ރިޕޯޓް: މަސްވެރިކަމުގެ ސަބުސިޑީގެ ފައިދާ ރައްޔިތުންނަށް ނުލިބި ވިޔަފާރިތަކަށް

26 ޑިސެމްބަރ 2022 - 16:30

ރަސްމީ ހިސާބުތަކުން ބަލާއިރު ދިވެހި މަސްވެރިންގެ އަދަދު އުޅެނީ ދިހަހާހުން މަތީގައެވެ. ނަމަވެސް އާމްދަނީ ހޯދުމަށް ކޮންމެ ދުވަހަކު ކަޅުބިލަމަހުގެ މަސްވެރިކަމަށްދާ މަސްވެރިންގެ އަދަދު އެތަށް ގުނައެއް މަދުކަންމީ އެންމެން ދަންނަކަމެވެ.

މަސްވެރިކަމުގެ އުޅަނދުގެ ގޮތުގަައި ރަޖިސްޓްރީކޮށްފައިވާ 579 އުޅަނދު އޮތްކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ނަމަވެސް ސަބްސިޑީގެ ގޮތުގައި ކޮންމެ އަހަރަކު އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ހަރަދުކުރެވިގެންދާއިރު މިކަމަުގެ ފައިދާ ރައްޔިތުންނަށް ކުރޭތޯ މިއީ އުފެދޭ ބޮޑު ސުވާލެކެވެ. ގިނަ ބަޔަކު ދެކޭގޮތުގައި މަސްވެރިކަމުގެ ފައިދާ ކުރަނީ އެކަމުގައި އުޅޭ ވިޔަފާރިތަކަށާއި އެމީހުންގެ ފައިދާ ބޮޑު ކުރުމަށެވެ. އަދި ދިވެހި ރައްޔިތުން ކައިބޮއި އުޅުމަށް ބޭނުންވާ މަސް ފިޔަވައި އެކްސްޕޯޓް ވިޔަފާރީގެ މަހަށް ދެވޭ ސަބްސިޑީއަކީ ސީދާ ރޭވިގެން ހިންގާ ޖަރީމާއެއްކަމަށެވެ.

advertisement

މަސްވެރިކަމުގެ ސިނާއަތުގައި ބިދޭސީން ހަރަކާތްތެރިވުން

މަސް އޮޑިފަހަރުގައި ބިދޭސީން މަސައްކަތްކުރުމަށް މިހާތަނާ ޖެހެންދެން ވެސް އޮތީ ހަނި ފުރުސަތެކެވެ. ދޯންޏެއްގައި ގިނަވެގެން ވެސް ގެންގުޅެވެނީ ދެ ބިދޭސީންނެވެ. އެއީ ވެސް މަސްވެރިކަމާ ގުޅުން ނެތް މަސައްކަތްތަކުގައެވެ. ދޯނިފަހަރުގެ ސެކިއުރިޓީ ނުވަތަ ފަޅުގައި އޮންނަ އިރު ދޯނީގައި ނިންދެވުމަށާއި ފަޅުވެރިންނަށް ކެއްކުމުގައި ބިދޭސީން ގެންގުޅެވެއެވެ.

ނަމަވެސް މިއީ ހަމައެކަނި ގަވާއިދުގައި ލިޔެވިފައި އޮތް ގޮތެވެ. މި އުސޫލު އައުމުގެ ކުރިން ވެސް ބިދޭސީން މަސް ދޯނިފަހަރަށް އަރައިފިއެވެ. މީގެ އެތައް އަހަރެއް ކުރިން އޮޑިދޯނިފަހަރުގައި ބިދޭސީން މަސައްކަތްކުރަން ފަށައިފިއެވެ.

