ރިފޯޓް: އާއިލާ ކައިރިން މިނިވަން ވާން ކިރިޔާ 18 އަހަރު ފުރޭއިރަށް ކައިވެނި ކުރަން ކެތްމަދުވެފައި އެތަކެއް ކުދިންނެއް

24 ޑިސެމްބަރ 2022 - 16:18

ފޭސްބުކް އިން ފެނުނު ޗެޓް ލޮގްތަކެކެވެ. އެ ސްކްރީންޝޮޓް ތައް ފޭސްބުކަށް ލާފައި ހުރީ އަންހެނެކެވެ. އޭނާގެ ޕޯސްޓް ގެ ކެޕްޝަންގައި ލިޔެފައި އޮތީ، އޭނާގެ ބޯއިފްރެންޑާ ދިމާލަށް ކޮންމެވެސް އަންހެނަކު ޑެޑީ ކިޔާކަން އެނގިގެން އެވާހަކަ އެހުމުން އެއީ ކޮއްކޮއެއް ކަމަށާއި، އޭނާ ބޭނުންވާ ކަންކަން ކޮށްދޭތީވެ އޭނާ ތިމަންނައަށް ޑެޑީ އޭ ކިޔަނީ ކަމަށާއި، އޭނާ ވެސް އެ ކޮއްކޮ އަށް ބޭބީ އޭ ކިޔަނީ އެހެންވެ ކަމަށް ބުނިކަމަށެވެ.

ކޮންމެއަކަސް، ދެންވީ ގޮތަކީ އެ އަންހެންމީހާ އޭނާގެ ބޯއިފްރެންޑްގެ ޗެޓުތައް ބެލީ އެވެ. ބެލި އިރު ފެނުނީ މިބުނާ “ޑެޑީސް ލިޓްލް ބޭބީ” އާއި އެކު ދައްކާފައިވާ ވާހަކަތަކެވެ. މި ޗެޓް ސްކްރީން ޝޮޓްތަކުން އަހަންނަށް އެނގުނީ މިއީ ކުޑަ އަންހެން ކުއްޖެއް ކަމެވެ. އަދި މި ސްކްރީން ޝޮޓްތައް މިގޮތައް ލީކް ކުރާނީވެސް ކުޑަ ކުއްޖަކުކަން އެނގުނެވެ. އެޗެޓުތަކުގައި އެ ފިރިހެންމީހާ ވަރަށް ގިނައިން އެ ކުއްޖާ ގާތު މާލެ އައުމަށް ބުނެފައިވެއެވެ. އެ އަންހެން ކުއްޖާ ހުރީ ޖެންޑާގެ ބެލުމުގެ ދަށުގައި ކޮންމެވެސް އެހެން ރަށެއްގައި ކަން އެނގެއެވެ. އޭނާ ޗެޓް ކުރަނީ ކޮންމެވެސް އެހެން ގޮތަކުންނެވެ. ބައްޕަ ފޯނު އަތުލައި ޖެންޑާއަށް ދިން ވާހަކަ ޗެޓުގައި ބުނެފައިވެއެވެ. އަދި އޭނާ މާލެ އައިސްފިނަމަ އެގޭގައި (އާއިލާ މީހަކު) އޭނާ އާއި ބެހުމުގެ ފުރުސަތު އޮތުމުން އޭނާ އަންނަން ބޭނުންވާހަކަ ވެސް ބުނެފައިވެއެވެ. ވީމާ، އޭނާ އަކީ ކުރިންވެސް ގޭތެރެއިން ޖިންސީ އަނިޔާ ލިބިފައިވާ ކުއްޖެއްކަން އެނގެއެވެ. ނަމަވެސް ވާހަކަދައްކަމުން އައި ފިރިހެންމީހާގެ ހަމައެކަނި ބޭނުމަކީ އަލުން އޭނާ މާލެ ގެނައުމެވެ. ގެނެސް އޭނާ އާއި އެކު އުޅުމެވެ.

advertisement

ލޯބިވާ ކަމަށާއި މިސްވާ ވާޙަކަތައް އަބަދުވެސް ދައްކާފައި ހުރިއެވެ. އަދި ޖިންސީ ކަންތައްތަކުގެ ވާހަކަ އާއި ކަންކަން ކުރާނެ ގޮތުގެ ވާހަކަތައް ވެސް ދައްކާފައި ހުރިއެވެ. އެދެމީހުން ދިމާވެ މީގެ ކުރިން އެކުގައި ނެގި ފޮޓޯއެއް ވެސް ޗެޓުގައި ވެއެވެ. އެ އަންހެން ކުއްޖާ ހުރީ :މިނިވަންކަން” ބޭނުންވެފައެވެ. ބައްޕަ ކައިރީ ރަށުގައި އުޅެން ބޭނުން ނޫން ކަމަށާއި، 18 އަހަރު ފުރޭ އިރަށް ރިޒޯޓަށް ދާނެ ކަމަށް ބުނެފައިވެއެވެ. އޭރުން ބޭނުން އިރަކު މާލެ އައިސް “ޑެޑީ” އާއި ބައްދަލުކުރެވޭނެ ކަމަށާއި 18 ފުރޭއިރަށް އިންނަން ބޭނުންވާ ވާހަކަވެސް ބުނެފައިވެއެވެ. އޭނާ ބެލްކަނީ އިން ވެއޓިގެން ސައިކޭޓްރިސްޓަކަށް ދެއްކިވާހަކަ ވެސް ބުނެފައި ހުރިނަމަވެސް އެކަމަކާއި އެ ފިރިހެންމީހާގެ މާ ބޮޑު އަޅާލުމެއް ނެތެވެ. އެކުއްޖާ ބުނެފައި އޮތީ މޫނު މައްޗަށް އަނދިރިއެޅިގެން ދެވަނަ ބުރިން ވެއްޓުނު ވާހަކައެވެ. ޖެންޑާގެ ބެލުމުގެ ދަށުގައި ހުރީ ސީދާ ކޮންތާކު ކަމެއް ނޭނގެއެވެ.

