ރިޕޯޓު: ސަރުކާރަށް ތާއިދު ނުކުރާނަމަ ސިޔާސީ މަގާމުން އިސްތިއުފާ ދޭންޖެހޭނެތަ?

16 މާޗް 2023 - 17:24

ސިޔާސީ މަގާމުތަކަކީ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުން ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކޮށް ދެމެހެއްޓުމަށްޓަކައި އައްޔަންކުރާ ވަޒީފާތަކެކެވެ. އެ މަގާމުތަކުގައި ކޮންމެ ފިކުރެއް އަދި ކޮންމެ ޕާޓީއެއްގެ މީހަކު ހުރިކަމުގައިވިޔަސް ވަޒީފާގެ މަސްއޫލިއްޔަތަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ އެއްޗެކެވެ. އެ ވަޒީފާގައި ދެމިހުރިހާ ހިނދަކު ކުރަންޖެހެނީ ވެސް އެ މަސައްކަތެވެ. ތަންފީޒުކުރަންޖެހެނީ ވެސް ރައީސުލްޖުމްހޫރިއްޔާގެ އެ ސިޔާސަތަކަށެވެ. އެ މަގާމުތަކަށް މީހުން އައްޔަންކުރެވެނީ ވެސް އެ މީހަކަށް ނުވަތަ އެ މީހަކު ތަމްސީލްކުރާ ޕާޓީ އަދި ލީޑަރަކާ މެދު ރައީސުލްޖުމްހޫރިއްޔާ ކުރައްވާ އިތުބާރެއްގެ މައްޗަށެވެ.


މިހާރުގެ ސަރުކާރަކީ ރަސްމީ ލިޔެކިޔުންތަކުން އެމްޑީޕީގެ ސަރުކާރެއް ނަމަވެސް މި ސަރުކާރު އުފެދި އަދި މިހާތަނަށް ހިނގަމުން އައީ ވެސް ގުޅިފައިވާ ޕާޓީތަކެއްގެ މައްޗަށް އެކުލެވޭ ކޯލީޝަނަކުންނެވެ. ކެބިނެޓާއި ސިޔާސީ މަގާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމުތައް ވެސް ބެހިގެން ގޮސްފައި ވަނީ މި ޕާޓީތަކުގެ މެދުގައެވެ.

advertisement

ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނަ އިރު މިހާތަނަށް ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގެންދެވީ ކޯލީޝަން އެ ގޮތުގައި ދެމެހެއްޓުމަށެވެ. ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވުމާ ހަމައިން ވެސް ފުރަތަމަ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް އެކުގައި ތިއްބެވުމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެކަމަށް އެދިވަޑައިގެން ކޯލީޝަންގެ ބައިވެރިންނަށް ސިޓީފުޅެއް ވެސް ފޮނުއްވިއެވެ.


ރައީސްގެ ސިޓީފުޅަށް މިހާތަނަށް ގޮތް ނިންމައި ޖަވާބު ދީފައި ވަނީ އަދާލަތު ޕާޓީ އާއި އަދި ކޯލީޝަންގައި ރަސްމީ ސިފައެއްގައި މީގެ ކުރިން ބައިވެރި ނުވި ނަމަވެސް ސަރުކާރާ އެކު މަސައްކަތްކުރަމުން އަންނަ ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމްގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިންނެވެ.

ރައީސް ސޯލިހާއި ދެކޮޅަށް މަސައްކަތް ކުރަން ބޭނުންނަމަ ސިޔާސީ ވަޒީފާ ދޫކޮށްލަންޖެހޭނެތަ?

ރައީސް އެންމެ ބޮޑަށް އުންމީދުކުރައްވައިގެން ހުންނެވި އަދި އެމްޑީޕީ ނަގާފައި ކޯލީޝަންގެ އެންމެ ބޮޑު ބައިވެރިޔާ ކަމަށްވާ ޖުމްހޫރީ ޕާޓީން ވަނީ ރައީސްގެ ހުށަހެޅުއްވުމަށް ދެކޮޅު ހަދާފައެވެ. އެ ޕާޓީން ނިންމީ ރައީސް އަށް ތާއީދުކުރުމުގެ ބަދަލުގައި ވަކިން ނުވަތަ ވަކިން އުފައްދާ ކޯލީޝަނަކާ އެކު ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ ވާދަކުރުމަށެވެ. ކެންޑިޑޭޓަކީ ކޮބައިކަން ރަސްމީކޮށް އިއުލާންކޮށްފައި ނުވި ނަމަވެސް ޔަގީން ކަށަވަރުވާ ކަމަކީ މި ފަހަރު ރައީސް ސޯލިހާ ވާދަކުރައްވާނީ ޖޭޕީގެ ފަރާތުން ގާސިމް އިބްރާހީމް ކަމެވެ.


ޖޭޕީގެ ނިންމުމާ އެކު ގިނަ ބަޔަކު އުފައްދަމުންދާ ސުވާލަކީ ކޯލީޝަން ރޫޅުނީ ހެއްޔެވެ؟ އެއްބަޔަކު ދެކޭ ގޮތުގައި ކޯލީޝަން ހެދީ ފަސް އަހަރުގެ ދައުރަކަށެވެ. ދައުރު ނިމެންދެން ކޯލީޝަން އެ ގޮތުގައި ދެމި އޮންނާނެއެވެ. އެހެން ކަމުން ފޮތިކޮށް ބައިއެޅި ސަރުކާރުގެ މަގާމުތައް މި ސަރުކާރުގެ ފަހު ދުވަހަހާ ހަމައަށް އެ ގޮތުގައި ދެމި އޮންނާނެއެވެ. ގާސިމް ވެސް ވިދާޅުވަމުން ގެންދަވަނީ އެފަދައިންނެވެ.