މިހެން މިކަން އޮއްވައި މަސްދޯނިފަހަރުގައި ބިދޭސީން ގެންގުޅެވޭ އަދަދު އިތުރުކުރުމަށް ގަވާއިދަށް ވަނީ ބަދަލު ގެނެސްފައެވެ. ދާދިފަހުން ގަވާއިދަށް ގެނައި ބަދަލުގައިވާ ގޮތުން މިހާރު ދޯންޏެއްގައި އަށް ބިދޭސީން ވެސް ގެންގުޅެވިދާނެއެވެ. ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގާ، ބެލެހެއްޓުމާ ގުޅޭ ގަވާއިދުގައިވާ ގޮތުން 15 މީޓަރަށް ވުރެ ކުދި އުޅަނދުފަހަރުގައި ގިނަވެގެން ހަތަރު ބިދޭސީން ގެންގުޅެވެއެވެ. 24 މީޓަރަށް ވުރެ ބޮޑު ނަމަ ގިނަވެގެން ހައެއް އަދި އެއަށް ވުރެ ބޮޑެތި އުޅަނދުފަހަރުގައި ގިނަވެގެން އަށް ބިދޭސީން ގެންގުޅުމުގެ ހުއްދަ އެ ދޯންޏަކަށް ލިބިދެއެވެ. އެ ގަވާއިދުގައިވާ ގޮތުން އެ ގޮތަށް ބިދޭސީން ގެންގުޅެވެނީ އެ ދޯނީގެ ނަމުގައި އޮންނަ ވާރކްޕާމިޓެއްގައެވެ.

ގަވާއިދަށް މިބަދަލު ގެނެސްފައިވަނީ މަސްއޮޑިފަހަރުގެ ގިނަ ޝަކުވާތަކަކަށް ފަހުއެވެ. އެމީހުންގެ ކަންބޮޑުވުމަކީ ދިވެހިން ނެތިގެން މަހަށް ނުފުރި ތިބެން ޖެހުމެވެ. މަހަށް ދާނެ ދިވެހިން ނެތުމުން ބިދޭސީން ގެންގުޅެން މަޖުބޫރުވަނީއެވެ. މަސްވެރިކަމަށް ކުރިމަތިލާ ޒުވާނުން މަދީއެވެ. އަދި އެހެން ބައެއް ސަބަބުތަށް ވެސް އޮޑިވެރިން ފާހަގަކުރެއެވެ.

މިހާ ހިސާބަށް މިކަން އައީ ދިވެހިންގެ ސަބަބުން

“ދިވެހިންގެ ފަރުވާކުޑަކަން ވެސް އެހާ ބޮޑު. މިހާރު އުޅޭ ޒުވާނުން ދުވަސްކޮޅަކު މަސައްކަތްކޮށްލާފައި ލާރިކޮޅެއް އަތަށް ލިބުނީމާ އޮޑިން ފައިބަނީ. ދެން އަނެއްކާ ވެސް މިޖެހެނީ މީހަކު ހޯދަން. ބިދޭސީން އެހެން ނުވާނެ. އެ މީހުން ދިރިއުޅޭނީ މީގައި. ފިލައިގެން ނުދާނެ. ބުނާހާ ކަމެއް ކުރާނެ. ގެންގުޅެން ފަސޭހަވާނެ. ހަރަދުކުޑަވާނެ،” އޮޑިވެރިއަކު ބުންޏެވެ.

މަސްއޮޑިފަހަރުގައި މަސައްކަތުގައި ބިދޭސީން ގެންގުޅުމުގެ ހުއްދަ ދިނުމުގެ އެތައް ދުވަހެއް ކުރިން ވެސް އޮޑިދޯނިފަހަރުތަކުން ބިދޭސީން ގެންގުޅެން ފަށައިފިއެވެ. ނަމަވެސް އޭރު ހުއްދައެއް ނޯންނާތީ ގެންގުޅެނީ ވަގަށް އުޅޭ ބިދޭސީންނެވެ. މިހާރު ވެސް އެގޮތަށް ވަގަށް އުޅޭ އެތައް ބިދޭސީންނެއް އޮޑިދޯނިފަހަރުގައި މަސައްކަތްކުރެއެވެ. ބައެއް މީހުން ބުނާ ގޮތުން މީގެ ކުރިން އޮޑިދޯނިފަހަރަށް ބިދޭސީން އަރަން ފެށީ އެއްގަމުގައި މަސައްކަތްކުރުމަށް ވުރެ އެ މީހުންނަށް ރައްކާތެރިކަން ލިބޭތީއެވެ. އެ ގޮތުން މަސް އޮޑިފަހަރު ޗެކްކުރުމަކީ އާންމުކޮށް ކަމާ ބެހޭ ފަރާތްތަކުން ކުރާ ކަމަކަށް ނުވާތީ ގަވާއިދާ ހިލާފަށް އުޅެން އެ މީހުންނަށް ފަސޭހައީއެވެ.

