މޯޕާ އާއި ބައިވެރިން ޕްލާސްޓިކް ޕެޓް ފުޅި އެއްކުރުމުގެ މަސައްކަތް އައްޑޫ ސިޓީއަށް ފުޅާކޮށްފި

15 ޖެނުއަރީ 2023 - 10:20

މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (އެމްއޯޕީއޭ) އާއި އެ ޖަމިއްޔާގެ ބައިވެރިން ގުޅިގެން ޕެޓް ފުޅި އެއްކުރުމަށް ހިންގާ އެންމެ މުހިންމު އެއް މަޝްރޫއު، ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އަދި ރާއްޖޭގެ އެންމެ ދެކުނު ކަމަށް އައްޑޫ ސިޓީއަށް ފުޅާކޮށްފި އެވެ.

10 ޑިސެމްބަރު 2020ގައި އިފްތިތާހުކުރި ރިވާސް ޕެޓް ލޮޖިސްޓިކްސް ޕްރޮޖެކްޓް ކުރިއަށް ގެންދަނީ، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ލިމިޓެޑް (ކޮކާކޯލާގެ ބުއިންތައް ރާއްޖޭގައި ބަންދުކުރާ ފަރާތް)، ހެޕީ މާކެޓް ޕްރައިވެޓް ލިމިޓެޑް (‘ލައިފް’ ބްރޭންޑުގެ މިނަރަލް ފެން އުފައްދާ ކުންފުނި) އަދި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (‘ތާޒާ’ ބްރޭންޑުގެ މިނަރަލް ފެން އުފައްދާ ކުންފުނި)އާ އެކު ވަރުގަދަ ޕާޓްނަޝިޕެއްގެ ދަށުންނެވެ. މި ޕާޓްނަޝިޕް ގާއިމްކޮށްފައި ވަނީ، އެ ކުންފުނިތަކުގެ އަމިއްލަ އިސްނެގުމުގައި، 100 އިންސައްތަ ރީސައިކަލް ކުރެވޭ ޕެޓް އަލުން ބޭނުންކުރުމުގެ މަގްސަދުގަ އެވެ.

advertisement

މި މަޝްރޫއު ފެށިގެން ދިޔައީ، މާލެ ސަރަހައްދުގައި ރެސްޓޯރަންޓްތަކާއި ކެފޭ ފަދަ ތަންތަން ހިމެނޭ ގޮތަށް 263 އަށް ވުރެ ގިނަ ރީޓެއިލް އައުޓްލެޓްތަކުން އުކާލާ ޕެޓް ފުޅި – 100 އިންސައްތަ ރީސައިކަލް ކުރެވޭ އަދި ރާއްޖޭގެ އިގްތިސާދަށް އިތުރު ކުރިއެރުމެއް ގެނެސްދިނުމުގެ ގާބިލުކަން ހުރި މި ފުޅިތައް – ކޮންމެ ދުވަހަކު އެއްކުރުމުގެ ތެރެއިންނެވެ. ޕެޓް ރިވާސް ލޮޖިސްޓިކްސް ޕްރޮޖެކްޓް މީގެ ގާތްގަނޑަކަށް ދެ އަހަރުދުވަސް ކުރިން ފެށުނީއްސުރެ މިހާތަނަށް 65،000 ކިލޯއަށް ވުރެ ގިނަ ޕެޓް ވަނީ އެއްކޮށްފަ އެވެ.

ޕެޓް ރިވާސް ލޮޖިސްޓިކްސް ޕްރޮޖެކްޓް އައްޑޫ ސިޓީއަށް ފުޅާކުރުމަށް މޯޕާ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު 2022 ވަނަ އަހަރުގެ އޮގަސްޓް މަހު އެއްބަސްވުމެއްގައި ސޮއިކޮށް، މޫދަށް އުކާލެވޭ ޕްލާސްޓިކާ ދެކޮޅަށް މަސައްކަތް ކުރުމުގެ އަމާޒަށް ވާސިލުވުމަށް ވަނީ މަގު ފަހިކުރެވިފަ އެވެ. މި މަޝްރޫއުގައި ކާބޯތަކެތީގެ ހިދުމަތް ދިނުމަށް އައްޑޫގައި ހިންގާ 50 އިންސައްތައަށް ވުރެ ގިނަ ތަންތަން ވަނީ ބައިވެރިވެފަ އެވެ.

ރާއްޖޭގައި މޫދަށް އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށް ކުރާ މަސައްކަތުގައި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާއި އަޅުގަނޑުމެންގެ ޕާޓްނަރުންގެ ވިސްނުމާއި އެއްބާރުލުން ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު ދަންނަވަން. ޕްލާސްޓިކް ކުންޏާ ގުޅޭ ގޮތުން ވަށާޖެހޭ އިގްތިސާދެއް އުފައްދައި ދެމެހެއްޓެނިވި މުސްތަގުބަލެއް ހާސިލްކުރުމަށް މިފަދަ ގުޅިގެން ކުރެވޭ މަސައްކަތްތަކަކީ ވަރަށް މުހިންމު މަސައްކަތްތަކެއް،” މޯޕާގެ ބާނީ އަދި ރައީސް ތޯރިގު އިބްރާހިމް ވިދާޅުވި އެވެ.

ޕެޓް ރިވާސް ލޮޖިސްޓިކްސް ޕްރޮޖެކްޓް އައްޑޫ ސިޓީއަށް ފުޅާކުރުމުގެ މަސައްކަތުގައި މައިގަނޑު ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެނީ ކަލެކްޝަން ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީންނެވެ. ޕެޓް ފުޅި އެއްކުރުމުގެ އިތުރުން، ޕެޓް ފުޅީގައި ބަންދުކޮށްފައި ހުންނަ ތަކެތި ބޭނުންކުރުމާއި އުކާލުމާއި އެއްކުރުން އަދި ރީސައިކަލް ކުރުމާ ގުޅޭ އަހުލާގީ ބަދަލުތައް ގެނައުމަށް ވެސް މި ޕްރޮޖެކްޓްގެ ޒަރީއާއިން މަސައްކަތް ކުރެވި، ކުނި ވަކިކުރުމާއި މެނޭޖްކުރުމުގެ ސަބަބުން ލިބޭ ދުރު ރާސްތާގެ ފައިދާތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް މުޖުތަމައުގެ ބައިވެރިވުން އޮންނަ ޕްރޮގްރާމްތައް ވެސް ހިންގޭނެ އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0