މިނިމަމް ވޭޖް ހަމަޖައްސާފައި ޓެކްސް ބޮޑުކުރުން: ޖެހުނީ އެއްތާކު؟

2 ޖެނުއަރީ 2023 - 13:08

މިނިވަން ވޭޖުގެ ގޮތުގައި ދޭނެ އަދަދުތައް އިއުލާން ކޮށްފައިވަނީ 2021ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. އެއާއި އެއްގޮތަށް އަމަލު ކުރަން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެންނެވެ.

މިނިމަމް ވޭޖްގައިވާ ގޮތުގައި ކުދި ވިޔަފާރިތަކުގެ މަސައްކަތްތެރިންނަށް މަހަކު 4500 ރުފިޔާ، މެދު ފަންތީގެ ވިޔަފާރިތަކުގެ މަސައްކަތްތެރިންނަށް މަހަކު 7000 ރުފިޔާ ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8000 ރުފިޔާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މަހަކު 7000 ރުފިޔާގެ މުސާރައެއް އެންމެ ކުޑަވެގެން ދޭން ޖެހޭނެ އެވެ.

advertisement

2022 އަހަރު ފެށިގެން އައީ މި އުފާވެރި ހަބަރާއި އެކުގައެވެ. މި ބަދަލާއި އެކު މަސައްކަތްތެރިންނަށް ކުރިން ލިބެމުން އައި އުޖޫރަ އަށް ވުރެ ބޮޑު އުޖޫރައެއް ގެއަށް ގެންދަން ލިބެން ފެށިއެވެ. މަސައްކަތްތެރިން އުފަލުން ފޮޅިއްޖެ ކަމަށް ބުނެ ގިނަ ނޫސްތަކުގައި ސުރުހީ އަޅާލިއެވެ. ސަރުކާރުގެ ވެރިން ވައުދު ފުއްދުނު ކަމުގެ ހަބަރު ދޭން ފެށިއެވެ. .

އަހަރު ނިމި އަނެއްކާވެސް އާ އަހަރެއް ފެށުނީ އެވެ. މިނިމަމް ވޭޖް ބިލަށް އަމަލު ކުރަން ފެށިތާ ބަރާބަރު އެއް އަހަރު ފުރުނު ދުވަސް އައި އިރު މިއޮތީ ޓެކްސް ބޮޑު ކޮށްފައެވެ. ކުރިން ތަކެތީގެ އަގުގެ 6 ޕަސަންޓުގައި ނަމަގަމުން އައި ޓެކްސް މިއަދުން ފެށިގެން 8 ޕަސަންޓަށް ބޮޑުވީއެވެ. މުސާރަ އަށް އިތުރުވީ އެތިކޮޅު އެދިޔައީއެވެ.

މަސައްކަތްތެރިން މިދިޔަ އާ އަހަރު ފެށީ ހެމުންނެވެ. އެ އަހަރު ނިންމާލަން މިޖެހުނީ ރޮމުންނެވެ. އާމްދަނީ އަށް ލިބުނު ކުރިއެރުމަކުން މަސައްކަތްތެރިންގެ ދިރިއުޅުމަކަށް ހެޔޮ ބަދަލެއް ނާންނަނީސް އިތުރުވީ ބައި ދައުލަތުން ނަގަން ފެށީއެވެ. ދަތުރުފަތުރާއި، ކުއްޔާއި ތަކެތީގެ އަގު ހައްތަހާ މަތިވާން ފެށީއެވެ.

ފެނި އަޑު އިވި އިހުސާސްވެ ތަހައްމަލު ކުރަމުން މިދާ ކަމަކީ ސިޔާސަތު ހަދާ މީހުން ހަދާ ސިޔާސަތުތަކުގެ ސަބަބުން އާއްމުންގެ ދިރިއުޅުމަށް ކުރާ އަސަރުތައް އެ ސިޔާސަތުތައް ހަދާ ފަރާތްތަކަށް މުހިންމު ނުވާކަމެވެ. ނުވަތަ އެކަން ދަނެގަންނަން ބޭނުންނުވާ ކަމެވެ. ވީމާ ފަހުރިވެރި އާއިލާ އެއް ބިނާކުރުމަށް މަގު ފަހިކޮށްދިނުމަށް މަސައްކަތްތެރިންނަށް ވީވައުދު ފުއްދިއްޖެ ތޯއެވެ؟

ރިއެކްޝަންސް
0
0
1
1
0
0
2