ކުލި ޝެއާ ކުރަން ކޮންމެހެން މީހަކާ އިންނާކަށް ދެން ނުޖެހޭނެ — އެޗްޑީސީގެ ކޯލިވިން ފްލެޓުތަކުގެ ބިންގާ އަޅައިފި

31 ޑިސެމްބަރ 2022 - 10:04

މާލޭ ސަރަހައްދުގައި ދިރިއުޅުމަކީ ބޮޑު ތަކުލީފެއް ކަމުގައި އިހުސާސް ނުކުރެވޭ މީހަކު މި ގްރޭޓާ މާލޭ ސަރަހައްދުގައި މަދުވާނެއެވެ. ސަރުކާރުގެ ސޯޝަލް ހައުސިން ފްލެޓުތަކަށް ޝަރުތު ހަމަ ކުރުމުގައި މީހަކާ އިނދެގެން އުޅޭ މީހުންނަށް ޕޮއިންޓް ގިނަ ވުމަކީ ސިންގަލް މީހުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. މައިންބަފައިން ކައިރީގައި އުޅެން ބޭނުން ނޫން ނަމަ ދެން ޖެހެނީ ކުއްޔަށް ތަނެއް ހިފާށެވެ. ކުލި ދައްކަން ޖެހެނީ ކުލި ޝެއާ ކުރާނެ ބައިވެރިއެއް ހޯދާށެވެ. މިނިވަން ކަމާއި އެކު ބައިންބަފައިންނާއި ދުރުގައި އުޅެން ބޭނުންވާ އެތައް ޒުވާނުންނެއް ހަމަ އެކަނި ކުލި ޝެއާ ކުރުމުގެ ބޭނުމުގައި ކައިވެނިކޮށްގެން އެކީ ދިރިއުޅެއެވެ. ނަމަވެސް މިކަމަށް މިހާރު މިއޮތީ ހައްލެއް ލިބޭނެ ގޮތް ފަހިވެފައެވެ.

ކިޔަވާ ކުދިންނާއި ވަޒީފާގައި އުޅޭ ސިންގަލް މީހުންނަށް ހާއްސަކޮށް ހުޅުމާލޭގައި އިމާރާތް ކުރާ “ކޯލިވިންގ ހައުސިން” މަސްރޫޢުގެ ބިންގާ އަޅައިފިއެވެ.

advertisement

“ކޯ ލިވިންގ” ކޮންސެޕްޓަށް އެޗްޑީސީން ފަރުމާކޮށްފައިވާ މި މަޝްރޫޢު ތަފާތު ހިދުމަތްތަކާ އެކު ނިމިގެންދާއިރު އައުޓްޑޯ ޖިމް، ޕޭންޓްރީ އަދި ކޮންމެ ފަންގިފަލައެއްގައި އެންމެނަށް ބޭނުންކުރެވޭނެ ބަދިގެއެއް ހިމެނޭނެއެވެ. މީގެ އިތުރުން އެހެނިހެން ޒަރޫރީ އަދި އަސާސީ ބޭނުންތަކަށް ލޯންޑްރީ އާއި ފިހާރަ ފަދަ އެހެނިހެން ހިދުމަތްތަކެއް މި އިމާރާތުން ލިބިގެންދާނެއެވެ.

އެޗްޑީސީން ހެދި ދިރާސާތަކުން ދައްކާގޮތުގައި ކިޔެވުމަށާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގެ ސަބަބުން މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން އާންމު ގޮތެއްގައި މަހަކު 5000 ރުފިޔާ ހަމައެކަނި ކުލީގެ ގޮތުގައި ދައްކައެވެ. އެމީހުންގެ ތެރެއިން 56 އިންސައްތައަށް ވުރެ ގިނަ މީހުން، މި މަޝްރޫޢުއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

16،934.07 އަކަފޫޓުގެ ބިމުގައި އަޅާ 14 ބުރީގެ އިމާރާތުގެ 2 ވަނަ ފަންގިފިލައިން ފެށިގެން 9 ވަނަ ފަންގިފިލާއަށް ޓްވިން ޝެއަރިންގ އަދި ބާކީ ފްލޯތަކުގައި ސިންގަލް ރޫމްތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއީ ހަމައެކަނި ދިވެހިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
ސިންގަލް މީހުންނަށް މިއީ އުފާވެރި ހަބަރަކަށް ވާނެއެވެ، ދިރިއުޅޭނެ ތަނެއް ނެތިގެން ކުރިމަތިވާ ހާސް ކަމުގެ ތެރޭގައި، ތައްޔާރު ނުވެ ހުރެ، ކުލި ޝެއާ ކުރުމުގެ ބޭނުމުގައި އެކަނި ކައިވެނި ކުރާކަށް ދެން ނުޖެހޭނެއެވެ.

ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަނީ، ހޮންކޮންގގެ ރޯޓައިމް އިންޖީނިއަރިންގ އެންޑް ޓެކްނޮލޮޖީ އާއި ހަވާލުކޮށްގެންނެވެ.

ރިއެކްޝަންސް
0
3
1
1
0
0
1