އެހެން ނަމަވެސް މި ވިސްނުމާ ދެކޮޅަށް އެތައް ބަޔަކު ދަނީ ހިޔާލުފާޅުކުރަމުންނެވެ. ހާއްސަކޮށް ރައީސް ސޯލިހަށް ތާއީދުކުރައްވާ ބޭފުޅުންނެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން ތިބޭ ބަޔަކަށް ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ނުވަތަ ރައީސް ސޯލިހާ ދެކޮޅަށް ވާހަކަ ދައްކަންޖެހޭ ހާލަތެއް މެދުވެރިވެފައިވާ ނަމަ އެ މަގާމަކުން އިސްތިއުފާ ދޭންޖެހޭނެއެވެ.

ނުވަތަ ޖޭޕީ ދޫކޮށް ރައީސް ސޯލިހަށް ވަފާތެރިވާނެކަމުގެ ޔަގީންކަން ދޭންޖެހޭނެއެވެ. ޖޭޕީގެ ބޮޑު ނިންމުމާ ދެކޮޅަށް މިހާތަނަށް ފާޅުގައި ދެކޮޅު ހެއްދެވީ އެ ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އަދި ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރެވެ. މިނިސްޓަރު ވިދާޅުވީ ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބުކޮށްދެއްވުމަށް މީގެ ކުރިން އެއްބަސްވެވަޑައިގެން ހުންނެވުމުން އެ ނޫން ގޮތަކަށް ނިންމާ ނިންމުމަކާ ރުހިވަޑައިގެންނެވެން ނެތް ކަމަށެވެ. އެހެންކަމުން ޕާޓީގެ މަގާމުން ވެސް އަދި ޕާޓީން ވެސް އިސްތިއުފާ ދެއްވީއެވެ.


ކެބިނެޓްގައި ސަމީރުގެ އިތުރުން ޕާޓީގެ އިތުރު ތިން ބޭފުޅަކު އަދިވެސް އެބަ ތިއްބެވިއެވެ. ނައިބު ރައީސް ފައިސަލް ނަސީމާއި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އާއި ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އަދި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ނިންމަވާ ގޮތެއް އަދި ހާމައެއް ނުކުރައްވައެވެ. ނަމަވެސް ފައިސަލް ކުރިން ވިދާޅުވެފައި ވަނީ އެ މަނިކުފާނު ހުންނެވީ ރައީސް ސޯލިހާ އެކުގައި ކަމަށެވެ.


ފާޑުކިޔާ ފަރާތްތަކުން ދެކޭ ގޮތުގައި މިއީ ކެމްޕެއިން ދުވަސްވަރަށް ވެފައި ރައީސް ސޯލިހަށް ނުވަތަ ސަރުކާރަށް ރައްޔިތުންގެ ނަފްރަތާއި ރުޅިވެރިކަން ރައްދުވާ ފަދަ ކަމެއް ހިންގުމުގެ ބާރު އޮތް ހުރިހާ ބޭފުޅުން އެ މަގާމުތަކުން އިސްތިއުފާ ދޭންޖެހޭނެއެވެ. ސަބަބަކީ ގާސިމް ހޮވަން ބޭނުންވާ ފަރާތެއް ނަމަ ރައީސް ސޯލިހާ ދެކޮޅަށް މަސައްކަތްކުރާނެތީއެވެ.

މިސާލަކަށް ރައްޔިތުން ސަރުކާރު ދެކެ ރުޅި އަންނަ ގޮތަށް ކަމެއް ނިންމުމުގެ ބާރު ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ އަށް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ އެފަދަ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަވަހަށް އިސްތިއުފާ ދިނުމެވެ. ރައީސް ސޯލިހާ ވާދަކުރައްވާ ކެންޑިޑޭޓާއި ޕާޓީގެ ތަރުޖަމާނަކަށް ހުންނަވައިގެން ރައީސް ސޯލިހުގެ ސިޔާސަތު ތަންފީޒުކުރާނެ ގޮތަކީ ކޮބައި ހެއްޔެވެ؟


ފަސް އަހަރު ދުވަހަށް ކޯލީޝަން ހަދައިގެން ތިއްބަސް ރައީސް ސޯލިހާ ދެކޮޅަށް މަސައްކަތްކޮށް ނުވަތަ ވާދަވެރި ކެންޑިޑޭޓް ޕްރޮމޯޓްކުރަން ބޭނުންވާ ނަމަ ރައީސް ހަވާލުކުރެއްވި މަގާމު ދޫކޮށްލައްވަންޖެހޭނެ ކަމަށް ދެކޭ ފަރާތްތަށް ގިނައެވެ. އަނެއް ބަޔަކު ދެކޭގޮތުގައި އެއްބަސްވިގޮތަކީ ދައުރު ނިމެންދެން ދެމިގެންދާ ކޯލިޝަން އަކަށް ވެފައި މަޤާމުތަށް އެގޮތުގައި އޮންނަންވާނެ ކަމަށެވެ. ރީތިގޮތާއި ރިވެތިގޮތަކީ ސިޔާސީ ކަންކަމުގައި މާ މުހިންމުކަމެއް އޮންނަކަމެއް ނޫނެވެ.

ރިއެކްޝަންސް
1
1
1
0
1
0
0