ރިޕޯޓް:މާލެ އަށް ވެހިކަލް އެތެރެކުރުން ހުއްޓާލާކަށް ނުވޭތަ؟

8 ފެބުރުއަރީ 2023 - 12:46

ކޮންމެ އޮޑިއެއްގައި ވެސް ބަރުމަރުކާއެއް ޖެހުމުގެ ބޭނުމަކީ އެ އޮޑިއަކަށް އެންމެ ގިނައިން މީހުންނާއި މުދާ އެރުވޭނެ ލިމިޓެއް ކަނޑައެޅުމެވެ. ހަމަ އެ ގޮތަށް އިމާރާތެއް ނުވަތަ ރަށެއްގައި ވެސް އެންމެ ގިނައިން މީހުން ދިރިއުޅެވޭނެ މިންވަރާއި އެއްގަމު އުޅަނދުފަހަރު ގެންގުޅެވޭނެ މިންވަރު ކަނޑައަޅާކަށް ނުޖެހޭ ހެއްޔެވެ؟ މާލެ މި ވަނީ ފުރި ތޮއްޖެހިފައެވެ. ދުނިޔޭގެ އެންމެ ބައިބޯ ސިޓީތަކުގެ ތެރޭގައި މާލެ ހިމެނެއެވެ. މީހުން މި ސަހަރުގައި އެއްގަމު އުޅަނދުފަހަރާ ހުރެ ހިރިލަން އުނދަގުލެވެ. ނަމަވެސް އެތެރެކުރާ މިންވަރަށް އެތެރެކުރަނީއެވެ. ހިފެހެއްޓުމެއް ނެތެވެ.

މާލޭގައި ދުއްވޭނި ކިހާ އުޅަނދެއްކަން ކަނޑައެޅުމަކީ މާލޭ ސިޓީ ކައުންސިލްގެ ޒިންމާއެކެވެ. ނަމަވެސް އެ ވާހަކަ ދައްކާތާ ވެސް އަހަރުތަކެއް ވީއެވެ. އެކަމެއް ނުވެއެވެ. ސައިކަލްތަކުގެ ޝިޕްމެންޓްތައް ފުލުފުލުން އެހަރަ އެތެރެކުރަނީއެވެ. ރޯދަ މަސް ކައިރިވާތީ ޕްރޮމޯޝަންތައް މެކުހަށް ޖަހާފައެވެ. މާލޭގެ މަގުތަކަށް ކުރާ ބާރާ މެދު ވިސްނާނެ ބަޔަކު ނެތެވެ. ޕާކްކުރާނެ ޖާގަ ނެތަސް އެތެރެކުރާ ވަރަކަށް އެތެރެކުރަނީއެވެ. މަނާ ކަމަކަށް ނުވާތީ ކުރަނީއެވެ.

advertisement

ސައިކަލް އެކަންޏެއް ނޫނެވެ. ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ވެސް ހަމަ އެހާވަރެވެ. ރަޖިސްޓްރީކުރެވޭނެ ގޮތެއް ނެތަސް އެތެރެވާ ވަރަށް އެތެރެވެއެވެ. އުސޫލްތައް އޮންނަ ގޮތުން ހަތަރު ފޮރޮޅުލީ އުޅަނދެއް ރަޖިސްޓްރީކުރުމުގައި ވަކި ކަންތައްތަކަކަށް ބަލައެވެ. އެ ގޮތުން އެ އުޅަނދެއް އުފެއްދި ތާރީހުން ފެށިގެން އެތެރެކުރުމާ ހަމައަށް 10 އަހަރުގެ މުއްދަތެއް ނެތް ނަމަ އެ އުޅަނދެއް “ރަޖިސްޓްރީ”އެއް ނުކޮށްދެއެވެ. އެހެން ނަމަވެސް އޮޅުވާލުމާއި މަކަރުގެ ތެރެއިން އެކަން ވެސް ވެއެވެ.

