އާރބަން ބޮލަވާރޑް މަޝްރޫއުގައި ހިމެނޭ ކެފޭ އަދި ރެސްޓޯރެންޓް ތަރައްޤީކުރުން 6 ފަރާތަކާ ހަވާލުކޮށްފި

12 މާޗް 2023 - 9:09

ދިވެހިރާއްޖޭގެ އިޤްތިޞާދީ މަންފާއަށް ޓަކައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އާރބަން ބޮލަވާރޑް މަޝްރޫޢުގައި ހިމެނޭ  ކެފޭ އަދި ރެސްޓޯރެންޓްތައް ތަރައްގީކުރުމަށްޓަކައި  6  ފަރާތަކާއިއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މީގެ ތެރޭގައި ރާއްޖޭގައި ނަން މަޝްހޫރު ގިނަ ކުންފުނިތަކާއި، ކެފޭ ރެސްޓޯރަންޓް ހިންގުމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ތަޖުރިބާ ހޯދައިފާވާ ފަރާތްތައް ހިމެނެއެވެ.

އެގޮތުން ބްރަދާސް ކޭޓަރިންގ އިން ޤާއިމުކުރަން ހަމަޖެހިފައިވާ ކެފޭ ރެސްޓޯރެންޓް އެއްބަސްވުމުގައި ބްރަދާސް ކޭޓަރިންގގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރ މުހައްމަދު ޝައިފްއެވެ. އަދި ރެފްކޫލްގެ ފަރާތުން ޤާއިމުކުރަން ހަމަޖެހިފައިވާ ކެފޭ  އެއްބަސްވުމުގައި ރެފްކޫލްގެ ފަރާތުން ސޮއިކުރެއްވީ އޮޕަރޭޝަންސް މެނޭޖަރ އަހުމަދު ނިހާދް އަދި ސެލްސިއަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޤާއިމުކުރަން ހަމަޖެހިފައިވާ ކެފޭ  އެއްބަސްވުމުގައ ސެލްސިއަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފަޒީލްއެވެ.

advertisement

އަދި މީގެއިތުރުން، މިސްރާބު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންވެސް ވަނީ މި ސަރަހައްދުގައި ކެފޭ ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި މިސްރާބު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އަހުސަން ޒާހިރުއެވެ.

ދިވެހިރާއްޖޭގެ ނަން މަޝްހޫރު ފްރޭންޗައިޒް ކަމުގައިވާ ޑައިނެމޯ ރެސްޓޯރެންޓްވެސް މި ސަރަހައްދުގައި ޤާއިމުކުރުމަށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ޑައިނެމޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ އަލީއެވެ.

ޑްރީމްސް ޕްރައިވެޓް ލިމިޓަޑްގެ ފަރާތުން އާބަން ބޮލެވަރޑް ޤާއިމު ކުރެވޭ އެއްމެ ފުރަތަމަ ގްލޯބަލް ފްރެންޗައިސް އައުޓްލެޓްކަމުގައިވާ ކެނީ ރޮޖާސް ރޯސްޓަރސްގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ޑްރީމްސްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހިމް ހުސެއިން އެވެ. އެޗް.ޑީ.ސީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ޗީފް ފައިނޭންޝަލް އޮފިސަރ އަހުމަދު ޝާމްއެވެ.

އާރބަން  ބޮލެވަރޑް ނިމިގެން ދާއިރު، މި ސަރަހައްދު ވެގެން ދާނީ ހުޅުމާލޭގެ ތަރައްޤީ އާ ބަދަހިވަންތަ މުޖުތަމަޢު ދައްކުވައިދޭ ފުރިހަމަ ރަމްޒަކަށްށެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުގައި ވެސް ތަރައްޤީ ކުރެވިފައި ހުންނަ  ބޮލެވަރޑްތަކާއި އެއްގޮތަށް ހުޅުމާލޭގެ އާރބަން ބޮލެވަރޑް  ވެސް ވެގެން ދާނީ، ގިނަ ޙިދުމަތްތަކެއް އެއްތަނަކުން ލިބިގެން ދާނެ ތަނަކަށެވެ. އަދި ދެ ފޭސްގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތައް އާޢިލާ އާއި ރަހުމަތްތެރިންނާއި އެކު ވަގުތު ހޭދަކޮށްލުމަށް ބޭނުން ކުރެވޭނެ މަޤުބޫލު ސަރަހައްދަކަށްވެސް ވެގެންދާނެއެވެ.

މީގެ ކުރިން ބާބަކިޔު ސަރަހައްދުގެ ގޮތުގައި ހުޅުމާލޭގައި ބޭނުން ކުރަމުންދިޔަ ހިސާބު ތަރައްގީކޮށް ނިމޭއިރު އެ ތަނުގައި އާއްމުން މުނިފޫހިފިލުވާ ހިތްހަމަޖެއްސުމަށް ގިނަ ހަރަކާތްތަކެއް ހިންގޭނެއެވެ. އެގޮތުން، ކުޑަކުދިންގެ ޕާކް، އައުޓްޑޯ ޖިމް، ފަދަ ގިނަ ވަސީލަތްތަކެއް ޤާއިމު ކުރެވިގެން ދާނެއެވެ. އަދި މިހާރު ހުޅުމާލެ ބީޗްގައި ހިންގޭ ކެފޭ ރެސްޓޯރަންޓުތައް ނެތުމަށް ވެސް ދާއިމީ ހައްލެއް މި ކަމުން ލިބިގެންދާނެކަން ޔަޤީނެވެ.

މި އައުޓްލެޓްތަކުގައި ފިއުޝަން ސްޓައިލަށް ތަފާތު ގިނަ ކުޒިންތަކުގެ ކާބޯތަކެތި ލިބިގެން ދާނެއެވެ. އަދި މި ކެފޭތައް ޑިޒައިން ކުރެވިފައި ވަނީ ތިމާވެއްޓާ ރައްޓެހި އަދި އާރބަން ބޮލެވަރޑްގެ ރީތި ކަމަށް ބަލާ އޭގެ އަސްލު ނުގެއްލޭ ގޮތަށެވެ.

ހުޅުމާލޭގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ކުލަ ޖެހި، ދުނިޔޭގެ އެކި ޤައުމުތަކުން ވެސް ލިބޭ ޙިދުމަތްތަކާއި ވަސީލަތްތައް ދުވަހުން ދުވަހަކަށް މިދަނީ އިތުރު ވަމުންނެވެ. އެޗް.ޑީ.ސީގެ އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެއަށް ޒިޔާރަތް ކުރާ ރައްޔިތުންގެ ލާބައާއި ފަސޭހައަށް ކުރެވޭ ގިނަ މަސައްކަތްތައް ދެނެގަނެ، ރައްޔިތުންގެ ބައިވެރިވުމާއި އެކު ކުރުމެވެ. އާބަން ބޮލެވަރޑް ވެގެން ދާނީ މުޅި ހުޅުމާލޭގެ މަލަމަތި މި އަސާސުތަކުގެ ދަށުން ބަދަލުކޮށްލަ ދޭނެ ފުރިހަމަ ރަމްޒަކަށްކަން ޔަޤީނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0