މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކިންގގެ މައްސަލައަށް ބޮޑު ހައްލެއް!

18 ޖެނުއަރީ 2023 - 11:00

މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކިންގ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރާއި އެޗްޑީސީ ގުޅިގެން ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ހުޅުމާލެއިން ހެވީ ވެހިކަލް ޕެއިޑް ޕާކިންގ ޖާގަ ބީލަމުގެ އުސޫލުން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ހުޅުމާލެގައި ޤާއިމުކޮށްފައިވާ ހެވީ ވެހިކަލް ޕާކިންގ ޒޯނުން މުދާ އުފުލާ ބަރު އުޅަނދުފަހަރު ޕާކު ކުރާނެ ޖުމުލަ 19 ޖާގަ ބީލަމުގެ އުސޫލުން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން ވަނީ 17 ޖެނުއަރީ 2023 ގައި އިއުލާނުކޮށްފައެވެ.

މިގޮތުން، ކުއްޔަށް ދޫކުރަން ހަމަޖެހިފައިވާ ޕާކިންގ ޒޯނަކީ ހުޅުމާލެ އެމްޕީއެލް ސަރަހައްދު ކައިރީގައި އޮންނަ ހެވީ ވެހިކަލް ޕާކިންގ ޒޯނެވެ. ކުއްޔަށް ދޫކުރެވޭ ޕާކިންގ ޖާގަތަކުގެ ތެރޭގައި ހިމެނެނީ 40 ފޫޓު ޓްރެއިލާގެ 3 ޖާގައާއި، 20 ފޫޓު ޓްރެއިލަރގެ 2 ޖާގައާއި، ޑަމްޕްޓްރަކް ނުވަތަ ލޮރީފަދަ އުޅަދުތަކަށް ހާއްސަ ކުރެވިފައިވާ 10 ޖާގައާއި، އަދި ކްރޭން ޕާކު ކުރުމަށް ކަނޑައެޅިފައިވާ 4 ޖާގައެވެ.  އެންމެ މަތިން އަގު ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ މި ޕާކިންގ ޖާގަތަކުގެ ބީލަން ފެށޭ އަގަކީ  އަކަފޫޓަކަށް މަހަކު 12.01ރ. އެވެ. އަދި ޖާގަތައް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މީގެ އިތުރުން، މި ޖާގަތަކަށް ކުއްޔަށް ދޫކުރެވެނީ ހަމައެކަނި މުދާ އުފުލާ ބަރު އުޅަނދުފަހަރު ޕާކިންގ ބޭނުމަށެވެ. މީގެ އިތުރުން މި ޖާގަތަކުގައި ޕާކު ކުރެވޭނީ ހަމައެކަނި 100% ދިވެހި ވިޔަފާރިއެއްގެ ނަމުގައި، މާލޭ ސަރަހައްދުގައި ދުއްވުމަށް ރަޖިސްޓަރީ ކުރެވިފައިވާ، ހުޅުމާލޭގެ ސިނާއީ މަސައްކަތުގައި ބޭނުންކުރާ ބަރު އުޅަނދަށެވެ. މި ބީލަމާ ބެހޭ އިތުރު މައުލޫމާތު  (ހުޅުމާލެއިން ހެވީ ވެހިކަލް ޕާކިންގ ޖާގަ ބީލަމުގެ އުސޫލުން ދޫކުރުމާއި ގުޅޭ (hdc.com.mv)) ލިންކް އިން ލިބެން ހުންނާނެއެވެ.

advertisement

ޕާކިންގގައި ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، މިދިޔަ އަހަރުގެ އެޕްރީލް މަހު އެޗްޑީސީން ވަނީ ޕެއިޑް ޕާކިންގ ޒޯންތަކުން ބީލަމުގެ އުސޫލުން 2 ޒޯނަކަށް ބަހާލައިގެން 70 ކާރު ޕާކް ކުރާނެ ޖާގަ ދޫކޮށްފައެވެ. އަދި ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރާތްކުރާ ފަރާތްތަކަށް އުޅަނދުތައް ޕާކްކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތަކާއި، މަގުތަކުގެ މަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް މަދުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިދިޔަ މާރޗް މަހު ވަނީ ހުޅުމާލެގައި ޕާކިންގ ބިލްޑިންގއެއް ޤާއިމްކުރުމަށް ދަމާސް ކޮމްޕެނީ އާއި ހަވާލުކުރެވިފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0