ރިޕޯޓް: ފުޓުބޯޅައިގެ މިސްރާބު ބަދަލުކުރާކަށް ނުވޭތަ؟

13 މާޗް 2023 - 16:32

ޕްރޮފެޝަނަލް ނުވަތަ މަތީ ފަންތީގެ ފުޓުބޯޅަ މެޗެއް ރާއްޖޭގައި އެންމެ ފަހުން ކުޅެފައި ވަނީ މީގެ ހަތް މަހެއްހާ ދުވަސް ކުރިންނެވެ. އެއީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 21 ވަނަ ދުވަހު އެފްއޭ ކަޕްގެ ފައިނަލްގައި މާޒިޔާ ސްޕޯޓްސް ކްލަބާއި ކްލަބް ވެލެންސިޔާ ބައްދަލުކުރި މެޗެވެ. އޭގެ ފަހުން ރާއްޖޭގެ ގައުމީ ފުޓުބޯޅަ އިދާރާ އެފްއޭއެމް އިން އިންތިޒާމުކޮށްގެން ފުޓުބޯޅަ މުބާރާތެއް ބާއްވާފައެއް ނުވެއެވެ. މިއީ ކުޅިވަރުތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރާ ކުޅިވަރު ކަމަށްވާ ފުޓުބޯޅައިގެ ހާލަތު އޮތް ގޮތެވެ.


ނުވަދިހައިގެ އަހަރުތަކާއި ދެހާހުގެ ކުރީކޮޅު ރާއްޖޭގައި ފުޓުބޯޅައިގެ ފޯރި ވަރަށް ގަދައެވެ. ކްލަބްތަކުގެ ވާދަވެރިކަމުގައި ރާއްޖޭގެ ފުޓުބޯޅަ ދުނިޔޭގެ ނިސްބަތުން ވެސް ވިދާލިއެވެ. ކާމިޔާބީތަކެއް ވެސް ހާސިލްކުރިއެވެ. އޭރު މެޗެއް ކުޅޭ ނަމަ ދަނޑުތައް ފުރާލައެވެ. ޓިކެޓް ގަތުމަށް ކިޔު ހަދާލައެވެ. އެހެން ނަމަވެސް ފާއިތުވި 15 ވަރަކަށް އަހަރުގެ ތެރޭގައި ފުޓުބޯޅައިގެ ފޯރި ދުވަހެއް ދުވަހަކަށް ދިޔައީ ކުޑަވަމުންނެވެ. ސަބަބުތައް ގިނައެވެ.

advertisement

ފުޓުބޯޅައިގެ ފޯރި ފަނޑުވަމުންދިޔުމުގެ ސަބަބުތައް


އެއްބަޔަކު ދެކޭ ގޮތުގައި ސަޕޯޓަރުންގެ ފޯރި ކެނޑުމުގެ މައިގަނޑު ސަބަބަކަށްވީ ޓީވީ މެދުވެރިކޮށް ބޭރުގެ ލީގުތައް ފެންނަން ފެށުމެވެ. ޓީވީން ފެންނަ ރީތި ކުޅުން ގަލޮޅު ދަނޑުން ނުފެނުމަކީ އޭގެ އެއް ސަބަބެވެ. ފެންވަރު ރަނގަޅު ކުޅުންތެރިން ނުފެނުމާއި ސަޕޯޓަރުން ބޭނުންވާ ފެންވަރަށް ޓީމުތަކުގެ ކުޅުން ވެސް ނުގެންދެވުމަކީ ރާއްޖޭގެ ފުޓުބޯޅަ އަށް އޮތް ލޯބި ކުޑަވުމުގެ ސަބަބެކެވެ.


މީގެ އިތުރުން ފުޓުބޯޅައަކީ ވެސް ވިޔަފާރިއަކަށް ވެގެން ދިޔައިރު އެކަން ކުރާނެ ގޮތްތައް ކަމާ ބެހޭ އިދާރާތަކަށް ނޭނގުމާއި ޓީމުތަކަށް ވެސް އެ މަގު ހޯދިފައި ނުވުމަކީ ފުޓުބޯޅަ އަޑިއަޅާލުމުގެ ސަބަބެއް ކަމަށް މާހިރުން ދެކެއެވެ. ފުޓުބޯޅަ އަށް އަންނަމުން ދިޔަ ބަދަލުތަކާ ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކާއި ކްލަބްތަކަށް އަރާ ފައިހަމަނުކުރެވުނެވެ. މާލީ ގޮތުން އިންވެސްޓަރުންގެ ޝައުގުވެރިކަން ހޯދާނެ ގޮތްތައް ނުހޯދުމަކީ ފުޓުބޯޅަ ކްލަބްތައް ބަންގްރޫޓުވާން މެދުވެރިވި ސަބަބެކެވެ.

