އެޗްޑީސީ އިން ގަވާއިދާ ހިލާފަށް 253 މިލިޔަން ރުފިޔާ ހޭދަކޮށް، އަދި 131 މީހުންނަށް ވަޒީފާ ދީފައިވޭ: އޮޑިޓް ރިޕޯޓު

5 ޖެނުއަރީ 2023 - 13:58

އެޗްޑީސީ އިން 2017 އާއި 2018 އާއި ދެމެދު ކޮށްފައިވާ ބައެއް މަސައްކަތްތަކަށް ފައިސާ ހޭދަކޮށްފައިވަނީ އެޗްޑީސީގެ އުސޫލުތަކާއި ގަވާއިދުތަކާއި ހިލާފަށް ކަމަށް އޮޑިޓް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

 އެޗްޑީސީގެ ޕްރޮކިއުމެންޓް އުސޫލުގައިވާ ގޮތުން މުދަލާއި ހިދުމަތެއްގެ އަގު ތިން މިލިއަން ރުފިޔާ އަށް ވުރެ އިތުރުވެއްޖެ ނަމަ އެ މުދަލެއް ނުވަތަ ހިދުމަތެއް ހޯދަން ޖެހޭނީ އާންމުކޮށް އިއުލާނުކޮށްގެންނެވެ. އަދި ވޯޓަ ތީމް ޕާކު ސަރަހައްދު ސާފުކުރުމަށް ދެ އަހަރުގެ މުއްދަތެއް އެޗްޑީސީ އަށް ލިބުނު އިރު އެ މުއްދަތަކީ ވާދަވެރި ބީލަމުގެ އުސޫލުން ބަޔަކާ ހަވާލު ކުރެވޭނެ މުއްދަތެއް ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

advertisement

އެ ރިޕޯޓުގައި ފާހަނގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ؛

1.         ހުޅުމާލޭ ވޯޓާ ތީމް ޕާކު ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާއި 18.4 މިލިއަން ރުފިޔާ އަށް އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްފައިވަނީ ޕްރޮކިއުމެންޓް އުސޫލާ ހިލާފަށެވެ.

2.         ޕްރޮޖެކްޓް ސްކޯޕް ބަދަލުނުކޮށް، އެ މަސައްކަތް ނިންމަންޖެހޭ މުއްދަތު އިތުރުކޮށްދީ، އަދި އިތުރު 6.9 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އެ މަސައްކަތް އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްފައިވަނީ ބިޑް ނުކޮށެވެ.

3.         އިއުލާން ކުރުމަކާއި ނުލައި، މަސައްކަތުގެ އެސެސްމަންޓެއް ވެސް ނުހަދައި، ބޭރުގެ ކުންފުންޏަކަށް މަސައްކަތްހަވާލުކޮށް، 26 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

4.         މަގުބައްތިތައް ހަރު ކުރަން އެތަކެތި ސަޕްލައި ކުރި ފަރާތަށް 26.9 މިލިއަން ރުފިޔާ އަށް މަސައްކަތް އެވޯޑުކޮށްފައިވަނީ ވެސް އިއުލާނު ނުކޮށް ސިންގަލް ސޯސް އުސޫލުންނެވެ. މިކަންކަން ބިޑް އުސޫލުން ބޭރުން ވަކި ފަރާތަކަށް ދިފައިވާ އިރު އެކަން އެގޮތަށް ކުރީ ކޮން ސަބަބުތަކާ ހުރެކަން ލިޔެކިޔުމުން ފެންނަން ނެތް ކަމަށް އޮޑިޓް އޮފީހުން ބުނެފައިވެ އެވެ.

5.         “ހިޔާވަހި” ޕްރޮޖެކްޓަށް އެ ކުންފުނީގެ ކޭޝް ފްލޯއިން އެޑްވާންސްގެ ގޮތުގައި 97 މިލިއަން ރުފިޔާ ދީ، އަދި އެއަށްފަހު 2018 ވަނަ އަހަރު އިތުރު 96 މިލިއަން ރުފިޔާ އެ ޕްރޮޖެކްޓަށް ހޭދަކޮށްފައިވެ އެވެ. ޖުމުލަ 193 މިލިއަން ރުފިޔާ ކޭޝްފްލޯ އިން ހޭދަކުރުމުގެ ސަބަބުން ކުންފުނީގެ އެހެން ކަންކަން ހަމަޖައްސަން އުނދަގޫވެ، މުޅި ކުންފުނި ހިންގުމަށް ވެސް ދަތިތަކާ ކުރިމަތިވި ކަމަށް ރިޕޯޓްގައި ވެ އެވެ. އަދި ބަޖެޓުގައި ކަނޑައެޅި އަދަދުތަކަށް ވުރެ 148 މިލިއަން ރުފިޔާ ހިޔާވަހި ޕްރޮޖެކްޓަށް ހޭދަކުރުމުން އެ ކުންފުނިން ކުރިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ވެސް ދަތިތައް ކުރިމަތިވި ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަނގަކޮށްފައިވެއެވެ.

6.         އެޗްޑީސީގެ މަސައްކަތާއި ގުޅުމެއް ނެތް ހަރަކާތްތަކެއްގައި އެތަނުގެ ބައެއް މުވައްޒަފުން ބައިވެރިކޮށް ކުންފުނީގެ ވަސީލަތްތައް ބޭނުންކޮށްފައިވެއެވެ.

7.         ހުޅުމާލޭ ޔޫތް ސިޓީ ޕްރޮމޯޓު ކުރުމުގެ ނަމުގައި 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިން ދުވަސްވަރު ބޭނާ/ޕޯސްޓަރުތަކެއް ތައްޔާރުކޮށްފައިވަނީ ކުންފުނީގެ މަސައްކަތާއި ގުޅޭ ކަމެއްގައި ނޫންކަން ފާހަނގަކޮށްފައިވެއެވެ.

8.         އާއްމުކޮށް އިއުލާނު ނުކޮށް 131 މީހުންނަށް ވަޒީފާ ދީފައިވެއެވެ. ބެކްގްރައުންޑް ޗެކް އަދި ރިފަރެންސް ޗެކް ނުހަދައި މީހުން ވަޒީފާއަށް ނަގާފައިވާ އިރު ކުންފުނީގެ އެއްވެސް ޑިޕާޓްމަންޓަކުން މުވައްޒަފުން ބޭނުންވެގެން އެދިފައިވާ ކަމުގެ ލިޔުމެއް ނެތްކަން ވެސް މި ރިޕޯޓުގައި ފާހަނގަކޮށްފައިވެއެވެ.

ދައުލަތުގެ ކުންފުނިތަކުން ސިޔާސީ ކެމްޕެއިންގެ ދުވަސްވަރު ސިޔާސީ ކަންކަމަށް މަގުފަހި ކުރުމުގެ ގޮތުން ގާނޫނާއި ގަވާއިދާއި ހިލާފަށް ބާރުގެ ބޭނުންކޮށް ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމުގެ ޝަކުވާ އޭރުވެސް މިހާރުވެސް ރައްޔިތުންގެ ފަރާތުން އަޑުއިވެއެވެ. ކަންކަން އިސްލާހުކުރުމަށް 10 ކަމެއް ފާހަނގަކޮށް އޮޑިޓް ރިޕޯޓުގައި އެޗްޑިސީ އަށް 10 ލަފައެއް ދީފައިވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0