މިއީ ބިރުވެރި ކަމެކެވެ. ކުޑަ އަންހެން ކުދިން “މިނިވަންކަން” މާނަ ކުރާ ގޮތަކީ ރިޒޯޓެއްގެ ވަޒީފާއަށް ގޮސް އާއިލާ ކައިރިން މިންޖުވުން ހެއްޔެވެ؟ އާއިލާތަކުން ކުދިންނަށް ސޭފް ސްޕޭސް އެއް ނުދެނީ ކީއްވެހެއްޔެވެ؟ ކުދިންނަށް ރައްޓެހިންނާއި ވާހަކަ ދައްކައި ހެލްތީ ފްރެންޑްޝިޕްސް ކުރިއަށްގެންދަން ބުނެ ނުދެވެނީ ކީއްވެހެއްޔެވެ؟ ވީހާވެސް އަވަހަކަށް ގެއިން މިންޖުވާން ބޭނުންވާ ކުދިން ގިނަ ވުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. އަނިޔާ ލިބިގެން ޖެންޑާގެ ބެލުމުގެ ދަށުގައި ހުރި އިރު ވެސް މި ކުއްޖާ އޭނާ އަށް ރައްކާތެރި ނޫން ގޮތްގޮތަށް، އެހެން ފިރިހެނަކާއި ޗެޓް ކޮށް، އޭނާގެ އެސްކޭޕް ރާވަމުން އައުމަކީ ޖެންޑާ މިނިސްޓްރީގެ އިހުމާލެއްވެސް މެއެވެ. އާއިލާތަކުން ކުދިންނާއި ބާއްވަން ޖެހޭ ގާތް ގުޅުން ބާއްވައި، އެކުދިންގެ ވާހަކަތައް އަޑުއަހައި، (ޖިންސީ ކަންކަމާއި ގުޅޭ ވާހަކަ އާއި ރައްޓެހިންގެ ވާހަކަތައްވެސް) ވާހަކަ ދައްކާ ނަމަ އެކުދިންނަށް ތިމަންނާ މެންނަށް ރަނގަޅު ގޮތް ބުނެދޭ މީހުން ވަކިކުރަން އެނގޭނެއެވެ. އަދި އާއިލާ އަކީ “އުނދަގޫ ބޮޑު” ބައެއް ކަމަށް ދެކި އާއިލާއިން މިންޖުވާން ކިރިޔާ 18 އަހަރުގައި ކައިވެނި ކުރަން ނުރާވާނެއެވެ. ބޮޑުވަމުން އަންނަ ޖީލުގެ ވިސްނުމާއި އެއް ހަމައަކަށް އާއިލާތަކުން އައިސް އެކުދިންނާއި ގާތުން ވާހަކަދައްކައި، ކުރާ ކަންކަން ސިއްރު ނުކުރާ މިންވަރަށް ކަންކަން ހިއްސާކުރެވޭނެ ފަދަ ގާތް ގުޅުމެއް ކުދިންނާއި މެދު އުފެއްދުމަކީ މިފަދަ ކަންކަން ކުރުމުން ކުދިން ދުރުކުރެވޭނެ ކަމެކެވެ. ފިރިހެނަކާއި ވާހަކަ ދެއްކިޔަ ނުދީ ހިފެއްހެއްޓުމުން ދެން ދައްކާނީ ވަގަށެވެ. އޭރުން އެފަދަ ފިރިހެނަކަށް އެކުއްޖަކު ހައްދާލުމަށް އިތުރަށް ވާނީ ފަސޭހައެވެ. އޭގެ ބަދަލުގައި ގާތް ރަހުމަތްތެރި ގުޅުމެއް ކުއްޖާއާއި މެދު ބޭއްވުމުން ވާހަކަތައް ހިއްސާ ކުރާނެއެވެ. ގޯހެއް އުޅޭނަމަ ހިއްޓުވުމަށް އާއިލާއަށް ފުރުސަތު ލިބޭނެއެވެ. ކަންކަން ސިއްރު ކުރަން ކުދިން ބޭނުންވާ ސަބަބަކީ ތިމާމެން ކަމުގައި ވުން ހުއްޓާލާށެވެ. ކުޑަކުއްޖަކަށް ގޯހެއް ހެދިއްޖެ ނަމަ އޭގައި އާއިލާގެ އިހުމާލު ވާނެ އެވެ.

ރިއެކްޝަންސް
0
3
0
2
0
0
0