މިހާތަނާ ޖެހެންދެން މަސްވެރިކަން އޮތީ ރާއްޖެ އަށް ގިނަ އަދަދެއްގެ ޑޮލަރު އެތެރެކުރާ މަސައްކަތެއްގެ ގޮތުގައެވެ. އެ މަސައްކަތުގެ ތެރެއިން ބޭރަށް ޑޮލަރު ދިއުމުގެ ފުރުސަތު އޮތީ ނުހަނު ކުޑަކޮށެވެ. ނަމަވެސް މި މަސައްކަތުގެ ތެރެއަށް ބިދޭސީން ވަނުމާ އެކު ކޮންމެ އޮޑިއަކުން ވެސް އެތައް ހާސް ޑޮލަރެއް ކޮންމެ މަހަކު ވެސް ރާއްޖެއިން ބޭރުވެއެވެ.

މަސް ހިއްކައި ރިހާކުރު ހެދުން ފަދަ މަސްވެރިކަމާ ގުޅުންހުރި އެތައް މަސައްކަތެއްގައި ވެސް މިހާރު ނަގާ ކިޔަނީ ބިދޭސީންނެވެ. މަސްހޫރު ދިއްގަރު ރިހާކުރަކީ ވެސް ހަމައެކަނި ނަމެއްގައި ދިއްގަރުގެ އެއްޗެކެވެ. އެ އުފެއްދުމުގައި މަސްއޫލުވެ އުޅެނީ ބިދޭސީންނެވެ.

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރޭ ބުނެ މިހާރު ފަހުރުވެރިވެވޭކަށް ނެތެވެ. އެހެން މަސައްކަތްތަކެކޭ އެއްގޮތަށް މަސްވެރިކަން ވެސް މިއަދު ވަނީ ބިދޭސީންގެ އަތްމައްޗަށް ފުރޮޅިފައެވެ. އޮޑިދޯނިފަހަރުގައި ހަމައެކަނި އޮޑިވެރިޔާއަކީ ދިވެއްސަކަށް ވުން ފިޔަވައި ދިވެއްސަކު ނެތި މަސްވެރިކަން ކުރާނެ ދުވަސް ދެން މާ ގިނަ ދުވަހެއް ނުވެ ފެނިދާނެއެވެ.

އަދި މިކަމަކީ ދިވެހި މަސްވެރިންނަށް ސަބްސިޑީދީގެން ކުރެވޭ މަސައްކަތަކަށްވުރެ މަދު ވިޔަފާރިވެރިންތަކަކަށް މިލިއަނުން ރައްޔިތުންގެ ފައިސާ ބަހާލުމެވެ. އާންމު ރައްޔިތުން ގަންނަން ބޭނުންވާ މަހުގެ އަގު ކުޑަ ނުވާތަނުގައި މަސްވެރިކަމުގެ ސީދާ ފައިދާކުރާ ދިވެހި އާއިލާތަށް ދަނޑުވެރިކަމަށް ވުރެ މަދޭ ބުނެވިދާނެއެވެ. ސަބްސިޑީ ދޭންވާނީ ދިވެހިންގެ ބޭނުންމަށް ބާނާ މަހަށެވެ. ވިޔަފާރި ބޭނުންމަށް ބާނާ މަހަކަށް ނޫނެވެ. ބިލިއަނުން ފައިސާދީގެން ދިވެހި މަސްކަނޑުތައް ހުސްކޮށްގެން މަދުވިޔަފާރިވެރިންނަށް ފައިސާދިނުމަކީ ބޮޑު ޖަރީމާއެކޭ ނުބުނެވޭނެ އެއްވެސް ހަމައެއްނެތެވެ.

ރިއެކްޝަންސް
0
0
1
0
0
0
0