ނުކުޅަދާނަ ވަރުގެ ކަންކަން މީހުންގެ ކިބައިން އުއްމީދުކުރުމުން މީހުންގެ ޑިޕެރަޝަން އާއި އެންޒައިޓީ ބޮޑުވޭ

20 ޑިސެމްބަރ 2022 - 11:06

މުޖުތަމައުގެ ފަރާތުން ކޮންމެ މީހެއްގެ ކިބައިންވެސް ދެކެން ބޭނުންވާ ސިފަތަކަކާއި ކަންތައްތަކެއް ވެއެވެ. މިސާލަކަށް، ސްކޫލުކުދިން ކޮންމެވެސް ކުޅިވަރަކަށް މޮޅުވުން، އޭސްޓާ ހޯދުން، ކްލާހުން އެއްވަނަ ހޯދުން އަދި ބޮޑުވެގެން ވާންބޭނުން މީހާއަށް ވުމަށްޓަކައި ރެއާއިދުވާލު އެކުދިން މަސައްކަތްކުރުން މިއީ ޖުމުލަކޮށް މުޖުތަމައު އަދި ވަކިވަކި އާއިލާތަކުން ވެސް ކުޑަކުދިންގެ ކިބައިން ކުރާ އުއްމީދުތަކެވެ.

ނަމަވެސް މިއީ ގޯހެކެވެ. ސަބަބަކީ، އެއްޖީލުން އަނެއް ޖީލަށް ދެމިގެން އައިސްފައިމިވާ މުސްކުޅި ފިކުރުތަކަކީ ހަގީގަތުގައި ކުދިންނަށް އެކަމުން ނަފްސާނީ ގެއްލުން ކުރިމަތިވާ ކަމެއް ކަމެވެ. މިކަމުގެ ސަބަބުން ކުޑައިރު ޕްރެޝަރަށް ވެއްޓި ހާސްވެ ނަފްސާނީގޮތުން ކުދިން ބަލިވާން ފަށައެވެ.

advertisement

ކުދިން ކުޑައިރު އެކުދިން ވިސްނަންޖެހޭނީ ދާނެ ޔުނިވާސިޓީ އަކާއި އަދާ ކުރާނެ ވަޒީފާ ސެޓު ކުރާކަށް ނޫނެވެ. އަމިއްލަ ނަފްސު ދަސްކުރުމާއި، ކުޅުމާއި، މީހާގެ ޖަޒުބާތުތައް ރެގިއުލޭޓްކޮށް މެނޭޖް ކުރުން ފަދަ ކަންކަމަކީ ކުޑައިރު ކުދިންނަށް ކިޔައިދީ ދަސްކޮށްދޭން ޖެހޭ ކަންކަމެވެ.

މުޖުތަމައު ގަބޫލުކުރާ ތަރުތީބުން ހުރިހާ ކަމެއް ކުރާކަށް ނުޖެހޭނެ

ކައިވެނީގެ އަމާޒަކީ މަރުވަންދެން އެކީގައި އުޅުން ކަމުގައި މުޖުތަމައު އިން ދެކުމުގެ ސަބަބުން އަނިޔާވެރި ހިތާމަވެރި ކައިވެނިތައް ރޫޅާލުމަށް މީހުންނަށް އުނދަގޫވެއެވެ. ސޮސައިޓަލް މައިލްސްޓޯންސް ނުވަތަ މުޖުތަމައު ގަބޫލުކުރާ ތަރުތީބަކީ ކިޔަވައިގެން، ވަޒީފާ ހޯދައިގެން، މީހަކާއި އިނދެ ދަރިން ހޯދުމެވެ. މީހާ އެކަމަށް ތައްޔާރުތޯ ބެލުމެއް ނޯވެއެވެ. އާއިލާ މީހުން ހިތްހަމަ ޖައްސަން މިފަދައިން ހަޔާތް ބައްޓަންކުރަން ޖެހުނީމާ، ތިމާ ބޭނުން ނޫން ގޮތަކަށް ހަޔާތް ވޭތުކުރަން މަޖުބޫރުވުމުން ދެން ނިކުންނަ މައްސަލަތައް ވަރަށް ގިނައެވެ.

