުންގެ ބައިވެރިވުން އޮންނަކަން ފާހަގަ ކުރެވުމުން އަންނަ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވިއެވެ.

އޭނާ މިހެން ބުނެފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ މާފުށީ ޖަލުގެ 24 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި އެވެ.

advertisement

ކޮމިޝަނަރގެ އިތުރުން މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، މާފުށީ ޖަލުގެ ޑައިރެކްޓަރ، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާދުﷲ އާއި ކޮމިޝަންޑް އޮފިސަރުންނާއި މާފުށީ ޖަލުގެ ގިނަ ޢަދަދެއްގެ އޮފިސަރުން ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ވޭތުވެދިޔަ އަހަރު ހާޟިރީއަށާއި އެހެނިހެން ރޮނގުތަކުން ފާހަގަކޮށްލެވޭ އޮފިސަރުންނަށާއި މުވައްޒަފުންނަށް ހަނދާނީ ފިލާ އާއި ލިޔުން ވަނީ ހަވާލުކޮށްފައެވެ. އަދި މާފުށީ ޖަލުގެ ޑިއުޓީ އަދާކުރަނިކޮށް ނިޔާވި ޕްރިޒަން ޕްރައިވެޓް އާދަމް ނައުޝާދުގެ ހަނދާނުގައި ސުކޫތެއް މި ރަސްމިއްޔާތުގައި ވަނީ ގެނެސްފައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު، މާފުށީ ޖަލުގެ 24 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެ ޖަލުގެ ސީނިއާ މެނޭޖްމަންޓަށާއި އޮފިސަރުންނާއި މުވައްޒަފުންނަށް އަރިސްކުރެއްވިއެވެ.

ޕްރިޒަން ސަރވިސްގެ އެންމެ ބޮޑު އަމާޒަކީ ޖަލަށް ގެނެވޭ ފަރާތްތަކަށް ހައްޤުވާ އަސާސީ ޚިދުމަތްތައް އެންމެ ރަނގަޅުގޮތުގައި ފޯރުކޮށްދިނުމާއި އެ ފަރާތްތައް ރިހެބިލިޓޭޓްކޮށް މުޖްތަމަޢުއަށް ހެޔޮ ފަރުދުންގެ ގޮތުގައި ނެރުމަށް މަސައްކަތްކުރުން ކަމުގައި އާއި މި މަސައްކަތަކީ ބުރަބޮޑު އެކަމަކު ޤައުމަށް މުހިއްމު މަސައްކަތެއް ކަމަށް ސީޕީ ފާހަގަކުރެއްވިއެވެ.

ވޭތުވެދިޔަ އަހަރަށް ބަލާއިރު، މާފުށި ޖަލުގައި ކުރެވުނު ބޮޑެތި ކަންތައްތަކުގެ ތެރޭގައި ޤައިދީން ރިހެބިލިޓޭޓްކުރުމަށް ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ހިންގުމާއި ޤައިދީންނާއި ބަންދުމީހުންނަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މެޑިކަލް ސެންޓަރެއް ޤާއިމްކުރުމާއި އޮންލައިން ސްޕެޝަލިސްޓް ޑޮކްޓަރ ކޮންސަލްޓޭޝަން ފޯރުކޮށްދޭން ފެށުނުކަން ފާހަގަކުރެއްވިއެވެ.

އަދި އެކި ކުށްތައް ކުރާ މީހުން ވަކިކުރުމުގެ ގޮތުން 100 މީހުންގެ ޖާގަ ހުރި ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް ޤާއިމްކޮށް އެ ޔުނިޓަށް މީހުން ބަދަލުކުރުމުގެ މަސައްކަތްފެށުނު ކަމަށް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

އަދި ކޯވިޑް-19 ގެ ބަލިމަޑުކަމުގައި ދިމާވި އެކި ދަތިތަކާއެކުވެސް އޮފިސަރުން ވީ ގުރްބާނީ އާއި ކުރި ހިވާގި މަސައްކަތްތަކުގެ އަގު ވަޒަންކުރައްވަމުން ކޮމިޝަނަރ އިލްތިމާސްކުރެއްވީ ތާރީޚުން އިބުރަތް ހާޞިލްކޮށް، ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރުމަށެވެ.

މާފުށީ ޖަލުގައި މިވަގުތުހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރ ވިދާޅުވީ އޮފިސަރުންގެ ބެރެކްސް އަންނަ އަހަރު ތަރައްޤީކުރެވޭނެ ކަމަށާއި މާފުށީ ޖަލުގައި 18 ގޮޅީގެ ޔުނިޓަކާއި 50 ގޮޅީގެ ޔުނިޓެއް ޤާއިމުކުރެވޭނެ ކަމަށެވެ.

އަދި މިފަދަ ކަންކަން ނުކުރުމަށާއި މިފަދަ މައްސަލަތައް ބެއްލެވުމުގައި ގެންގުޅުއްވަނީ ޒީރޯ ޓޮލެރަންސް ޕޮލިސީއެއް ކަމަށާއި އެއްވެސް މުވައްޒަފެއްގެ ބައިވެރިވުމެއް އޮތްކަން އެގިއްޖެނަމަ، ހަރުކަށި ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ސީޕީގެ ވާހަކަފުޅު ނިންމަވާލައްވަމުން މާފުށީ ޖަލުގެ ޑިރެކްޓަރ، ޑޭޕިއުޓީ ޑިރެކްޓަރ، ސީނިއަރ މެނޭޖްމަންޓާއި އެންމެހާ މުވައްޒަފުންނަށް އެ ފަރާތްތައް ކުރައްވަމުންގެންދަވާ މިންނެތް މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0