ރ. އިނގުރައިދޫ ނެރުގައި ބޭރުތޮށި ލުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފި

22 ޑިސެމްބަރ 2022 - 11:15

ރ. އިނގުރައިދޫ ނެރުގައި ބޭރުތޮށި ލުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ އަލްފާޟިލް ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ. ރާ އަތޮޅު އިނގުރައިދޫއަކީ ގާތްގަނޑަކަށް 2082 މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. ރަށުގެ މީހުންނަކީ މަސްވެރިކަންކުރާ އަދި ވަޑާމުގެ މަސައްކަތް ތަކުގައިވެސް މަސްޢޫލުވެ އުޅޭ ބައެކެވެ. އިނގުރައިދޫގެ ނެރުގައި މިހާރު ލާފާއޮތް ބޭރުތޮށީގެ ސަބަބުން ކަނޑުގަދަ ދުވަސްވަރު އުޅަނދުފަހަރު ވަންނަން މަސައްކަތް ކުރާ ވަގުތު ފަޅުތެރޭގައި ރާޅުބޮޑުވާ ގޮތްވެ އުނދަގޫތައް ދިމާވެއެވެ. މިއަދު ސޮއިކުރެވޭ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު މި މައްސަލަ ހައްލުވެގެން ދާނެއެވެ. މި މަޝްރޫޢުގެ ދަށުން، 50.6744 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 145 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 150 މީޓަރުގެ ސަރަޙައްދެއްގައި މިހާރު ހުރި ބޭރުތޮށި ރީޕްރޮފައިލް ކުރުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މަޝްރޫޢުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓެއް ހެދުމަށް ފަހުއެވެ. މި މަޝްރޫޢަކީ 18.17 މިލިއަން ރުފިޔާއަށް 180 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫޢެކެވެ. ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

advertisement
ރިއެކްޝަންސް
0
0
0
0
0
0
0