“ރަނގަޅު” މީހަކީ ކޮބައިކަން މުޖުތަމައުއިން ކަނޑައަޅާފައިވާ މިންގަނޑުން ތިމާވެސް ބަލަން ބޭނުންވެއެވެ. ނަމަވެސް، ގަބޫލުކުރަން ޖެހޭ ކަމަކީ ކިޔަވާނެ އެއްޗެއް، އަދި ދާނެ ވަޒީފާއެއް އަދި މީހަކާއި އިނުމާއި ދަރިން ހޯދުން ފަދަ ޒާތީ ކަންކަމަކީ ތިމާގެ އަމިއްލަ ވަގުތުގައި އަމިއްލައަށް ބޭނުންވީމާ ކުރަން ޖެހޭ ކަމެއް ކަމެވެ.

މިކަންކަމަށް ޕްރެޝަރު ކުރާމީހާ ތިމާގެ ކުދިން ބަލައި ދިނުމަށް ނާންނާނެއެވެ. ތިމާގެ ވަޒީފާގެ ބުރަކަން ފިލުވައި ދިނުމަށް ނާންނާނެއެވެ. ބުރަމަސައްކަތް ކޮށްކޮށް ތެޅިތެޅި އުޅުމަކީ ނޯމަލް ކަމަކަށް މުޖުތަމައުއިން ވިސްނައި ދިނަސްވެސް، އެއީ އެކަން އޮންނަން ޖެހޭ ގޮތެއް ނޫނެވެ. ތިމާގެ ހަޔާތުގައި ދިމާވާ ކަންކަމުގެ ޒިންމާ ނަގައި، އެކަންކަމާއި ކުރިމަތިލާން ޖެހޭނެ މީހަކީ ތިމާ ކަމުން، ތިމާގެ ހަޔާތުގެ ކަންކަން ނިންމަންވެސް ވާނީ ތިމާގެ އަމިއްލަ ޒަމީރު އެކަމަކަށް އެދުނީމައެވެ.

މުޖުތަމައާއި އާއިލާއިން ކުރާ ޕްރެޝަރުގެ ސަބަބުން، އަދި “ރަނގަޅު” މީހުންނަކީ މުޖުތަމައު އިން ދައްކާ މަގަކުން ހިނގަން ޖެހޭ ބައެއް ކަމަށް ދެކި، އެނޫން ގޮތަކަށް ކަންކަން ކޮށްފި ނަމަ ތިމާ އަކީ “ގޯސް / ވިޔާނުދާ” މީހަކަށް ވެދާނެ ކަމުގެ ބިރަށް ކަންކަން ނުނިންމާށެވެ.

25 އަހަރު ވާއިރު ކޮލެޖަށް ވަދެވުނަސް އޯކޭ ވާނެއެވެ. ކޮންމެހެން އޭލެވެލް އަށް ފަހު ވަގުތުން ކޮލެޖަށް ދިޔުން މުހިންމެއް ނޫނެވެ. 30 އަހަރުވާއިރު ކައިވެނި ނުކޮށް ހުރުން ހަމަ އޯކޭ އެވެ. ކައިވެންޏަކީ އެއާއި އެކު ޒިންމާތަކަކާއި ބަދަލުތަކެއް ހަޔާތަށް ގެނުވާ ކަމެކެވެ. އެކަން ކުރާނީ ތިމާ އެކަމަށް ރެޑީވީމައެވެ. މުޖުތަމައު އިން ބުނީތީވެއެއް ނޫނެވެ.

ކުއްޖަކު ނުހޯދުން އެއީ މައްސަލައެއް ނޫނެވެ. ކުދިން ހޯދާނީ އެކަމަށް ބޭނުންވެ ތައްޔާރުވީމައެވެ. ބޭނުން ނުވާނަމަ ނުހޯދުމަކީ އެންމެ ރަނގަޅުގޮތެވެ. ތިމާ އަށް އެންމެ ރަނގަޅު ގޮތް އެނގޭނީ ތިމާއަށެވެ. އެހެން މީހުންނަކަށް ނޫނެވެ.

ރިއެކްޝަންސް
0
1
0
3
0
0
0