ހުޅުމާލެ ފޭސް 1 ގެ އެކި ސަރަހައްދުގައި 491 ވީލްޗެއަރ ރޭމްޕް އިންސްޓޯލްކުރަނީ

21 ޑިސެމްބަރ 2022 - 12:13

ވީލްޗެއަރ ބޭނުންކުރާ ފަރާތްތަކަށް ހުރި ދަތިތައް ހައްލުކޮށްދިނުމަށް އެކި ސަރަހައްދުތަކުގައި ރޭމްޕްތައް ޤާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް އެޗްޑީސީން މައުލޫމާތުދީފި އެވެ.

ހުޅުމާލެ ފޭސް 1 ގައިވެސް ގިނަ ބަޔަކު ދިރިއުޅެމުންދާއިރު، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް މަގުމަތީގައި ހިނގާބިގާވެ އުޅުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެޗްޑީސީގެ ފަރާތުން ފޭސް 1ގެ އެކި ސަރަހައްދުތަކުގައި 491 ވީލްޗެއަރ ރޭމްޕް ވަނީ ގާއިމުކުރެވިފައެވެ.

advertisement

މީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެންމެ ގިނަ އަދަދަކަށް މީހުން ދިރިއުޅޭ ހިޔާ ފުލެޓުގައިވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުން ގިނައެވެ. ހުޅުމާލެ ފޭސް 2ގެ ހިޔާ ފުލޭޓުގައި ވީލްޗެއަރ ރޭމްޕް ގާއިމްކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުންދާއިރު މިހާރު މި މަސައްކަތް ވަނީ އެއްކޮށް ނިންމާލެވިފައެވެ. މިގޮތުން ކޮންމެ ޓަވަރަކު، އެ ޓަވަރަކުން ބޭރަށް ނުކުތުމަށް ހާއްސަކޮށް ރޭމްޕް ވަނީ ގާއިމްކުރެވިފައެވެ.

ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި ވީލްޗެއަރ ރޭމްޕް ގާއިމުކުރުމުގެ ސަބަބުން ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް އެހެންމީހެއްގެ އެހީއާއި ނުލައިވެސް ބޭނުންވާ ކަންކަން އުނދަގުލެއްނެތި ކޮށްލެވޭނެއެވެ.

މިކަމުގެ ސަބަބުން އެ ފަރާތްތަކަށްވެސް ލިބޭ ހިތްހަމަޖެހުން ވަރަށް ބޮޑެވެ. ނުކުޅުންތެރިކަން ހުންނަ ފަރާތްތަކަށް އެ ފަރާތްތަކުގެ ހައްގު ކަށަވަރުކޮށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ ވަރަށް މުހިއްމުކަމެކެވެ. އެގޮތުން، މި ކޯޕަރޭޝަނުން އަބަދުވެސް މި ފަރާތްތައް ބޭނުންވާ ކަންކަން ފޯރުކޮށްދިނުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އަދި މިހާރު ހުޅުމާލޭގެ އެކި ސަރަހައްދުތަކާއި ހިޔާ ފުލެޓުގެ ބީޗުގައިވެސް ވީލްޗެއަރ ރޭމްޕް ޤާއިމު ކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ.  

ރިއެކްޝަންސް
0
0
0
0
0
0
0