ކްލަބްތަކަށް ފައިސާ ހޯދޭނެ މަގެއް އެފްއޭއެމްއަކަށް ނުދެއްކުނެވެ. ނަތީޖާއަކަށްވީ ކްރިކެޓަށް ގޮސް ހުސްވެފައި އޮތް އިންޑިއާ އިން ފުޓުބޯޅައިގައި ވެސް ރާއްޖެ ފަހަތަށް ޖެއްސުމެވެ. މުޅި ނިޒާމު ބަދަލުކޮށް އެއީ ވެސް އާމްދަނީ ހޯދޭނެ އަދި ފުރިހަމައަށް ކުރިއަށް ގެންދެވިދާނެ ކުޅިވަރެއްކަން އިންޑިއާ އިން އަންނަނީ ސާބިތުކޮށްދެމުންނެވެ. ފުޓުބޯޅަ ކުރިއެރުވުމަށް ބޭރުގެ ގިނަ އެހީތަކެއް ލިބުނު ނަމަވެސް އެ ފަންޑްތައް އެކަށީގެންވާ ގޮތެއްގައި ބޭނުން ނުހިފި ޒުވާން ކުޅުންތެރިން އުފެއްދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުމަކީ ވެސް އޭގެ ސަބަބެކެވެ.

ރާއްޖޭގައި މިހާރު ހިނގަނީ ފުޓްސަލް


ފުޓުބޯޅަ ކުރިއަރަން އޮތީ ސަޕޯޓަރުން އިތުރުކުރެވިގެންނެވެ. ދަނޑަށް ވަންނަ މީހުން އިތުރުކުރެވިގެންނެވެ. ޕްރޮފެޝަނަލް މެޗުތަކަށް މީހުން ވައްދާނެ ގޮތްތައް އެފްއޭއެމް އަށް އަދި ކުޅިވަރާ ބެހޭ ވުޒާރާ އަށް އުޅެއުޅެ ވެސް ނުހޯދުނެވެ. ސުވާލަކީ ހަގީގަތުގައި ވެސް ފުޓުބޯޅަ މަތިން މީހުން ފޫހިވީ ހެއްޔެވެ؟ މިއީ ދިރާސާއެއް ކުރަންޖެހޭ ކަމެއް ނަމަވެސް ފެންނަ މަންޒަރު މުޅިން އެހެން ބުނެވޭކަށް ވެސް ނެތެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަދި ހާއްސަކޮށް މާލޭގައި ބާއްވާ ތަފާތު އެކި ފުޓުސަލް މުބާރާތްތައް ބެލުމަށް އެތައް ބަޔަކު އެ މުބާރާތެއް އޮންނަ ސަރަހައްދުތަކަށް ޖަމާވެއެވެ. ރަށްތައް ތަމްސީލްކުރާ ޓީމުތަކާއި ކުންފުނިތައް ތަމްސީލްކުރާ ޓީމުތައް ކުޅޭ މެޗުތަކަށް އެތައް ބަޔަކު ޖަމާވެ، މުޅި ތަން ގުގުމާލައެވެ. އެހެން ގޮތަކަށް ބުނާ ނަމަ ޕްރޮފެޝަނަލް ފުޓުބޯޅަ އަށް ވުރެ ރާއްޖޭގައި މިހާރު މަޝްހޫރީ ފުޓްސަލްއެވެ. ސަޕޯޓަރުންނަށް ބަލާ ނަމަ މިއީ ޔަގީންކޮށް ބުނަން އެނގޭ ކެމެވެ.

ބޭރު ކުޅުންތެރިން ގެނައުން ކިހިނެއްވާނީ?


ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުން ދެން ވެސް ފުޓުބޯޅަ އަށް ލޯބި ހޯދެން އޮތީ ބޭރުގެ ލީގުތައް ގޮތަށް ހޯމް އެންޑް އަވޭ އުސޫލަށް ފުޓުބޯޅަ ބަދަލުކޮށްގެންނެވެ. ރަށްރަށުގައި ވެސް މެޗުތައް ކުޅެވޭނެ ގޮތަށް އަދި މާލޭގައި ވެސް އަވަށްތައް ނުވަތަ ކްލްބްތަކަށް ހާއްސަ ދަނޑުތަކެއް ކަނޑައަޅައި ހޯމް އެންޑް އަވޭ އުސޫލުން މެޗުތައް ކުޅެން ފަށައިފި ނަމަ އަދިވެސް ފުޓުބޯޅަ އަށް ލޯބި އިތުރުކުރެވިދާނެއެވެ.