އަނެއްކޮޅުން ތާކުންތާކު ނުޖެހޭ މި އުސޫލު އޮންނަނީ ވެހިކަލް ރަޖިސްޓްރީކުރުމުގައެވެ. އެތެރެކުރުމުގައި މި ކަންކަމަކަށް ނުބަލައެވެ. ބާ އުޅަނދެއްގެ ގޮތުގައި ކަސްޓަމުން ޑިކްލެއާކުރުމުން ކޮންމެ އުޅަނދެއް ވެސް އެތެރެކުރެވެއެވެ. އެހެންކަމުން ސަރުކާރުން ކަނޑާއަޅާފައި އޮންނަ އުސޫލުގެ ތެރެއިން ރަޖިސްޓްރީނުކުރެވި އެތައް ސަތޭކަ އުޅަނދެއް މާލެ އާއި އައްޑޫ ފަދަ ތަންތަނުގައި މަގުމަތިވެފައި އެބަ އޮތެވެ. ހެއްވާކަމަކީ މި ތަކެތި އެތެރެކުރުމުގައި އެއްވެސް ހުރަހެއް ނެތުމެވެ. ނަމަވެސް އިންޖީނު ސްޓާޓްކޮށްލައިގެން ދުއްވާލެވޭކަށް ވެސް ނެތެވެ. ރަޖިސްޓްރީނުކުރެވޭތީއެވެ. ރަޖިސްޓްރީނުކުރެވޭ އެއްޗެއް އެތެރެކުރުމުގެ ހުއްދަ ދެނީ ކީއްވެ ހެއްޔެވެ؟

ބައެއް ފަރާތްތަކުން ދެކޭ ގޮތުން މާލޭގެ ބަރުމަރުކާ ވަނީ ފަހަނައަޅާފައެވެ. އެހެންކަމުން މިހާރުން މިހާރަށް ކުރަންޖެހޭ ކަމަކީ ވެހިކަލް ރަޖިސްޓްރީކުރުން ހުންޓާލުމެވެ. ހަމައެކަނި ހަތަރު ފުރޮޅުލީ އުޅަނދުފަހަރެއް ނޫނެވެ. ސައިކަލްގައި ވެސް ސިއްކަ ޖަހަންޖެހޭ ވަގުތު ޖެހިއްޖެއެވެ. ޓްރާންސްޕޯޓްގެ ގަވާއިދުގެ ތެރެއިން ރަޖިސްޓްރީނުކުރެވޭ އުޅަނދުފަހަރު ރާއްޖެ އަށް އެތެރެކުރުން ވެސް ކަސްޓަމްސް އިން ހުއްޓުވަން ވެސް ޖެހެއެވެ. ދެ އިދާރާގެ ސިޔާސަތު ދިމާވާންޖެހެއެވެ.

މި ކުޑަކުޑަ މާލެ އަށް ވެސް ކެތްވާނީ ވަކި ވަރަކަށެވެ. ޕާކްކުރާނެ ތަނެއް ނެތެވެ. ކާރުތައް ވައްދާނެ ގަރާޖެއް ވެސް ނެތެވެ. ޕާކްކުރާނެ ތަންތަން ހެދެނީކީ ވެސް ނޫނެވެ. މާލެ ފުރިއްޖެއެވެ. ޓެކްސީ ނިދަން އަރާ ތަނަކަށް ހުޅުމާލެ ދެ ވަނަ ފިޔަވަހި ވެސް ވެ، ރޭގަނޑު ދަމަށް އެޅުމުން ޕާކްކުރާނެ ތަނެއް އެ ތަނަކުން ވެސް މިހާރު ނުލިބެއެވެ. މާލޭގައި އުޅޭ މީހުންގެ ޓެކްސީތައް ވެސް ޕާކްކުރަންވީމާ ދަނީ ހުޅުމާލެ ދެ ވަނަ ފިޔަވައްސަށެވެ. އެހެންކަމުން އެ ތަނުގައި ދިރިއުޅޭ މީހުންގެ ވަހިކަލްތަކަށް ވެސް މިހާރު އެތަނުން ޖާގައެއް ނުލިބެއެވެ. 

އުޅަނދުފަހަރު ރަޖިސްޓްރީކުރުމުގެ ކަންކަން ބޮއްސުންލާފައި އޮންނަތާ އެތައް އަހަރެއް ވެއްޖެއެވެ. އެތައް ފޯރަމެއްގައި މި ވާހަކަ ދައްކައިފިއެވެ. މަޖިލީހުގައި އެތައް ބަހުސްއެއް ކޮށްފިއެވެ. ގަރާޖް ސިޓީގެ ވާހަކަ އާއި ލިމިޓް ކަނޑައެޅުމުގެ ވާހަކަ އެކި ގޮތްގަތަށް ދައްކައި ބާވެއްޖެއެވެ. އަމަލީ ސިފައެއް ނާދެއެވެ. ހައްލެއް ވެސް ނުލިބެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0