މީގެ އިތުރުން ބޮޑު ހޭދައެއް ކޮށްގެން ވިޔަސް ބޭރުގެ މަޝްހޫރު ކުޅުންތެރިން ނުވަތަ ރިޓަޔަކުރާ އުމުރަށް ގޮސްފައި ތިބޭ މަޝްހޫރު ކުޅުންތެރިން ރާއްޖެ ގެނެސް ކުޅުވޭނެ ގޮތެއް ހޯދިއްޖެ ނަމަ ފުޓުބޯޅައިގެ ފޯރިގަދަވެދާނެއެވެ. އޭގެ އެއް މިސާލަކީ ސައުދީގެ ފުޓުބޯޅައިގެ ފޯރި މިހާރު ގަދަވަމުން ދިއުމެވެ. މީގެ ކުރިން މެޗުތައް ބަލަން މާ ގިނަ ބަޔަކު ދަނޑަށް ނުވަތް ނަމަވެސް ޕޯޗުގަލްގެ މަޝްހޫރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ގައުމުގެ އަލް ނަސްރު ފުޓުބޯލް ކްލަބަށް ގެންދިއުމާ އެކު ދަނޑުތައް ވަނީ ފުރެން ފަށައިފައެވެ.

އެއްވެސް ހާލެއްގައި ރޮނާލްޑޯ ފެންވަރުގެ ކުޅުންތެރިއަކު ރާއްޖޭގެ ލީގުގައި ކުޅެން ގެނެވޭނެއެކޭ ބުނަނީއެއް ނޫނެވެ. އެހެން ނަމަވެސް އެއަށް ވުރެ ދަށް ލެވެލެއްގެ ނަމަވެސް ދިވެހިން ދަންނަ މޫނެއް ދިވެހި ލީގަށް ގެނެވިއްޖެ ނަމަ އެ ކުޅުންތެރިއެއްގެ ކުޅުން ބަލަން ގިނަ ބަޔަކު ދާނެ ކަމަށް ބެލެވެއެވެ.


މި އަހަރުގެ ލީގު މި މަހުގެ 27 ވަނަ ދުވަހު ފެށުމަށް އެފްއޭއެމް އިން ތާވަލްކޮށްފައިވީ ނަމަވެސް ޚަބަރުތައް ބުނާ ގޮތުން މިހާތަނަށް ފަރިތަކުރުންތައް ވެސް ފެށިފައި ވަނީ ދެ ތިން ކްލަބެއްގެއެވެ. އަނެއް ބައި ކްލަބްތައް އަދި އުޅެނީ ކުޅެންދާނެ ކުޅުންތެރިން ވެސް ހަމަނުކޮށްލެވިގެންނެވެ. ދިވެހި ފުޓުބޯޅަ މިހާލަތުގައި މާ ގިނަ ދުވަހު އޮންނަންވެއްޖެ ނަމަ ލީގު ހުއްޓުމަކަށް އައުމުގެ ފުރުސަތު ބޮޑެވެ.

ދައުލަތުގެ ބަޖެޓުން އެހާ ބޮޑު ހަރަދެއް ކުރާ އިރު އަދި ބޭރުގެ އެތައް ފަންޑެއް ފުޓުބޯޅަ އަށް ލިބޭ އިރު މި ފެންވަރަށް ކަންކަން ދާ ނަމަ ހަރަދު ކުރުމުގެ ބޭނުމެއް ނެތެވެ. އެކަށީގެންވާ ލީގެއް ނުބޭއްވޭ އިރު ސަރަހައްދީ ލެވެލެއްގައި ވިޔަސް ކާމިޔާބީއެއް ވެސް ނުހޯދެއެވެ. ޒުވާން ކުޅުންތެރިން އުފެއްދުމުގައި ވެސް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވެއެވެ. އޭގެ ބަދަލުގައި އެހެން ކުޅިވަރެއް ކުރިއެރުވުމަށް އެ ހަރަދު ކުރުން މާ ރަނގަޅުވާނެއެވެ. ނަތީޖާ ވެސް ރަނގަޅުވާނެ ކަމަށް ފެނެއެވެ. މިސްރާބު ބަދަލުކުރަންޖެހެއެވެ.

ރިއެކްޝަންސް
1
0
0
0
0
0
0